ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ރަޝްފާ ކުޑަކޮށް ހަމަޖެހޭގޮތްވުމާއެކު، ނަޒީފަށް އޭނާގެ މޫނުމަތީގައި އަޅާވޭން އިހްސާސްކުރެވެން ފަށައިފިއެވެ.

“އަހަރެންގެ މޫނުގެ މި ފަޅިއަށް ހާދަ ބޮޑަކަށް އެބަ ތަދުވެޔޭ!” މޫނުގެ ވާތްފަރާތުގައި އަތްފިރުމައިލަމުން ނަޒީފު ބުންޏެވެ. ނަޒީފުގެ އަޑުގައި ވެސް ހުރީ ވޭނުގެ އަސަރެވެ.

ރަޝްފާއަށް ސަބަބު އެނގެއެވެ. އޭނާއަށް ނަޒީފުގެ މޫނަށް ބަލައިލެވުނެވެ. އެ މޫނުމަތިން އަނިޔާގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ރަޝްފާއަށް ނަޒީފުގެ މޫނުގައި ފިރުމާލެވުނެވެ. އެއާއެކު ރަޝްފާއަށް ރޮވޭން ފަށައިފިއެވެ. ދިމާވެފައިވާ ކަންތައްގަނޑުގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ހިތަށް ވަނުމުންނެވެ. އެ ވަގުތު ބޭއިޚްތިޔާރުގައި ނަޒީފުގެ ގައިގައި ރަޝްފާއަށް އޮޅުލައިގަނެވުނެވެ.

ނަޒީފުގެ މޫނުމަތީގައި އަޅަމުންދިޔަ ވޭނާއި ތަދުގެ އިހްސާސް މަޑުމަޑުން ކުޑަވަމުން ގޮސް ދެތިން ދުވަހުގެ ތެރޭގައި މުޅިން ކެނޑިއްޖެއެވެ.

ދުވަސްތައް ހަފުތާތަކަށް ބަދަލުވަމުން ދާއިރު ހަފުތާތައް ދަނީ މަސްތަކަށް ބަދަލު ވަމުންނެވެ. ކުރިން ރަޝްފާ ނިންމައިގެން ހުރި ގޮތް މިހާރު ވަނީ މުޅިން ބަދަލުކޮށްފައެވެ. އެހެން ރަށަކަށް ބަދަލުވުމުގެ ޚިޔާލު އޭނާގެ ސިކުނޑިން ވަނީ ނެރެ ބޭރުކޮށްފައެވެ. އެހެން ރަށަކަށް ދިޔަ ނަމަވެސް އޭނާއަކަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގުމުންނެވެ. އަދި ކީއް ހެއްޔެވެ. އޭރުން އޭނާއަށް ޖެހޭނީ އިތުރު ނުރައްކާތަކާ ކުރިމަތިލާށެވެ. އެހެންކަމުން މި ޚިޔާލު ދޫކޮށްލުމަށްވުރެ ރަނގަޅު ގޮތެއް ނެތްކަން އޭނާއަށް ވަނީ ގަބޫލުކުރަން މަޖުބޫރުވެފައެވެ.

ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ވިލޭރެއަކީ ރަޝްފާގެ ސިކުނޑިއަށް ހާސްކަމާއި ނުތަނަވަސްކަން ވެރިކުރުވާ ރެއަކަށް މިހާރު ވަނީ ވެފައެވެ. އެ ރެއަކީ، އޭނާގެ ބަނޑުގައި އޮވެ ބޮޑުވަމުން އަންނަ ދަރިފުޅުގެ ބައްޕަ އޭނާއާ ބައްދަލުކުރަން، އެގެއަށް އަންނަރެއެވެ. ކޮންމެ ބުރާސްފަތި ވިލޭރެއެއް ވެސް ބާރަގަޑި ބައިވާނީ އޭނާ އައިސް ހުއްޓައެވެ. އެގަޑިއަށް ނަޒީފަށް ނިދެއެވެ. ވާހަކަ ދައްކާން ތިއްބަސް އެ ވަގުތު ޖެހޭއިރު ނަޒީފަށް އޮންނާނީ ނިދިފައެވެ.

ސަބަބު ރަޝްފާއަކަށް ނޯޅެއެވެ. އެހެންނަމަވެސް މި އިން އެއްވެސް ކަމެއްގެ ޚަބަރެއް، ކުޑަކޮށް ނަމަވެސް ނަޒީފަކަށް ރަޝްފާ ކިޔައެއް ނުދެއެވެ. އޭނާ މިހާރު ބޭނުންވަނީ ހުރިހައި ކަމެއް ވެސް ހަމަޖެހިފައިވާކަން ނަޒީފަށް އަންގާށެވެ. އެއްވެސް މައްސަލައެއް އޮތްކަން އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަޒީފު އަނެއްކާވެސް ފަންޑިތައެއް ހަދައިފާނެތީއެވެ. އެ ކަހަލަ ކަމެއް ކޮށްފިނަމަ، ނިމިގެން ދާނީ ނަޒީފުގެ ހަޔާތެވެ. ނުރައްކަލާ ކުރިމަތިލާން ޖެހޭނީ ރަޝްފާއަށެވެ. މިހާރަށްވުރެ ވެސް ބޮޑަށެވެ.

މި ސަބަބުތަކަށް ޓަކައި ރަޝްފާ ދުވަސްތައް ގުނަމުން ގެންދިޔައީ، ނުހަނު ހިތްހަމަޖެހުމާއެކު އުފާވެރި މޫނެއް ނަޒީފަށް ދެއްކޭތޯ މަސައްކަތް ކުރަމުންނެވެ. ބައެއް ދުވަސްދުވަހު ރަޝްފާގެ ތަބީއަތަށް އައިސްފައި ހުންނަ ބަދަލު ނަޒީފަށް ފާހަގަކުރެވެއެވެ. އެހެންނަމަވެސް އެ ފަދަ ނުތަނަވަސްކަމުގެ ހަގީގަތް ވަންހަނާކުރުމަށް ޓަކައި ދައްކާނެ ބަހަނާ ރަޝްފާއަށް މިއަދު އޮތީ ލިބިފައެވެ. އޭނާއަކީ ދުވަސް ފުރެމުން އަންނަ މާބަނޑު އަންހެނެއް ކަމަށްވާތީއެވެ.

ރަޝްފާގެ ބަނޑަށް އަށް މަސްފުރި ނުވަ މަހަށް އެޅިއިރު ވެސް މާބަނޑު އަންހެނަކު އުފުލާ ފަދަ އެއްވެސް އުނދަގުލެއް، ވޭނެއް އުފުލާކަށް ނުޖެހެއެވެ. ބަނޑުބޮޑުވަމުން އަންނަކަން ފިޔަވައި، އޭނާގެ ހަށިގަނޑަށް އަންނަ އެއްވެސް ބަދަލެއް ނެތެވެ. ސިއްރުން ފުރިފައިވާ މި ކަންތައްގަނޑުގެ ހަގީގަތާ ހަމައަށް ހުވަފެނަކުން ވެސް ދަތުރުކޮށްލުމަށް އުޒުރުވެރިވެފައިވާ ނަޒީފަށް ހީކުރެވެނީ ރަޝްފާއާ ދޭތެރޭ އޭނާއަށް ކަންތައް ކޮށްދެވޭލެއް ފުރިހަމަކަމުން ރަޝްފާގެ ސިއްހަތު ރަނގަޅީ ކަމަށެވެ.

ރަޝްފާގެ ބަނޑަށް ނުވަ މަސް ފުރިއްޖެއެވެ. މިހާރަކަށް އައިސް ރަޝްފާއަށް އަބަދުވެސް އިންނާން ޖެހެނީ ނުތަނަވަސްކަމާއި، ބިރުވެރިކަމުން ފުރިފައިވާ ހާލެއްގައެވެ. ބަނޑުގައި އޮތް ދަރިފުޅު ތޮޅެލައި ކޮންމެ ފަހަރަކު އޭނާއަށް ހީވަނީ އޭނާގެ ބަނޑު ފަޅާލައިފައި ނިކުމެދާނެ ހެންނެވެ. މި ފަދަ ހާލެއްގައި ރަޝްފާ އިންނައިރު ނަޒީފު ހުންނަނީ އުފަލުން ފުރިފައެވެ.

ވިހެއުމުގެ މުއްދަތު ކުޑަތަންވަމުން އައިވަރަކަށް ނަޒީފުގެ އުފާވެރިކަން އައީ އިތުރުވަމުންނެވެ. ލޯބި ލޯބި ފުށްގަނޑެއްފަދަ ކުއްޖަކު “ބައްޕާ” އޭކިޔައި ގޮވާލާހެން މިހާރު ވެސް އޭނާއަށް ހީވާކަހަލައެވެ.

ރަޝްފާ ބަލިވެއިނީއްސުރެ މިހައި ތަނަށް އައި އިރު އޭނާގެ ބަނޑުގައި ރިއްސާލި ހަމައެކަނި ރެއަކީ މި ރެއެވެ. ބަނޑުގައި ރިއްސާންފެށުމާއެކު ރަޝްފާގެ މުޅިގައިން ހީބިހި ނަގައިގަތެވެ. ހަތަރެސް ފައި ރޫރޫއަޅައިގަތެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.

ބުރާސްފަތި ވިލޭރެއެވެ. އެ ރޭ ނިދަން އޮށޯތްއިރު ވެސް އާދައިގެ ވަރަކަށް ބަނޑުގައި ރިހެއެވެ. އެހެންނަމަވެސް ނަޒީފުގެ ގާތުގައި އެ ވާހަކައެއް އޭނާ ނުބުނެއެވެ. ކޮންމެ ބުރާސްފަތި ވިލޭރެއެއްގެ އާދައިގެ މަތިން މި ރޭ ވެސް ރަޝްފާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އޭނާ އޮތީ ދެ ލޯ މަރާލައިގެންނެވެ. ބޭނުން ވަނީ އަވަހަށް ނިދާލުމަށެވެ. އަބަދުގެ އަބަދަށް ނިދިއްޖެއްޔާ އަދި މާރަނގަޅެވެ. އެހެންނަމަވެސް ……….

ގަޑީގެ ސިކުންތުކަށި އަޅައި ކޮންމެ ބުރަކަށް ރަޝްފާގެ ހިތުގެ ބިރުވެރިކަން އައީ އިތުރުވަމުންނެވެ. ބާރަގަޑި ބައިވެއްޖެއެވެ. މި ރެއަކު އެއްވެސް އާދަޔާޚިލާފު ކަމެއް މިހައި ތަނަކަށް ނުހިނގައެވެ. މި ކަމުން ވެސް ރަޝްފާގެ ހިތަށް ލިބެމުން ދިޔައީ، ބިރުވެރިކަމުން ފުރިގެންވީ ސިގުނަލްތަކެކެވެ. ޚާއްސަ ރެއަކަށް މި ރޭ ވާނޭކަމުގެ ހީތައް އޭނާއަށް ކުރެވޭން ފަށައިފިއެވެ.

ޚިޔާލުތަކުން ސިކުނޑި ފުރިފައި އޮތްއިރު، ރަޝްފާގެ ބަނޑުގައި ވެސް ރިހެމުންދެއެވެ. އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް، ނިދާފައި އޮތް ނަޒީފުގެ ނޭވާގެ އަޑު ފިޔަވައި، އިތުރު އަޑެއް އޭނާއަކަށް ނީވެއެވެ. އެކެއް ޖެހުމާ ދާދި ކައިރިވެފައި ވަނިކޮށް ރަޝްފާއަށް ނިދިއްޖެއެވެ.

ރަޝްފާއަށް ހޭލެވުނީ މެންދަމުން އަލިވިފަހުންނެވެ. މާ ބޮޑަށް ބަނޑުގައިރިހެން ފެށުމުންނެވެ. ތޫނު ރިހުމެކެވެ. ހީވަނީ ބަނޑުގެ އެކި ދިމަދިމާއަށް ކަށިތަކެއް ހެރެމުންދާ ހެންނެވެ. ރަޝްފާ އުޅުނީ ނަޒީފަށް ގޮވާށެވެ. އެކަމަކު އެކަމެއް އޭނާއަކަށް ނުވިއެވެ. ކުއްލިއަކަށް ރަޝްފާއަށް ހީވީ އޭނާގެ ބަނޑުތެރޭގައި އެއްޗެއް ދުވާން ފެށިހެންނެވެ. އެ ވަގުތު މާ ބާރަށް ނޫން ނަމަވެސް ރަޝްފާއަށް ރޮވޭން ފަށައިފިއެވެ. ގަތްބިރެއްގެ ބޮޑުކަމުންނެވެ. ނަޒީފަށް ހޭލެވުނީ ރަޝްފާގެ ރުއިމުގެ އަޑަށެވެ.

“ކިހިނެއްވީ؟ ބަނޑުގައި ރިހެނީ؟” ރަޝްފާ އުޅެމުން ދިޔަ ގޮތުން ނަޒީފަށް އަހައިލެވުނެވެ. އާއެކޭ ބުނުމުގެ ގޮތުން، ރަޝްފާއަށް ބޯޖަހައިލެވުނެވެ.

“ވަރަށް ބޮޑަށް؟”

ރަޝްފާ އާނއެކޭ ބުނުމުން ނަޒީފު ތެދުވެއްޖެއެވެ.

“އަހަރެން އަންނާނަށް އާޝިޔާދައްތަ ގޮވައިގެން. ކަންބޮޑު ނުވައްޗޭ! އިނގޭ!” ނަޒީފު އެނދުން ފުންމާލައިގެން ހުސްގަޔާހުރެ، ކޮޓަރިން ނިކުމެއްޖެއެވެ. ވަރަށް ހަލުވި އަވަސް ފިޔަވަޅުތަކެއްގައެވެ. އެއިރުވެސް ރަޝްފާ ހަމަ ތެޅިފޮޅެނީއެވެ. ބައެއްފަހަރު ތެދުވެ އިށީންނާނެއެވެ. އަނެއްބައި ފަހަރަށް އޮށޯންނާނެއެވެ. ގުދަށް އޮންނާނެއެވެ. އަރިއަށް އޮންނާނެއެވެ. މި ފަދަ ހާލެއްގައި އެ ފަކީރު ތެޅެމުން ފޮޅެމުން ދާއިރު، ހީވަނީ އޭނާގެ ބަނޑުތެރޭގައި ބަޔަކު ގަދަފަދަ ހަނގުރާމައެއް ކުރަމުން ގެންދާހެންނެވެ.

އިރުކޮޅަކުން އާޝިޔާ ގޮވައިގެން ނަޒީފު އަތުވެއްޖެއެވެ. ރަޝްފާގެ ބަނޑަށް ވަމުންދިޔަ ގޮތް ފެނިފައި އާޝިޔާ ވެސް ގަތީ ފާޑެއްގެ ބިރެކެވެ. އޭނާއަކީ ވަރަށް ގިނަ މީހުން ވިއްސާފައިވާ، އެކަމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ލިބިފައި ހުރި ފޫޅުމައެކެވެ. މިހާތަނަށް އައި އިރު ދުވަހަކު ވެސް މި ކަހަލަ މަންޒަރެއް އޭނާއަށް ފެނިފައެއް ނެތެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ރަޝްފާގެ ގާތަށް އޭނާ ޖެހިލައިފިއެވެ. މަޑުމަޑުން ބަނޑުގައި އަތްޖައްސާލައިފިއެވެ. އެ ވަގުތު އާޝިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

“ސުބުޙާނަﷲ!” އާޝިޔާއަށް ބޭއިޚުތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!