އެމްޕީއެލްގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކެއް ތަހުގީގުކުރަން ހުށަހަޅައިފި

ކޮވިޑާއި ގުޅިގެން މާލެ ލޮކްޑައުންކުރިއިރު ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގައި ކުންފުނިން ކޮށްފައިވާ ބައެއް މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަން ފާހަގަވެފައިވާކަމަށާއި، އެ މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށް އޮޑިޓަރޖެނެރަލްގެ އޮފީހަށާއި، ފުލުހުންނާއި، އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ބުނެފިއެވެ.

އެމްޕީއެލްއިން މިއަދު ޢާންމުކުރި ނޫސްބަޔާނުގައި ބުނީ ކޮވިޑާއި ގުޅިގެން މާލެ ލޮކްޑައުންކުރިއިރު ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގައި ކުންފުނިން ކޮށްފައިވާ ބައެއް މުޢާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަން ފާހަގަވެފައިވާކަމަށެވެ. އެ ގޮތުން އެ ކުންފުނީގެ އިންޓާރނަލް އޮޑިޓުން މިހާރު ރިޕޯޓެއް އެކުލަވާލާފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ފާހަގަކުރެވުމާއެކު ތަޙްޤީޤެއް ހިންގަމުން އަންނަކަމަށް ވެސް އެމްޕީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމްޕީއެލްއިން ބުނީ އެ ތަޙްޤީޤުގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލައި، އެ ކަމުގައި ޝާމިލުވާކަމަށް ޝައްކުކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށް މަސައްކަތުން އެކަހެރިކޮށްފައި ކަމަށެވެ.

އަދި މައްސަލައާއި ގުޅިގެން ލިބިފައިވާ މަޢުލޫމާތުތަކުގެ އަލީގައި އެ މައްސަލަ އިތުރަށް ތަޙްޤީޤުކުރަން އޮޑިޓަރޖެނެރަލްގެ އޮފީހަށާއި، ފުލުހުންނަާާއި، އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ވެސް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ވަނީ ކޮރަޕްޝަންގެ މައްސަލަތަކަކީ އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއްކަމަށް ބުނެފައެވެ. އަދި މިފަދަ ޢަމަލެއްގައި ޝާމިލްވާ މުވައްޒަފަކާމެދު ކުންފުނީގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތިން އެންމެ ހަރުކަށި ފިޔަވަޅުއަޅާނެކަމަށް ވެސް އެމްޕީއެލްއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!