2023ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަސްކުރުމަށް ރާއްޖެއިން އެދުމުން، އެއަހަރުގެ ގޭމްސް މަޑަގަސްކަރައިގައި ބޭއްވުމަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފެޑެރޭޝަނުން ނިންމައިފިއެވެ.

މިއީ ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރި އެންމެ ފުރަތަމަ މަލްޓި ސްޕޯޓްސް އިވެންޓެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ގޭމްސް 2025 ވަނަ އަހަރަށް ލަސްކޮށްދިނުމަށް ކޯޖީގައި އެދުމުން ގިނަ މަޝްވަރާތަކަކަށްފަހު އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް ފެޑަރޭޝަނުން ނިންމާފައިވަނީ މިގޭމްސް ލަސްނުކޮށް މަޑަގަސްކަރައަށް ދިނުމަށެވެ.

2023ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ގެއްލުމާއިއެކު ރާއްޖެއިން ވަނީ 2025ވަަނަ އަހަރު ގޭމްސްއެއް ބޭއްވުމަށް ނިންމާ، ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ދިނުމަށް އެދިފައެވެ. މިގޮތަށް މިކަންވާން ނެތްނަމަ 2027ވަނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެއަށް ދިނުމަށްވެސް ރާއްޖެއިން ކޯޖީގެ ބައްދަލުވުމުގައި އެދިފައިވެއެވެ. ނަމަވެސް ރޭ ބޭއްވި ކޯޖީގެ ބައްދަލުވުމަކީ 2023ވަނަ އަހަރުގެ ގޭމްސްއާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމަކަށްވާތީ، ރާއްޖޭގެ ހުށައެޅުންތަކާމެދު ގޮތެއް ނިންމާފައި ނުވެއެވެ. ރާއްޖޭގެ ހުށައެޅުންތަކާއި މެދު ގޮތެއް ނިންމާނީ ފެބުރުއަރީ މަހުގެ 14ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައެވެ.

2023ވަނަ އަހަރުގެ ގޭމްސް ބޭއްވުމުގެ ފުރުސަތު ހޯދުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ އައިއޯއައިޖީގެ ގައުމުތަކަށް ޒިޔާރަތްކޮށް، ރާއްޖެއަށް ވޯޓް ހޯދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. 2023ވަނަ އަހަރުގެ ގޭމްސް ރާއްޖޭގައި ބޭއްވެން ނެތްކަމަށާއި ގޭމްސް ލަސްކުރުމަށް ރާއްޖެއިން އެދޭނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މީގެ ކުރިންވެސްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް ވިދާޅުވީ ގޭމްސް ލަސްކުރުމަކީ އޮޕްޝަނެއް ނޫންކަމަށާއި ގޭމްސް ބޭއްވުމަށް އަދިވެސް މަސައްކަތް ކުރުން މާ މުހިންމުކަމަށެވެ. އަދި ގޭމްސް ލަސްކުރަން ރާއްޖެއިން ހުށައަޅައިފިނަމަ، އެފުރުސަތު ރާއްޖެއަށް ގެއްލުމުގެ ބިރު ބޮޑުކަމަށްވެސް މަރުޒޫގް މީގެ ކުރިން ވިދާޅުވެފައިވެއެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ރައީސް ހުސެއިން މުހައްމަދުވެސް ވިދާޅުވީ އެހެން ބައެއް ޕްރޮޖެކްޓްތައް މަޑުޖައްސާލާފަ ނަމަވެސް ގޭމްސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރުން މުހިންމުކަމަށެވެ. އަދި ފުރުސަތު ގެއްލިޖެނަމަ، ދެން އެފުރުސަތު ހޯދަން އުދަގޫވާނެކަމަށްވެސް ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

2019ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިންވަނީ 15 މެޑަލް ހޯދާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!