މޮހައްބަތޭން ގެ ޖުގަލް މިހާރު ހުންނަ ގޮތް އެނގޭތަ؟

ބޮލީވުޑްގެ ކުރީގެ އެކްޓަރު ޖުގަލް ހަންސްރާޖްގެ ފަހުގެ ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

1983 ގައި ނުކުތް ކާމިޔާބު ފިލްމު “މާސޫމް” އިން ކުޑަކުއްޖެއްގެ ރޯލު ކުޅެގެން މަޝްހޫރުވި ޖުގަލް ވަނީ ފަހުން ބޮޑުމީހެއްގެ ރޯލުތައް ވެސް ކުޅެފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2000 ވަނަ އަހަރު ނުކުތް “މޮހައްބަތޭން” އެވެ. އަދި އެދުވަސްވަރު ޖުގަލް އަކީ ޒުވާން ގިނަ އަންހެން ކުދިންނަށް ކަމުދިޔަ މޫނެކެވެ. ނަމަވެސް އެކްޓަރެއްގެ ގޮތުގައި އޭނާއަށް މާ ކާމިޔާބު ކެރިއަރެއް ބިނާކުރެވިފައެއް ނެތެވެ.

ޖުގަލް ވަނީ މިދިޔަ ހަފްތާގައި އިންޑިއާގައި ފާހަގަކުރި ދިވާލީއާ ގުޅިގެން އިންސްޓަގްރާމްގައި ސެލްފީއެއް ހިއްސާކޮށް، ދުވަހުގެ ތަހުނިޔާ ކިޔައިފައެވެ. އެއީ އޭނާގެ އަންހެނުން ޖޭޒްމިން ދިލޯން އާއެކު ނަގާފައިވާ ސެލްފީއެކެވެ. އެ ފޮޓޯއިން ފެންނަނީ ޖުގަލް އަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވަނިކޮށެވެ. އެގޮތުން ކުރިއަށްވުރެ ފަލަވެ، ބޮލުގައި ނުރަޖަހާފައިވާ ތަން ފެނެއެވެ. ނަމަވެސް އެ އުމުރުގައި ވެސް ޖުގަލް ބަލައިލަން ރީތި ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

48 އަހަރުގެ ޖުގަލް އަކީ މިހާރު ޕްރޮޑިއުސަރު/ޑައިރެކްޓަރެއް، އަދި ލިޔުންތެރިއެކެވެ. އޭނާ ދިރިއުޅެނީ އެމެރިކާގެ ނިއު ޔޯކުގައެވެ. ޖުގަލް ކައިވެނި ކުރީ 2014 ވަނަ އަހަރެވެ. އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ.