މިއަދުގެ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުމުގައި ކުޑަކުދިން!

ކޮވިޑް-19 އާ ބެހޭ އާ މަޢުލޫމާތުތައް ހިއްސާކުރުމަށް ބާއްވަމުން އަންނަ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން، މިއަދު ތަފާތު ގޮތަކަށް ބާއްވައިފިއެވެ.

ދުނިޔޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެޗްއީއޯސީގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ކުޑަކުދިންނެވެ. އެގޮތުން މިއަދު ހަވީރު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ތަރުޖަމާނު ޔޫސުފް ރީހާން ތައުފީގް ބުނީ، 17 ނޮވެމްބަރާއި ހަމައަށް ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 12،355 ކަމަށެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ ޖުމްލަ އަދަދަކީ 11،388 ކަމަށް ރީހާން ބުންޏެވެ. އަދި އޭނާ ވަނީ ރާއްޖެއިން މިހާތަނަށް 223،220 ކޮވިޑް-19 ޓެސްޓު ރާއްޖެއިން ހަދާފައިވާ ކަން ފާހަގަކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިންގގެ ފަރާތުން ބައިވެރިވެފައި ވަނީ ހައްވާ ޔަނާ ޝައިބު ހުސައިނެވެ. ޔަނާ ބުނީ، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތުން ފައްސިވާ ކުދިންނާއި ދިމާވެފައިވާ ކުދިން ހޯދައި، އެ ކުދިންނަށް މި ބަލި ޖެހިފައިވޭތޯ ބަލަން އަވަހަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ޔަނާ ވަނީ ބަލީގެ އަލާމާތްތައްވެސް ކިޔައިދީފައެވެ.

އެޓޯލް ޕްރިޕެއާޑްނެސްގެ ފަރާތުން ބައިވެރިވެފައި ވަނީ އައިޝަތު ލައިހާ އިބްރާހިމެވެ. ލައިހާ ބުނީ، ސްކޫލް ނިންމާފައި އޮތީ ވަރަށް ބޮޑު ޗުއްޓީއެއް ކަމަށްވާއިރު، ޗުއްޓީގައި ރަށަށް ދާއިރު، ހަނދާން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

މި ނޫސްވެރިިންގެ ބައްދަލުވުމުގައި ސައިން ލެންގުއޭޖް އިންޓަޕްރިޓަރެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ހުސައިން ނާއިޝް އެވެ. އަދި ނޫސްވެރިންގެ ގޮތުގައި ވެސް ކުޑަކުދިން ބައިވެރިވެފައިވެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމާ ދާދި އެއްގޮތަށް ކުރިއަށްގެންދިޔަ އެ ނޫސްވެރިންގެ ބައްދަލުވުން ފުރިހަމަވެފައި، އެކުދިންގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!