ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުފޮށިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް މިއަދު އަހަރެއް ފުރުމާ ގުޅިގެން ދެއްވި މެސެޖެއްގައެވެ. މި މެސެޖު ފޯރުކޮށްދީފައިވަނީ ޕީޕީއެމްގެ ޓްވިޓާ އެކައުންޓުންނެވެ.
“ވޯޓު ފޮށިން އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ބަލިކޮށްދީ، އެއީ މިއަދު އަޅުގަނޑަށްޓަކައި ތިޔަ ބޭފުޅުންނަށް ކޮށްދެވޭނޭ އެންމެ މުހިންމު މަސައްކަތް”. ރައީސް ޔާމީން ދެއްވި މެސެޖުގައި ވެއެވެ.
އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް އެއް އަހަރު ފުރުމާ ދިމާކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ކަނޑުމަތީގައި މުޒާހަރާއެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ނަމަވެސް އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށްބުނެ އިދިކޮޅުން އަންނަނީ އަޑުއުފުލަމުންނެވެ.