ޑިފެންސް މިނިސްޓަރ މާރިޔާ ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސައާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ސްރީލަންކާގެ ބޮޑު ވަޒީރުއާއި ބައްދަލުކުރައްވާފައިވަނީ 4 ވަނަ “އެން.އެސް.އޭ ލެވަލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން”ގައި ބައިވެރިވުމަށް ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އާއި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކުސަ ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްރީލަންކާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އާއި ދިވެހި ރައްޔިތުންގެ ފަރާތުން މިނިސްޓަރ މާރިޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ދެ ޤައުމު ގުޅިގެން ޑިފެނސް ކޯޕަރޭޝަންގެ ދާއިރާ މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމާއި ކޯވިޑް-19އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ މޭޖަރ ޖެނަރަލް ރިޓަޔަރޑް ކަމަލް ގުނަރަޓަނެ އާ ވެސް ބައްދަލުކުރައްވާފައެވެ. ޑިފެންސް ސެކްޓަރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވާ ގާތްގުޅުމާއި އެއްގޮތް ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމާއި ޚާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި ޑިފެންސް ސެކްޓްރީ ވަނީ ދެ ޤައުމުންގުޅިގެން މަސައްކަތް ކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!