ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރުމާއި، އުވާލުމާއި ގުޅޭ މާއްދާ، ހުށަހަޅާފައިވާ އިސްލާހުން އުނިކޮށްފި

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ އެންމެބޮޑު ކަންބޮޑުވުމަކަށްވި ޕާޓީތައް ސަސްޕެންޑު ކުރުމާއި އުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބޭ ގޮތަށް އޮތް އިސްލާހު އުނިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އިބްރާހިމް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން ގިނަ އިސްލާޙުތަކެއް ޑްރާފްޓްގައި ހިމަނާފައި ވާނެކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައި، އެކަން ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދުގައި ބަޔާންކުރަން ލާޒިމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފްވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރެއިން ޕާޓީތައް ސަސްޕެންޑް ކުރުމާއި، އުވާލުމާއި ގުޅޭގޮތުން ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާއިމެދު އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރިކަމަށެވެ. ޕާޓީއުވާލުމާއި، ސަސްޕެންޑްކުރުމަކީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އަޑު ކަނޑުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު ޕާޓީތަކުންވަނީ ވިދާޅުވަމުން ގޮސްފައެވެ. ޝަރީފް ވިދާޅުވީ އިދިކޮޅުގެ މިކަންބޮޑުވުންތަކާއި ގުޅިގެން ބަންޑާރަ ނައިބް އޮފީހާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު އެމާއްދާ އުވާލާފައިވާކަމަށެވެ.

“އިދިކޮޅު ސިޔާސީ ޕާޓީތަކުން އޭރު ވަރަށްބޮޑަށް ތުހުމަތު ކުރެއްވި އިލެކްޝަންސް ކޮމިޝަނުން އެބޭފުޅުންގެ ހަރަކާތްތަކަށް ހުރަސްއަޅައި، ސިޔާސީ ކަންކަން ހުއްޓުވުމަށް ޤާނޫނަށް ގެނައި ބަދަލެއްކަމަށް މިއީ، މިހާރު އަޅުގަނޑުމެންވާނީ ޕާޓީ އުވާލުމާއި، ޕާޓީތައް ސަސްޕެންޑް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ބާރުލިބިދޭ ގޮތަށް އޮތް މާއްދާ އުވާލާފަ” ޝަރީފް ވިދާޅުވިއެވެ.

ޤާނޫނަށް ހުށަހެޅިފައިވާ މިމާއްދާ އުވާލުވުމުން ސިޔާސީ ޕާޓީތަކުން ޤާނޫނާއި ޚިލާފަށް ކަމެއްކޮށްފިނަމަ އަދި ޤާނޫނުގައި ބުނާކަންކަން ފުރިހަމަ ނުކުރާނަމަ މިހާރުވެސް އަމަލުކުރަމުންދާ ޤާނޫނުގައި ބުނާގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް ޕާޓީތައް އުވާލުމުގެ ބާރު މިހާރު ލިބިދީފައިވަނީ ކޯޓުތަކަށް ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!