ޝާހިދު ކަޕޫރު، ކަރިޝްމާގެ ފަހަތުގައި ނަށަން އުޅުނުކަން އެނގޭތަ؟

ޝާހިދު ކަޕޫރަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު އަދި ހުނަރުވެރި އެއް އެކްޓަރުކަން ގިނަ ބަޔަކު ދަންނާނެއެވެ. ނަމަވެސް އެކްޓިންގެ ތެރެއަށް ވަނުމުގެ ކުރިން ޝާހިދު އުޅުނީ ނަށާ ގްރޫޕެއްގައި ނަށަންކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟

ޝާހިދު ބެކްގްރައުންޑް ޑާންސަރެއްގެ ގޮތުގައި އުޅުނުކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވަނީ ބަތަލާ ކަރިޝްމާ ކަޕޫރު ހިއްސާކުރި ވީޑިއޯއަކާ ގުޅިގެންނެވެ. 1990 ގެ އަހަރުތަކުން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް ފިޔަޖަހައިލި ބަތަލާ ކަރިޝްމާ، މިދިޔަ މޭ މަހު ހިއްސާކުރި “ތްރޯބެކް ވީޑިއޯ” އަކީ އޭނާގެ ވީޑިއޯ ލަވައެއްގެ މަންޒަރެވެ.

1997 ނުކުތް ފިލްމު “ދިލް ތޯ ޕާގަލް ހޭ” ގެ މަޝްހޫރު ލަވަ “ލޭ ގަޔީ” ގެ މަންޒަރެއްގައި ކަރިޝްމާ ނަށާތަން ފެންނައިރު، އޭނާގެ ފަހަތުގައި ގިނަ ނެށުންތެރިންތަކެއް ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި އޭގެތެރެއިން އެކަކީ ޝާހިދެވެ. ބަލާ ބެލުމަށް އޭރު ޝާހިދަކީ ފުރާވަރުގެ ކުއްޖެކެވެ.

ޝާހިދު ކަޕޫރު ބޮލީވުޑަށް ތަޢާރަފްވީ އޭގެ 6 އަހަރު ފަހުން، “އިޝްކް ވިޝްކް” ކިޔާ ޓީންއޭޖް ރޮމޭންސް ފިލްމަކުންނެވެ. އެއަށްފަހު އޭނާ ވަނީ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އަދި އެދުވަސްވަރު ވިދަމުންދިޔަ ބަތަލާ ކަރީނާ ކަޕޫރާ (ކަރިޝްމާގެ ކޮއްކޮ) ޝާހިދު ލޯބީގެ ގޮތުން ގުޅިފައިވެއެވެ. ނަމަވެސް އެ ގުޅުން ވަނީ މާ ގިނަ އަހަރުތަކެއް ނުވަނީސް ނިމުމަކަށް އައިސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!