އެފްއޭއެމްގެ ފައުންޑޭޝަން އިފްތިތާހުކޮށްފި

އެފްއޭއެމްގެ ފައުންޑޭޝަން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އިފްތިތާހުކޮށްދެއްފައިވިއެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އެފްއޭއެމްގެ ފައުންޑޭޝަން އިފްތިތާޙުކޮށްދެއްވީ ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވި ރަސްމިޔާތުގައެވެ.

އެފްއޭއެމް ފައުންޑޭޝަނަކީ ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ގޮތުން އެފްއޭއެމްގެ ދަށުން އުފައްދާ ފައުންޑޭޝަނެކެވެ. އެފްއޭއެމްގެ ފަރާތުން ހިލޭ ސާބަހަށް ކުރާ މަސައްކަތް ނުވަތަ ޗެރިޓީ މަސައްކަތްތައް މީގެ ފަހުން ކުރިއަށްދާނީ މިފައުންޑޭޝަންގެ ދަށުންނެވެ. މިފައުންޑޭޝަނަކީ އޭއެފްސީގެ ވަރަށް ހާއްސަ އެހީއަކާއެކު ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މިފައުންޑޭޝަންގެ އެންމެ ބޮޑު އެއްް އަމާޒަކީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމާއި ހިލޭ ސާބަހަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، މަސައްކަތްތައް އިތުރަށް ފުޅާކުރުންކަމަށް އެފްއޭއެމުން މަޢުލުމާތުދެއެވެ. އަދި ފުޓްބޯޅައިގެ ތެރެއިން ހިލޭ ސާބަހަށް ކުރެވިދާނެ މަސައްކަތްތަކާއި އިޖްތިމާޢީ ގޮތުން ކުރެވިދާނެ މަސައްކަތްތަށްވެސް މިފައުންޑޭޝަންގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.

މިފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް (ސާޔާ) އާއި ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ އަންހެން ޓީމަށް ގިނަ ދުވަސްވަންދެން ކުޅެމުން އަންނަ އަދި ކުރީގެ ކެޕްޓަން ފަދުވާ ޒާހިރާއި ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ ލައިޝާ ޖުނައިދުއާއި މަރިޔަމް މިރުފަތު އަދި އެފްއޭއެމްގެ 14 އަހަރުން ދަށުގެ އެލީޓް ޕޫލްގައި ކުޅެމުން އަންނަ ތަރި އީތަން އިބްރާހިމް ޒަކީއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ފުޓްބޯޅައިގެ މުހިއްމު ކުޅުންތެރިންތަކެއް ގުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި ޓީމެއްގައި ވަކި އަދަދަކަށް ކުޅުންތެރިން ތިބި ނަމަވެސް މި ފައުންޑޭޝަނާއި ވީހާވެސް ގިނަ ކުޅުންތެރިން ގުޅޭނެކަމަށް އުއްމީދު ކުރާކަމަށާއި ފައުންޑޭޝަން މެދުވެރިކޮށް މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!