ޚިޔާނާތުގެ 32 ދައުވާއަށް ޒިޔަތު އެއްބަސްވުމުން ޑިސެމްބަރު 6ގައި ހުކުމް އިއްވަނީ

އެމް.އެމް.ޕީ.އާރު.ސީގެ ބޮޑު ޚިޔާނާތް ހިނގިއިރު އެކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޒިޔަތު އޭނާގެ މައްޗަށް ކުރާ ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައި ވުމާއިއެކު، އެމައްސަލަތަކުގެ ހުކުމްކުރުން ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް 32 ދައުވާއެއް ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިިވި ކަމަށް ބުނެ އެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ދައުލަތާއެކު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ހަދައި، ޒިޔަތު އޭނާގެ މައްޗަށް ކުރާ 32 ދައުވާއަށް އިއުތިރާފުވެފައި ވަނީ އެމައްސަލާގައި ބޭއްވި އެންމެ ފަހު އަޑުއެހުމުގައެވެ. ޒިޔަތު ވަނީ ތަހުޤީޤަށްވެސް އެއްބާރުލުންދީ އިއުތިރާފު ވެފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ޒިޔަތު ވިދާޅުވެފައި ވަނީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ އަމަލުކުރައްވަމުން ގެންދެވީ. ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަދި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރު އަންގަވާ ގޮތުގެ މަތިންކަމަށެވެ. އަދި ޚިޔާނާތުގެ އެއްވެސް ފައިސާއެއް ސިދާ ގޮތަކަށްވެސް އަދި ނުސީދާ ގޮތަކަށްވެސް އޭނާއަށް ލިބިފައިނުވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުން މިއަދު ނިންމާފައިވެއެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޒިޔަތުގެ ދިފާއީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ ޒިޔަތު ޝަރީޢަތަށް އެއްބާރުލުންދީ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ނިންމާފައިވާކަމަށެވެ.

ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަސްކަމަށް ވިދާޅުވިއެވެ. އަދި އައު ޤާނޫނުލް ޢުޤޫބާތުގެ 1006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކޮށްފަ އެއްބަޔެވެ. އެއަށްފަހު ކުރާ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހަތަރުބައިކޮށްފަ އެއްބަޔެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހުގެ ޖަލު ހުކުމްކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އަދި ބާކީ 20 ދައުވާއަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެކަމަށްވެސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!