ފޮޓޯ: ރާއްޖެއެމްވީ

ކަރެކްޝަނުން ދިން ލެޕްޓޮޕެއް ބަގް ކުރި ކަމުގެ ތުހުމަތު

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން މާފުށީ ޖަލުގައި ބައްދަލު ކުރެއްވިއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދިން ލެޕްޓޮޕެއް ބަގް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފިއެވެ.  

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުން އަދި މަނީ ލޯންޑްރިިންގެ ކުށުގެ ދައުވާއާއި ގުޅިގެން މިއަދު އިބްތިދާއީ އަޑުއެހުމެއް ކުރިއަށް ގެންދިޔައިރު، އަޑުއެހުން ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފަ އެވެ.

މިއަދުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ދިޔަ އިރު ރައީސް ޔާމީން ވަނީ ވަކީލުން އެމަނިކުފާނުގެ އަރިހުގައި ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވިދާޅުވީ ވަކީލުން ކައިރީގައި ނެތުމުން މަޝްވަރާތައް ނުކުރެވޭ ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މައްސަލައިގައި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތައް އަދި ވެސް ނުބެލޭ ކަމަށާއި، އޯޑިއޯ ކްލިޕްތައް ވެސް އަޑުނޭހޭ ކަމަށެވެ. 

ރައީސް ޔާމީންގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މާފުށީ ޖަލަށް ވަކީލުން ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވި ދުވަހެއްގައި ކަރެކްޝަންސް އިން ދިން ލެޕްޓޮޕް ބޭނުން ކުރަމުން ދަނިކޮށް އެ ލެޕްޓޮޕް އިން އެ ބޭފުޅުން ބޭނުން ކުރަމުން ނުދާ ފައިލްތަކެއް ލޯޑްވި ކަމަށެވެ.

ޖަމީލް ވިދާޅުވި ގޮތުގައި، ލެޕްޓޮޕް އިން ދިމާވި ކަންކަމުން އެ ލެޕްޓޮޕް ބަގް ކޮށްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން ދައުވާ ރައްދުވާ ފަރާތަށް ދިފާއު ވުމަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަށް ހުރަސް އެޅޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ވެސް އެދިވަޑައިގަންނަވަނީ ވަކީލުންނާ އެކު ބައްދަލުވާނެ ގޮތަކަށް ޖަމީލް ވިދާޅުވިއެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ވަކީލުން ބޭނުންވާނަމަ ކޯޓަށް އަމިއްލަ ލެޕްޓޮޕް ގެނެސްގެން ރައީސް ޔަމީނާއި އެކު އޯޑިއޯތައް އަޑުއެހޭނެ އިންތިޒާމުވެސް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ނުލިބޭ ލިޔެކިޔުމެއް ހުރިނަމަ އެކަން ކޯޓަށް ލިޔުމުން ހުށަހެޅުމުން ލިޔެކިޔުން ލިބޭނޭ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. 

މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވި އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރައްވަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!