ބެޑްމިންޓަން ކުރިއެރުވުމުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭގޮތުން ޕޮލިސް ކުލަބާއި ރިވައިވަލް ސްޕޯޓްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކުލަބުގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. ރިވައިވަލް ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުލަބުގެ ރައީސް ޙުސައިން ޒަޔާން ޝަހީދު ޒަކީއެވެ.
އިއްޔެ ސޮއިކުރި މި ފަހުމުނާމާގެ ދަށުން ބެޓްމިންޓަން ކުރިއެރުވުމުގައި ދެ ކުލަބު ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ޕޮލިސް ކްލަބުގެ ކުޅުންތެރިންގެ ތެރެއިން ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ކުޅުންތެރިންނާއި، ކޯޗުން އިތުރަށް ތަމްރީނުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެޑްމިންޓަން ކުރިއަރުވައި، އިޖުތިމާއީ އެކި ހަރަކާތްތައް ދެ ކުލަބު ގުޅިގެން ހިންގުމުގެ އިތުރުން ރާއްޖެއާއި ބައިނަލް އަގުވާމީ އެކި މުބާރާތްތަކަށް ފަރިތަކޮށް ކުޅުންތެރިން ތައްޔާރުކުރުމުގައި ދެ ކުލަބު ގުޅިގެން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ.
ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ނައިބު ރައީސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު އާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަލީ އިބްރާހިމް އާއި ރިވައިވަލް ސްޕޯޓްސްގެ އިސް ބައެއް މެމްބަރުންނާއި ޕޮލިސް ކުލަބުގެ ބެޑްމިންޓަން ކުޅުންތެރިން ބައިވެރިވެލެއްވިއެވެ.