ފްލައިން ސްކޫލުގެ ދަރިވަރުންނާމެދު އިހުމާލުވި ފަރާތްތަކަށް ފިޔަވަޅުއަޅާނަން: ނަހުލާ

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ކިޔަވަމުންދާ ދަރިންނާއި މެދު ބޭއިންސާފުން ކަންތައް ކުރަމުންދާ ކަމާއި، އެކަމަށް އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ދެއްވައިފިއެވެ.

ފްލައިން ސްކޫލުން 15 ދަރިވަރުން މިއަދުވެސް ވަނީ ވަކިކޮށްފައެވެ. އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްްއިން އެ ދަރިވަރުން ވަކިކޮށްފައިވާކަން އަންގައި ފޮނުވި މެއިލްގައިވަނީ އެ ސުކޫލުން ޤަބޫލުކުރާ މިންވަރަށް ކޯސް ކުރިއަރައިގެން ގޮސްފައިނުވުމެވެ.

މީގެ އިތުރުން ބައެއް ދަރިވަރުން ވަކިކޮށްވަނީ ކުރިން އެއްވެސް އެންގުމަކާއި ނުލައެވެ.

އައްޑޫ ފްލައިން ސުކޫލުން ދަރިވަރުން ވަކިކުރަން ފެށީ އެ ސުކޫލަށް ފިޔަވަޅުއަޅާނެކަން ހާމަކޮށް ހަޔަރ އެޑިއުކޭޝަނުން ނެރުނު ބަޔާނަކާއި ގުޅިގެންނެވެ. އެހެންނަމަވެސް އެ ބަޔާނުގައި އިސްލާހުކުރަން ސުކޫލަށް އެންގި ގިނަ ކަންތައްތައް އަދިވެސް ރަނގަޅުނުވާކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން އެސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން މިނިސްޓަރު ނަހުލާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާމެދު ބޭއިންސާފުން ޢަމަލުކުރެވެމުންދާތީ އެކަން ކުށްވެރިކުރައްވާކަމަށެވެ.

މީގެއިތުރުން ނަހުލާ ވަނީ މިއީ ކަންކަން ހައްލުކުރަން މަސައްކަތް ކުރެވެމުންދާ ވަގުތުކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މިފަދަ ވަގުތެއްގައި ކިޔަވާ ކުދިންނާމެދު ބޭއިންސާފުން ޢަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލުވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއަޅުއްވަމުން ގެންދަވާނެކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!