50ން މަތީގެ އެކްޓަރުން 19 އަހަރުގެ ބަތަލާއިންނާ ރޮމޭންސް ކުރުމަކީ ހިތާމަހުރި ކަމެއް: ދިއާ

2000 ގެ ކުރީކޮޅު ބޮލީވުޑްގައި ވިދައިލި ބަތަލާ ދިއާ މިރްޒާ، އެ އިންޑަސްޓްރީގައި ހުރި ބައެއް މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

39 އަހަރުގެ އެކްޓްރެސް ފާހަގަކުރި އެންމެ ބޮޑު އެއް މައްސަލައަކީ، ފިރިހެން އެކްޓަރުން ދެބައި އުމުރަށް އެޅުމުން ވެސް ބަތަލުގެ ބައި ފިލްމުތަކުން ލިބުމެވެ. ނަމަވެސް އަންހެނުންނަށް އެ ފުރުސަތު ނޯންނަ ކަމަށް ދިއާ ބުންޏެވެ. “ބޮލީވުޑަކީ ފިރިހެނުން ކުރީ ސަފުގައި ތިބެގެން ހިންގާ ދާއިރާއެއް”، ދިއާ ބުންޏެވެ.

ދިއާ ބުނި ގޮތުގައި، 50ން މަތީގެ އެކްޓަރުން އެމީހުންނަށްވުރެ ދެގުނައަށް ވުރެ ހަގު އަންހެން ބަތަލާއިންނާ ރޮމޭންސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެފަދަ ފިލްމުތަކަށް އެކްޓަރުން އެއްބަސް ވުމަކީ ހިތާމަހުރި ކަމެއް ކަމަށް ދިއާ ބުންޏެވެ.

މީގެ އިތުރުން ދިއާ ބުނީ، އަންހެން އެކްޓަރުން 40ން މައްޗަށް އެޅުމުން ފިލްމުތަކުން ލީޑު ރޯލު ކުޅެން ލިބުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އަދި ފިލްމު ހަދާ ފަރާތްތަކުން ވެސް އެފަދަ އެކްޓްރެސް އިންނަށް ހާއްސަކޮށްގެން ރޯލުތައް ނުއުފައްދާ ކަމަށް ބުންޏެވެ. “މި އުސޫލު ބަދަލުވާން ޖެހޭ”، ދިއާ ހާމަކުރިއެވެ.

ދިއާ މިރްޒާ ކުޅެފައިވާ މަޤުބޫލު ފިލްމުތަކުގެ ތެރޭގައި “ރެހެނާ ހޭ ތެރޭ ދިލް މޭ” (2001)، “ތެހްޒީބް” (2002)، އަދި “ތުމްކޯ ނާ ބޫލް ޕާޔެނގޭ” (2002)  ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!