ހުވަދު އަތޮޅަށާއި އައްޑު އަށް ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރު ވަނީ: ރައީސް

ހުވަދު އަތޮޅަށާއި އައްޑު އަށް ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ.ހޯރަފުށި އެއާޕޯޓު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ.

މީގެ އިތުރުން ވެސް ރައީސް ސޯލިހު ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު، ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އޭގެ ސިލްސިލާގެ ދަށުން އައްޑޫ އާއި ހުވަދޫ އަތޮޅަށް އެ ހިދުމަތް ފުޅާކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

“މި ސިލްސިލާގެ ދަށުން، އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް، މާތް ﷲގެ ވާގިފުޅާއެކު، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ފެށުމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން އެ އަންނަނީ ތައްޔާރުވަމުން” ރައީސް ވިދާޅުވިއެވެ.

މި ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!