(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)
ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.
ރަޝްފާއަށް ހޭލެވުނީ މެންދަމުން އަލިވިފަހުންނެވެ. މާ ބޮޑަށް ބަނޑުގައިރިހެން ފެށުމުންނެވެ. ތޫނު ރިހުމެކެވެ. ހީވަނީ ބަނޑުގެ އެކި ދިމަދިމާއަށް ކަށިތަކެއް ހެރެމުންދާ ހެންނެވެ. ރަޝްފާ އުޅުނީ ނަޒީފަށް ގޮވާށެވެ. އެކަމަކު އެކަމެއް އޭނާއަކަށް ނުވިއެވެ. ކުއްލިއަކަށް ރަޝްފާއަށް ހީވީ އޭނާގެ ބަނޑުތެރޭގައި އެއްޗެއް ދުވާން ފެށިހެންނެވެ. އެ ވަގުތު މާ ބާރަށް ނޫން ނަމަވެސް ރަޝްފާއަށް ރޮވޭން ފަށައިފިއެވެ. ގަތްބިރެއްގެ ބޮޑުކަމުންނެވެ. ނަޒީފަށް ހޭލެވުނީ ރަޝްފާގެ ރުއިމުގެ އަޑަށެވެ.
“ކިހިނެއްވީ؟ ބަނޑުގައި ރިހެނީ؟” ރަޝްފާ އުޅެމުން ދިޔަ ގޮތުން ނަޒީފަށް އަހައިލެވުނެވެ. އާއެކޭ ބުނުމުގެ ގޮތުން، ރަޝްފާއަށް ބޯޖަހައިލެވުނެވެ.
“ވަރަށް ބޮޑަށް؟”
ރަޝްފާ އާނއެކޭ ބުނުމުން ނަޒީފު ތެދުވެއްޖެއެވެ. “އަހަރެން އަންނާނަށް އާޝިޔާދައްތަ ގޮވައިގެން. ކަންބޮޑު ނުވައްޗޭ! އިނގޭ!” ނަޒީފު އެނދުން ފުންމާލައިގެން ހުސްގަޔާހުރެ، ކޮޓަރިން ނިކުމެއްޖެއެވެ. ވަރަށް ހަލުވި އަވަސް ފިޔަވަޅުތަކެއްގައެވެ. އެއިރުވެސް ރަޝްފާ ހަމަ ތެޅިފޮޅެނީއެވެ. ބައެއްފަހަރު ތެދުވެ އިށީންނާނެއެވެ. އަނެއްބައި ފަހަރަށް އޮށޯންނާނެއެވެ. ގުދަށް އޮންނާނެއެވެ. އަރިއަށް އޮންނާނެއެވެ. މި ފަދަ ހާލެއްގައި އެ ފަކީރު ތެޅެމުން ފޮޅެމުން ދާއިރު، ހީވަނީ އޭނާގެ ބަނޑުތެރޭގައި ބަޔަކު ގަދަފަދަ ހަނގުރާމައެއް ކުރަމުން ގެންދާހެންނެވެ.
އިރުކޮޅަކުން އާޝިޔާ ގޮވައިގެން ނަޒީފު އަތުވެއްޖެއެވެ. ރަޝްފާގެ ބަނޑަށް ވަމުންދިޔަ ގޮތް ފެނިފައި އާޝިޔާ ވެސް ގަތީ ފާޑެއްގެ ބިރެކެވެ. އޭނާއަކީ ވަރަށް ގިނަ މީހުން ވިއްސާފައިވާ، އެކަމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ލިބިފައި ހުރި ފޫޅުމައެކެވެ. މިހާތަނަށް އައި އިރު ދުވަހަކު ވެސް މި ކަހަލަ މަންޒަރެއް އޭނާއަށް ފެނިފައެއް ނެތެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ރަޝްފާގެ ގާތަށް އޭނާ ޖެހިލައިފިއެވެ. މަޑުމަޑުން ބަނޑުގައި އަތްޖައްސާލައިފިއެވެ. އެ ވަގުތު އާޝިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
“ސުބުޙާނަﷲ!”
އާޝިޔާއަށް ބޭއިޚުތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. އޭނާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. އަނގަ ހުޅުވިފައެވެ. އެ ވަގުތު ވީނުވީއެއްނޭނގި ރަޝްފާ ވިހައިފިއެވެ. ކެތްމަދުވެފައިވާ ރަޝްފާގެ ދެ ލޮލަށް އަމިއްލަ ދަރިފުޅުގެ ބިރުވެރި ސޫރަ ފެނިއްޖެއެވެ. އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. ކޮންމެ މީހަކަށް އެ މަންޒަރު ފެނުނަސް ވާނީ ހަމަ މިފަދަ ގޮތެއްކަން ކަށަވަރެވެ.
ރަޝްފާގެ ދަރިފުޅަކީ އިންސާނެއް ނޫނެވެ. ހުތުރު ސިފައަކަށް އޮތް ވަލުޖަނަވާރެއް ކަހަލަ އެއްޗެކެވެ. މުޅިގައިގައި ހުރީ ކެހެރިއެވެ. ރަތްރަތް ދެ ލޮލާއި ދިގު ދެ ކަންފަތެވެ. ދަތްތައް ދިގުވެފައި ހުރިއިރު ހުރީ، ކުޑަކޮށް ބޭރަށް ނިކުމެފައެވެ. އެ އެތި އޮތީ ހަތަރެސްފައި ޖަހައިގެން ރަޝްފާގެ ގާތުގައެވެ. ރަތް ދެ ލޮލުގެ ނަޒަރު ހުއްޓިފައި ވަނީ، ބިރުން ފިތްކަނޑައިގެންދާވަރު ވެފައިހުރި އާޝިޔާގެ މޫނަށެވެ.
އާޝިޔާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ކޮޓަރިން ނިކުތުމަށް ޓަކައި ދޮރާއި ދިމާއަށް ދުއްވައިގަނެވިއްޖެއެވެ. އެ ވަގުތު ވިދާލި ވިދުވަރެއްހެން، ފުންމައިގެން އައިސް، އާޝިޔާގެ ކަރުގައި އެ އެތި ބައްދައިފިއެވެ. ގިނަ ވަގުތުތަކެއް ނުނަގައެވެ. އާޝިޔާގެ ވައިނޮޅިއަށް އޭގެ ދިގު ދަތްތައް ވައްދާލައިފިއެވެ. ހަމައެއާއެކު ލޭ އޮހިގެންފިއެވެ. މަޑުމަޑު އަޑެއް ވެސް އިއްވައިލާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. ފެނުނީ ކޮޓަރި ތަޅުންމައްޗަށް ވެއްޓި ޖެހުނުތަނެވެ. އެއިރު ވެސް ރަޝްފާ ހަޅޭއްލަވަނީއެވެ. ތެޅިފޮޅެނީއެވެ.
ނަޒީފު ހުރީ ބޭރުގައެވެ. ކޮޓަރިތެރޭގައި އަޑުފަށްގަނޑު މާބޮޑަށް ގަދަވެގެން، ނުހުރެވިގެން، އެންމެ ފަހުން އޭނާއަށް ދޮރު ހުޅުވާލެވިއްޖެއެވެ. އެތެރެއަށް ބޯދިއްކޮށް ބަލައިލެވުނެވެ. އެވަގުތު ނަޒީފު ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ފެނުނީ، ކޮޓަރީގެ ދޮރުކައިރިއަށް ވެއްޓިފައި އޮތް އާޝިޔާގެ ލެއިން ތަތްތެޅިފައިއޮތް ހަށިގަނޑެވެ.
އާޝިޔާގެ މޭމަތީގައި ބިރުވެރި ސިފައަކަށް އިން އެތި ފެނުމާއެކު ނަޒީފު ވެސް ގަތީކީ އަމަށަކު ބިރެއްނޫނެވެ. އޭނާ އުޅުނީ އަވަސް އަވަހަށް އެނބުރި އައިކޮޅަށް ދުއްވައިގަންނާށެވެ. އެހެންނަމަވެސް އެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އެ އެތި ފުންމައިގެން އައިސް ނަޒީފުގެ ކަރުގައި ހިފައިފިއެވެ. އިސާހިތަކު ނަޒީފުގެ ހަށިގަނޑު ލެއިން ކަޅިވެއްޖެއެވެ. ކޮޓަރީ ދޮރުމައްޗަށް ނަޒީފު ގުޅައަކަށް ވެއްޓި ޖެހިއްޖެއެވެ.
އެހައި ހިސާބުން އެ އެތި ދިމާކޮށްލީ ރަޝްފާއާއެވެ. ރަޝްފާއަށް އިހުނަށްވުރެ ބާރަށް ރޮއިގެންފައި ހަޅޭއްލަވައިގަނެވުނެވެ. ތެޅި ފޮޅިގަނެވުނެވެ. އެ އެތި ފުންމައިގެން އައިސް ޖެހިގަތީ ރަޝްފާގެ ބަނޑުމައްޗަށެވެ.
“މަންމާ……….!”
ރަޝްފާއަށް ފުންމައިގެން ތެދުވެވުނެވެ. އެނާ ހަޅޭއްލަވައިގަތް އަޑަށް ނަޒީފަށް ސިހިފައި ހޭލެވިއްޖެއެވެ. އެއިރު ރަޝްފާއަށް އިނީ ރޮވިފައެވެ. އޭނާގެ މުޅިހަށިގަނޑު ރޫރޫއަޅައެވެ. މަރަށް ތެޅޭ ރޯމަހެއް ފަދައިންނެވެ. ނަޒީފު ތެދުވުމާއެކު ނަޒީފުގެ ގައިގައި އޭނާއަށް އޮޅުލައިގަނެވުނެވެ.
“ނަޒީފު…..!” ރަޝްފާއަށް އުޅެވޭނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ.
“ކިހިނެއްވީ؟ އަނެއްކާވެސް ހުވަފެން ފެންނާންފެށީތަ؟” ރަޝްފާ ގަޔާލައި ބޮނޑިކޮށްލަމުން، ހާސްކަމާއެކު ނަޒީފަށް އަހާލެވުނެވެ. ރަޝްފާ ނޫނެކޭ ބުނާކަހަލަ ގޮތަކަށް ބޯ ހަލުވައިލިއެވެ. ނަޒީފަށް އެކަން އަންގަން ރަޝްފާ ބޭނުން ނުވަނީއެވެ.
“ދެން ………. ކިހިނެއްވީ؟”
“ބަނޑު……. ބަނޑުގައި…….. ރިއްސަނީ.” ރަޝްފާގެ އަޑު ތުރުތުރު އަޅައެވެ.
“ވަރަށް ބޮޑަށްތަ؟”
“އާނ!” ރަޝްފާ ބޯޖަހާލިއެވެ. ހަގީގަތުގައި ވެސް ރަޝްފާގެ ބަނޑުގައި މިހާރު ވަރަށް ބޮޑަށް އެބަ ރިހެއެވެ.
“ގަޑިން ކިހާއިރެއްބާ؟” ނަޒީފު ގަޑިއަށް ބަލައިލިއެވެ. “ރީތިކޮށް އޮށޯވެލާ! އަހަރެން އަންނާނަން ވަރަށް އަވަހަށް އާޝިޔާދައްތަ ގޮވައިގެން.”
ރަޝްފާ އެނދުގައި ބޭއްވުމަށްފަހު، ނަޒީފު އަވަސްވެގަތީ އާޝިޔާ ބަލައި ދިއުމަށެވެ.
ނަޒީފު ނިކުމެގެން ދިއުމާއެކު، ރަޝްފާގެ ހިތުގެ ބިރުވެރިކަން ބޮޑުވެގެން ދިޔައެވެ. ކަންތައް އެ ވަނީ ހުވަފެނުގައި ވީ ގޮތަށެވެ. ގެންފައިވާ ބިރެއްގެ ބޮޑުކަމުން، ބަނޑުގައި އަޅަމުން ދިޔަ ވޭން ވެސް އޭނާއަށް އިހްސާސް ކުރެވޭހެނެއް ހިއެއްނުވެއެވެ. އޭނާ އޮތީ ހިތާހިތުން ދުޢާކޮށްލަ ކޮށްލައެވެ. ހުވަފެނުން އެ ފެނުނު ފަދަ ބިރުވެރި، އަނިޔާވެރިގޮތެއް މެދުވެރި ނުކުރެއްވުމަށް އެދިއެވެ.