ތާރާ ރާއްޖޭގައި ނެގި މި ފޮޓޯ ފެނިފައި ހިތް ކިޔާނެ!

ޗުއްޓީ ހޭދަކުރަން ރާއްޖެއަށް އައިސްފައިވާ ބޮލީވުޑްގެ ޒުވާން ބަތަލާ ތާރާ ސުތާރިއާ އެނބުރި އިންޑިއާއަށް ދިޔުމުގެ ކުރިން ޗާލު ފޮޓޯއެއް އިންސްޓަގްރާމަށް ދޫކޮށްލައިފިއެވެ.

އިއްޔެ ތާރާ ހިއްސާކުރި ފޮޓޯގައި ފެންނަނީ އެނިމަލް ޕްރިންޓް ވަން ޕީސެއް ލައިގެން، ވޯޓާ ވިލާތައް ކައިރީ ރީތި ޕޯސަކަށް އިށީނދެލައިގެން އިންނަ މަންޒަރެވެ. މި ފޮޓޯއަށް 6 ލައްކައަށްވުރެ ގިނަ ލައިކު ލިބިފައިވާއިރު، ތާރާގެ ލޯބިވެރިޔާ އާދަރް ޖެއިން ވެސް ކޮމެންޓުކޮށްފައި ވެއެވެ. އާދަރް ފާހަގަކުރީ ފޮޓޯގައި ތާރާގެ ދެފައި ފެންނަލެއް ރީތި ކަމެވެ.

ތާރާ އޭނާގެ 25 ވަނަ އުފަންދުވަސް ފާހަގަކުރަން ރާއްޖެ އައިސްފައިވަނީ އާދަރް ވެސް ގޮވައިގެންނެވެ. އަދި ދެމީހުން ވަނީ ރާއްޖޭގައި ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ފޭނުންނަށް ދައްކާލައިފައެވެ. މި ޖޯޑު ޗުއްޓީ ނިންމާލައި އެނބުރި އިންޑިއާއަށް ގޮސްފައިވަނީ ހޮނިހިރު ދުވަހެވެ.