ހުއްދަ ދިން ފަހުން 182 ގެސްޓްހައުސް ހުޅުވައިފި

ކޮވިޑް-19 ގެ ސަބަބުން ބަންދު ކުރުމަށްފަހު، ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ހުއްދަ ދިނުމާއެކު މިހާތަނަށް 182 ގެސްޓްހައުސް ހުޅުވައިފިއެވެ.

މިހާރު ހުޅުވާފައިވާ ގެސްޓްހައުސްތަކުގެ ތެރޭގައި ރާއްޖޭގެ 10 އަތޮޅެއްގެ ގެސްޓްހައުސްތައް ހިމެނެއެވެ. އެގޮތުން އެންމެ ގިނަ ގެސްޓްހައުސް މި ވަގުތު ވެސް ހިންގަމުން އަންނަނީ މާލެ އަތޮޅުގައެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މާލެ އަތޮޅުގެ 81 ގެސްޓްހައުސްއެއް ވަނީ ހުޅުވައިފައެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދިނީ އޮކްޓޫބަރު 15 ގައެވެ. މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވީ މި މަހު 15ގައެވެ.

އަތޮޅުތެރެއަށް ބަލާއިރު، އއ އަތޮޅުގެ 48 ގެސްޓްހައުސް އަދި އދ އަތޮޅުގެ 18 ގެސްޓްހައުސްއެއް ހިންގަން ފަށައިފިއެވެ. ވ އަތޮޅުން މިހާތަނަށް 17 ގެސްޓްހައުސްއެއް ވަނީ ހިދުމަތަށް ނުކުމެފައެވެ. އަދި ހއ، ނ، ބ، ގދ، ފުވައްމުލައް އަދި އައްޑޫގެ ބައެއް ގެސްޓްހައުސްތަކަށް ވެސް ޓޫރިސްޓުން ގެންދަން މިހާރު ވަނީ ފަށައިފައެވެ.

ކޮވިޑްގެ ކުރިން ޓޫރިޒަމް ދާއިރާގައި އެންމެ ބާރަށް ކުރިއަރަމުން އައީ ގެސްޓްހައުސް ވިޔަފާރިތަކެވެ. އޭރު 530 ގެސްޓްހައުސްއަކުން ރާއްޖޭގައި ހިންގިއެވެ. ނަމަވެސް ބޯޑަރު ބަންދުކޮށް ޓޫރިޒަމް ހުއްޓުމުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ވެސް މެދު ފަންތީގެ ގެސްޓްހައުސްތަކަށް ކަން ފާހަގަކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!