އައްޑޫ ސިޓީއާ ހުވަދުއަތޮޅާ ދެމެދު އިންޓަރނޭޝަނަލް ކާގޯގެ ޚިދުމަތް ފަށަނީ

އައްޑޫ ސިޓީއާއި ގދ.ތިނަދޫއާ ދެމެދު އިންޓަރނޭޝަނަލް ކާގޯގެ ޚިދުމަތް ކުރިއަށް އޮތް 2 ހަފްތާގެތެރޭހައި ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއާއި ގދ.ތިނަދޫއާ ދެމެދު އިންޓަރނޭޝަނަލް ކާގޯގެ ޚިދުމަތް ފަށަން ތައްޔާރުވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ހިމެނޭ އެންމެ ބޮޑު ދެ އަތޮޅުތަކުގެ މެދުގައި އިންޓަރނޭޝަނަލް ކާގޯގެ ޚިދުމަތް ކުރިއަށްދާނީ އިންޑިޔާގެ ޓުޓިކޮރިން ބަނދަރުން އައްޑޫސިޓީއަށާއި ގދ.ތިނަދުއަށެވެ. މި ޚިދުމަތް ފޯރުކޮށްދޭނީ ދާދިފަހުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އުފެއްދި ދިވެހި ރާއްޖޭގެ ޤައުމީ ޝިޕިން ކުންފުނީގެ 3700 މެޓްރިކްޓަނުގެ ކާގޯ ބޯޓެއްގައެވެ.

އައްޑުއާއި ތިނަދުއަށް އެސްޓީއޯއިން ފަށާ މިޚިދުމަތުގެ ދަށުން ކޮންމެ ފަރާތަކަށްވެސް ކާގޯ ގެނައުމަށް ފުރުޞަތު ލިބިގެންދާއިރު، އެސްޓީއޯއިން އިންޑިޔާއަށް މިފަށާ ކާގޯ ޚިދްމަތުގައި މައިގަނޑުގޮތެއްގައި ގެނައުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޝަން މެޓީރިއަލްއާއި ކާބޯތަކެއްޗެވެ.

މި ދަތުރުތައް ޝެޑިއުލްކުރެވިފައި ވަނީ ކޮންމެ 20 ދުވަހަކުން ރައުންޑު ވޮރޭޖްއެއް ފުރިހަމަވާގޮތަށް އިންޑިއާގެ ޓުޓިކޮރިން ބަދަރުން އައްޑޫސިޓީއަށް، އައްޑޫ ސިޓީއިން ތިނަދޫއަށް ތިނަދޫއިން އަނެއްކާ އިންޑިޔާގެ ޓުޓޮކޮރިން ބަނދަރަށް ދާގޮތަށްކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މި ބޯޓުގައި އަވަހަށް ހަލާކުވާފަދަ ކާބޯތަކެތީގެ ބާވަތްތައް އުފުލުމަށް 4 ރީފްސް ކޮންޓެއިނަރު ބޭނުންކުރުމަށް
ވަނީ ހަމަޖެހިފައިވެއެވެ.

ފިނިކުރި ކޮންޓެއިނަރުތަކުގައި އައްޑުއާއި ތިނަދުއަށް ގެނެވޭ ބާވަތްތަކަށް 50 ޑޮލަރު ޗާޖުކުރާއިރު އެހެން ބާވަތްތަކަށް 30 ޑޮލަރާއި 40 ޑޮލަރާއި ދެމެދުގެ ޗާޖެއް ކުރުމަށްވަނީ ހަމަޖެހިފައިވެއެވެ. މިއީ މާލޭގެ ޕޯޓުން ޗާޖުކުރާ ރޭޓަށްވުރެ ހެޔޮ ރޭޓްތަކެކެވެ.

މިޚިދުމަތް ފެށުމާއެކު މި ދެ ސަރަޙައްދުގެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން އެނގިގެންދަނީ އިންޑިޔާއިން ތަކެތި ސީދާ ގެނެވޭގޮތްވުމުން، ފްރައިޓް އަދި ހެންޑްލިންގްގެ ޚަރަދުތައް ކުޑަވެ، ގިނަ ތަކެތި ހެޔޮ އަގުގައި ވިއްކޭގޮތްވެ ލިބޭ މަންފާ ބޮޑުވެގެންދާނެތީއެެވެ.

މީގެ އިތުރުން މި ދެޕޯޓަށް ގެނެވޭމުދާ ކައިރި އެހެން އަތޮޅުތަކާއި ރަށްތަކަށް ޓްރާންސްޕޯޓްކުރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!