“ބިގް ބޮސް14” އިން ފެނިގެން ދިޔަ ޖާން ކުމާރް ސާނޫގެ ނަން ބަދަލުކުރުމަށް އޭނާގެ ބައްޕަ، އަދި މަޝްހޫރު ލަވަ ކިޔުންތެރިޔާ ކުމާރް ސާނޫގެ އެދެފިއެވެ.
“ބިގް ބޮސް14” އިން އެވިކްޓްވުމަށްފަހު ޖާން ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ވަރަށް ކުޑައިރު މަންމަ އާއި ބައްޕަ ވަރިވި ކަމަށާއި އެފަހުން އޭނާ ބަލަމުން އައީ މަންމަ ކަމަށެވެ. އަދި މިވީހާތަނަށްވެސް ހުރިހާ ކަމެއް ކޮށްދީފައިވަނީ އޭނާގެ މަންމަ ކަމަށާއި ބައްޕަގެ އެއްވެސް އެހީއެއް ލިބިފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ކުމާރް ސާނޫ ބުނީ ޖާންގެ މަންމައާއި ވަރިވުމަށްފަހު އޭނާ އެންމެ ފުރަތަމަ ގަތް ގެ ވެސް އެމީހުން ދިރިއުޅުމަށް ދީފައިވާ ކަމަށެވެ. އަދި އެފަހުން ކޯޓުން ދަރިން މަންމައާއި ހަވާލުކުރުމުން ދަރިން ބޮޑުވީ މަންމަ ކައިރީގައި ކަމަށެވެ. އެހެންނަމަވެސް އަބަދުވެސް ކަމަކު ބޭނުންވެއްޖެ ނަމަ އެކަމެއް ކޮށްދީފައި ވާނެ ކަމަށެވެ.
ކުމާރް ސާނޫ ބުނީ ޖާން “ބިގް ބޮސް14” އަށް ދިއުމުގެ ކުރިންވެސް އޭނާ އާއި ބައްދަލުކުރިކަމަށެވެ. އަދި އޭނާ މިދާއިރާއިން ކުރިއެރުވުމަށްޓަކައި މަހޭޝް ބަޓް ފަދަ ތަރިން ގާތު ބުނެފައިވާނެ ކަމަށް ކުމާރް ސާނޫ ބުނެއެވެ.
ކުމާރް ސާނޫ ބުނީ މިހާރު ދެކެވެމުންދާ ނެޕޮޓިޒަމްގެ ވާހަކަތަކާއި ގުޅިގެން ޖާން މިދާއިރާއަށް ނުކުމެއްޖެނަމަ ފާޑުކިޔުންތައް އަމާޒުވާނެ ކަމަށެވެ. އެހެންކަމުން އޭނާގެ މަންމައަށް އޭނާ ކުރާ ގަދަރަށްޓަކައި ޖާންގެ ފަހަތަށް އޭނާގެ މަންމަގެ ނަންލުން މާ ރަނގަޅުވާނެ ކަމަށް ކުމާރް ސާނޫ ބުންޏެވެ.