އަރްޖުން ކަޕޫރު، ސަލްމާން ޚާންގެ ކޮއްކޮއާ ރައްޓެހިވިކަން އެނގޭތަ؟

ބޮލީވުޑް އެކްޓަރު އަރްޖުން ކަޕޫރު މިހާރު ރައްޓެހިވެގެން އުޅެނީ “އައިޓަމް ގާލް” މަލައިކާ އަރޯރާއާ ކަން އެންމެންނަށް އެނގޭނެއެވެ. ފުރަތަމަ ދުވަސްކޮޅު އެ ގުޅުން ސިއްރުކުރަން އުޅުނަސް، މާ ދުވަހެއް ނުވެ އެކަން ވަނީ ފަޅާއަރައިފައެވެ. އަދި އެދެމީހުން ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް ވެސް ވަނީ އަރައިފައެވެ. މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. މަލައިކާ އަރްބާޒް ކައިރިން ވަރިވީ އަރްޖުންގެ ސަބަބުންނޭ ކިޔައިގެން ވެސް އެދުވަސްކޮޅު އަޑުތައް ފެތުރެނެވެ. ކޮންމެއަކަސް މަލައިކާއާ އަރްޖުން ރައްޓެހިވި ފަހުން، އަރްޖުން އާ ސަލްމާނާ ދެމެދު އޮތް އެކުވެރިކަމަށް ވަނީ ބުރޫ އަރައިފައެވެ.

އެހެނަސް، ގިނަ ބަޔަކަށް ނޭނގޭ ކަމަކީ، އަރްޖުން ކަޕޫރު ކުރިން ރައްޓެހިވެގެން އުޅުނީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާނާ ކަމެވެ. އަރްޖުން ވަނީ ކުރިން މިކަމާ ބެހޭގޮތުން އިންޓަވިއުއެއްގައި ވާހަކަ ދައްކައިފައެވެ. ‘ބޮމްބޭ ޓައިމްސް’ އަށް ދިން އިންޓަވިއުއެއްގައި 35 އަހަރުގެ އެކްޓަރު ބުނީ އޭނާ އަރްޕިތާ އާ ރައްޓެހިވީ އުމުރުން 18 އަހަރުގައި ކަމަށެވެ. އަދި އެ ގުޅުން 2 އަހަރަށް ދެމިގެން ދިޔަ ކަމަށް ބުންޏެވެ.

އަރްޕިތާއާ އަރްޖުން ރައްޓެހިވި އިރު އަރްޖުން އުޅުނީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ. އަދި އޭރު ސަލްމާން އުޅުނީ “މޭނޭ ޕިޔާރް ކިޔު ކިޔާ” ގެ ޝޫޓިންގައި ކަމަށާއި، ސަލްމާންގެ ކޮއްކޮއާ ރައްޓެހިވެގެން އުޅޭކަން ބުނަން ނުކެރިގެން ބިރުން އުޅުނުކަމަށް އަރްޖުން ކިޔައިދިނެވެ. “އެކަމަކު އެންމެފަހުން ބިރު ކަނޑާލާފަ ގޮސް ސަލްމާނާ އެ އާއިލާ ކައިރީ ބުނީ. އެއީ އަހަރެން ބޭނުންވީ އަހަރެންގެ ފަރާތުން އެވާހަކަ އެނގެން އެމީހުންނަށް”.

އަރްޖުން ބުނީ އަރްޕިތާއާ ރައްޓެހިވެގެން އުޅޭކަމަށް ބުނުމުން ސަލްމާން ފުރަތަމަ ހުރީ ޤަބޫލުނުކުރެވިފައެވެ. ނަމަވެސް ހިތްހަމަނުޖެހުމެއް ނުދައްކާ ކަމަށް ބުންޏެވެ. “އެހެން މީހުންގެ ގުޅުންތަކަށް ގަދަރުކުރަން ދަންނަ މީހެއް އެއީ”. މީގެ އިތުރުން އަރްޖުން ބުނީ، އެދުވަހަށްފަހު ސަލްމާނާ އޭނާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެގެން ދިޔަކަމަށާއި، އަރްޕިތާއާ މައްސަލައެއް ޖެހުނަސް ސަލްމާން އަރާނީ އޭނާއާ އެއްކޮޅަކަށް ކަމަށެވެ.

އެ ގުޅުން ނިންމައިލި މީހަކީ އަރްޕިތާ ކަމަށް އަރްޖުން ބުންޏެވެ. ނަމަވެސް އަރްޕިތާއާ ރުޅިވުމަށްފަހު ވެސް ސަލްމާނާ އޮންނަ އެކުވެރިކަމަށް ބަދަލެއް ނާންނަ ކަމަށް ބުންޏެވެ. “ސަލްމާނަކީ އަހަރެންގެ އެކުވެރިއެއް، ބައްޕައެއް ކަހަލަ މީހެއް އަދި ބޭބެއެއް. ބޭބެއެއް ހެން ނަސޭހަތްދީ ވަރަށް ބަލާނެ އަހަންނަށް. ސަލްމާނާ ދިމާވީމަ އަހަންނަށް އެނގުނީ ބޭބެއެއްގެ މުހިއްމުކަން”، އަރްޖުން ހާމަކުރިއެވެ.

ނަމަވެސް މިހާރު އެ ގުޅުން ނޯންނަ ކަމަށް އަރްޖުން ވަނީ ފަހުން ދިން އިންޓަވިއުތަކުގައި ކިޔައިދީފައެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ، އަރްޖުން އޭނާއަށްވުރެ 12 އަހަރު ދޮށީ، ސަލްމާންގެ ކުރީގެ ފަހަރިއާ ލޯބީގެ ގޮތުން ގުޅުމެވެ.

ކޮންމެއަކަސް ސަލްމާންގެ ކޮއްކޮ އަރްޕިތާ މިހާރު ކައިވެނިކޮށްގެން އުޅެނީ އަރަމުން އަންނަ ބޮލީވުޑް ތަރި އާޔޫޝް ޝަރްމާއާއެވެ. އެ ކައިވެންނަށް 6 އަހަރު ފުރިފައިވާއިރު، ފިރިހެން ކުއްޖަކު ލިބިފައިވެއެވެ.

އަރްޕިތާއަކީ ސަލްމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ނޫނެވެ. އެއީ ސަލްމާންގެ ބައްޕަ ސަލީމް ޚާން އެޑޮޕްޓުކޮށްފައިވާ ކުއްޖެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!