ގިނަ ބައެއްގެ ލޯބި ލިބިފައިވާ، ގިނަ ބަޔަކު ހެއްވާލުމުގެ ކުޅަދާނަކަން ލިބިފައިވާ ހިންދީ ޓީވީއިން ބެލުންތެރިންގެ އެންމެ މަޤްބޫލު އަންހެން ކޮމީޑިޔަން ބާރްތީ ސިންހް އާއި ފިރިމީހާ ހާރްޝް ލިމްބާޗިޔާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރުމަށްފަހު އިއްޔެ ވަނީ ކަފާލާތުގެ ދަށުން ގެއަށް ދޫކޮށްލާފައެވެ.
ބާރްތީ ހައްޔަރު ކުރުމާއި ގުޅިގެން މަޝްހޫރު ބޮލީވުޑްގެ ދުވަސްވީ ކޮމީޑިއަން ތަރި ޖޯނީ ލީވާ ބުނީ އެންމެ ރަނގަޅު ގޮތަކީ ޑްރާގް ބޭނުން ކުރާ ކަމަށް އެއްބަސްވެ އެކަމަށް ފޭނުންގެ ކިބައިންނާއި އެންމެންގެ ފަރާތުން މައާފަށް އެދި އެ އާދަ ދޫކޮށްލުމަށެވެ. އަދި އެހެންމީހުންނަށް ވެސް އެކަން ނުކުރުމަށް ހިތްވަރު ދިނުމަށެވެ.
ޖޯނީ ބުނީ އޭނާވެސް ކުރިން ވަރަށް ގިނައިން ރާ ބުއި ކަމަށާއި ނަމަވެސް އޭނާގެ މަސަތްކަތަށް އެކަމުގެ ސަބަބުން އަސަރު ކުރަން ފެށުމުން އެ އާދަ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ބާރްތީއާއި އޭނާގެ ފިރިމީހާ ހައްޔަރުކުރީ، އެ މީހުން ދިރިއުޅޭ ގެ ބަލާ ފާސް ކުރުމުގެ ތެރެއިން އެ ގެއިން 86ގްރާމްގެ ކެނެބިސް ފެނިގެންނެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ގެއިން ކެނެބިސް ފެނުމާ ގުޅިގެން އެދެމަފިރިން ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސްވެސް ވެފައެވެ.