ކުޑަކުދިންނާ ދިމާއަށް ހަޅޭއްނުލަވަން ވީ 5 ސަބަބެއް

ކުޑަކުދިން ގެންގުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން އެނގޭނީ އެކަން ތަޖުރިބާކުރާ މީހުންނަށެވެ. ބައެއްފަހަރު އެކުދިން ކުރާ ކަންތައްތަކުން ރުޅިގަނޑު ފަޅައިގެން ދާވަރު ވެއެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް ބަލަންވާނީ ވީހާވެސް ހަމަޖެހިގެން އެކުދިންނާ މުއާމަލާތް ކުރުމަށެވެ.

ތިރީގައި މި ކިޔައިދެނީ، ކުޑަކުދިންނާ ދިމާއަށް ހަޅޭއްލަވައި، ރުޅި އިސްކުރުމުން ދުރުވާންޖެހޭ ބައެއް ސަބަބުތަކެވެ.

1. އެކުދިން ބިރުގަންނާނެ

ރުޅިއައިސް އެއްޗެއް ބުނުމުން އެކުދިންނަށް ވިސްނޭނެ ކަމަށް ހީވިޔަސް، ހަގީގަތުގައި ވަނީ އޭގެ އިދިކޮޅަށެވެ. މަންމަ/ބައްޕަ ނުވަތަ ހަޅޭއްލަވަން ފެށުމުން އެކުދިން ގިނަ ފަހަރަށް ގަންނާނީ ބިރެވެ. އަދި އެމީހަކާ އޮންނަ ގުޅުން ދުރުވާން ފަށާނެއެވެ.

2. އިތުބާރުކުރުން ހުއްޓޭނެ

ހަޅޭއްލަވާތީ ގަންނަ ބިރެއްގެ ސަބަބުން، ތިބާއަށް އެކުދިން ކުރާ އިތުބާރު ކުޑަވާނެއެވެ. އަދި ކުށެއް ކުރެވުމުން އެވާހަކަ އައިސް ތިބާ ކައިރީގައި ބުނުމުގެ ބަދަލުގައި ބަލާނީ ސިއްރު ކުރެވޭތޯއެވެ.

3. ރުޅި އިސްކުރަން ދަސްވުން

ބޮޑެތި މީހުން ރުޅި އައިސް ހަޅޭއްލަވާތަން ފެނުމުން، ކުޑަކުދިންގެ އުޅުމަށް އޭގެން އަސަރުކުރެއެވެ. އެގޮތުން ބޮޑުވަމުން އަންނަ ވަރަކަށް ރުޅި އިސްކުރަން ދަސްވެ، ރުޅިއައުމަކީ ހައްލެއް ކަމުގައި ދެކޭނެއެވެ.

4. މީހުންނާމެދު ދެކޭގޮތް ބަދަލުވުން

މަންމަ/ބައްޕަ ނުވަތަ ބެލެނިވެރިޔާ އަބަދު އެކުއްޖަކާ ދިމާއަށް ހަޅޭއްލަވައި ހަދާނަމަ، އެހެން މީހުންނާމެދު ވެސް އޭނާ ދެކޭނީ އެގޮތަށެވެ. އަދި އެހެން މީހުންދެކެ ވެސް ބިރުގަނެ، ކުއްޖާގެ ހަގީގީ އުޅުން ފާޅުކުރަން ޖެހިލުންވާނެއެވެ.

5. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން

ރުޅި އިސްކުރާ ބަޔަކު ދިރިއުޅޭ މާހައުލެއްގައި ބޮޑުވާ ކުދިން، އަމިއްލަ ނަފްސަށް އިތުބާރުކުރުން ކުޑަވެއެވެ. އެގޮތުން މައިންބަފައިން ހަޅޭއްލަވާނަމަ އެކުދިން ހީކުރާނީ އެކުދިންގެ ގައިގައި ކޮންމެވެސް މައްސަލައެއް ހުންނަނީ ކަމަށެވެ. އެހެންކަމުން ކަންކަން ކުރާއިރު ވެސް އެކަމެއް ކާމިޔާބުކުރެވޭނެ ކަމަކަށް ނުދެކޭނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!