ކޮވިޑްގެ ހާލަތުގައި ކުރު މުއްދަތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ރަށްރަށަށް ނުދެވޭނެ: އެޗްޕީއޭ

ކޮވިޑް19 ގެ ހާލަތުގައި ފަސް ދުވަހުގެ މުއްދަތަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދޫކުރުމުގެ އުސޫލުގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ނުދެވޭނެ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލަށް އާދިއްތަ ދުވަހު ވަނީ ބަދަލު ގެނެސްފައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ގެ ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކާއި (ޔުޓިލިޓީސް، ބޭންކުގެ ޚިދުމަތްފަދަ) އެކިއެކި މަޝްރޫއުތަކުގެ މަސައްކަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.

މި އުސޫލުގައިވާ ގޮތުން ޚިދުމަތްތައް ދިނުމަށް ފަސް ދުވަހަށް ވުރެ ގިނަ ނުވާ ގޮތަަށް ރަށްރަށަށް ދަތުރު ކުރެވެނީ ހަތް ހާލަތެއްގައެވެ.

  • އެއީ ކޭބަލް އަދި މީޑިއާ ނެޓްވާރކްގެ ޚިދުމަތްތައް
  • ބޭންކުގެ ޚިދުމަތްތައް
  • ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތައް
  • ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް
  • މެއިންޓެނަންސް މަސައްކަތްތައް
  • ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫޢާގުޅޭ މަސައްކަތްތައް
  • މިނޫންވެސް އާންމު ޚިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް

އެޗްޕީއޭއިން ބުނީ މިފަދަ މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ނަގަންޖެހޭ ކަމަށާއި، ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެކަމުގެ މައުލޫމާތުދޭން ޖެހޭ ކަމަށެވެ. އަދި ރިސޯޓްތަކަށް އާންމު ޚިދުމަތްތައް ދިނުމަށް ދަތުރުކުރާނަމަ އެޗްޕީއޭގެ “ޕަބްލިކް ހެލްތު އިންޓަވެންޝަންސް ޓުޕްރިވެންޓް ކޯވިޑް-19 ޓްރާންސްމިޝަން އިން ދަ ޓުއަރިޒަމް ސެކްޓަރ” ގައިޑްލައިންއާ އެއްގޮތަށް އަމަލު ކުރަންޖެހޭ ކަަމަށް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!