މިދިޔަ ހުކުރު ދުވަހު މުފްތީ އަނަސް ނަމަކަށްކިޔާ މީހަކާ ކައިވެނިކުރި ކުރީގެ މޮޑެލް/އެކްޓްރެސް ސަނާ ޚާންގެ ނަމަށް ބަދަލު ގެނެސްފިއެވެ.
އަނަސް އާ ކައިވެނިކުރުމަށްފަހު ސަނާ ވަނީ އޭނާގެ މީސްމީޑިއާ އެކައުންޓުތަކުގައި، ނަމުގެ ކުރިއަށް “ސައްޔިދު” އިތުރުކޮށްފައެވެ. އެއާއެކު މިހާރު ސަނާގެ ފުރިހަމަ ނަމަކީ ސައްޔިދު ސަނާ ޚާނެވެ. 33 އަހަރުގެ ސަނާ ވަނީ ފިލްމީ ދާއިރާ ދޫކޮށް، ﷲގެ މަގަށް ރުޖޫޢަވިކަން މިދިޔަ މަހު އިޢުލާނުކޮށްފައެވެ. އެއަށްފަހު މިދިޔަ ހުކުރު ދުވަހު، އާންމުން ނުވެސް ދަންނަ މީހަކާ ސަނާ ކުއްލިގޮތަކަށް އިނުން ވެގެންދިޔައީ ފޭނުންނަށް ލިބުނު ހައިރާންކަމަކަށެވެ. ސަބަބަކީ އޭނާ ކައިވެނި ކުރަން އުޅޭކަމުގެ އަޑެއް ވެސް މީގެކުރިން އަރާފައި ނުވާތީއެވެ.
ކައިވެނީގެ ފޮޓޯއެއް ހިއްސާކުރަމުން ސަނާ ބުނީ، އެދެމީހުން ލޯބިވީ ވެސް އަދި ކައިވެނި ކުރީވެސް މާތްﷲ އަށްޓަކައި ކަމަށެވެ. އަދި މި ދުނިޔެމަތީގައި އެކުގައި ލަހައްޓަވައި، ޖަންނަތުގައި ވެސް އެކުއެކީ ވުމަށް ދުޢާކޮށްފައިވެއެވެ.
ފިލްމީ ދާއިރާ ދޫކޮށްލިކަން އިޢުލާނު ކުރަމުން ސަނާ އޭރު ބުނީ، އެކަމުން އޭނާއަށް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށެވެ. އަދި ދުނިޔެއަށް އިންސާނުން ފޮނުއްވެވީ ވަކި މަޤުސަދެއްގައި ކަމަށާއި، އޭނާ މިހާރު ބޭނުންވަނީ އެ މަޤްސަދު ޙާސިލް ކުރަން ކަމަށް ބުންޏެވެ. ސަނާ ބުނީ އެއީ އޭނާ ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
ސަނާގެ މި ނިންމުމަށް އެއްބައި މީހުން ފާޑުކިޔާފައި ވިޔަސް، ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށް ހެޔޮދުޢާ ކޮށްފައެވެ.
އެ ނިންމުމާއެކު ސަނާ ވަނީ އޭނާ އިންސްޓަގްރާމްގައި ކުރިން ހުރި ނިވާކަންކުޑަ ފޮޓޯތައް ވެސް ނަގައިފައެވެ. އަދި މިހާރު ފެންނަން ހުރީ ބުރުގާ އަޅައިގެން ހުރި ފޮޓޯތަކާއި އިސްލާމީ ލިޔުންތަކެވެ.