ގޯވިންދާއާއި ކްރިޝްނާއާ ދެމެދު އޮތް ރުޅިވެރިކަން އަދިވެސް ކުރިއަށް!

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު އަދި ކޮމީޑިއަން ނެށުންތެރިޔާ ގޯވިންދާއާއި، އޭނާއަށް ބޮޑުބޭބެ ކިޔާ ކޮމީޑިއަން ކްރިޝްނާ އަބީޝެކާ ދެމެދު ޖެހިފައި އޮތް މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

‘ޓައިމްސް އޮފް އިންޑިއާ’ އިން އެގޮތަށް ރިޕޯޓުކޮށްފައިވަނީ، ކްރިޝްނާ ކޮމީޑިއަން އެއްގެ ގޮތުގައި މަސައްކަތް ކުރާ “ދަ ކަޕިލް ޝަރްމާ ޝޯ” ގެ އެޕިސޯޑަކަށް ގޯވިންދާ އަންނަން އުޅުމުން، ކްރިޝްނާ އެ އެޕިސޯޑުގައި މަސައްކަތް ނުކުރާ ގޮތަށް ނިންމުމުންނެވެ.

ގޯވިންދާއާއި ކްރިޝްނާއާ ދެމެދު މީގެ ދެތިން އަހަރު ކުރިން މައްސަލައެއް ޖެހިގެން އެދެމީހުންގެ ގުޅުމަށް ބުރޫ އަރާފައި އޮއްވައި އެ މައްސަލަ އިތުރަށް ގޯސްވީ، ކްރިޝްނާގެ އަންހެނުން ކަޝްމީރާ ޝާހް ކުރި ޓްވީޓަކާ ގުޅިގެން ގޯވިންދާގެ އަންހެނުން ސުނީތާ ހިތްހަމަނުޖެހިގެންނެވެ. ކަޝްމީރާ 2018 ވަނަ އަހަރު ކުރި ޓްވީޓަކީ، ފައިސާއަށް ނަށާ މީހުންނޭ ކިޔައިގެން ކުރި ޓްވީޓެކެވެ. އަދި ސުނީތާ މާނަ ނެގީ އެއީ ގޯވިންދާއަށް އެއްލި ބަހެއްގެ ގޮތުގައެވެ.

އޭގެފަހުން މިދިޔަ އަހަރު ގޯވިންދާގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު ޓީނާ “ދަ ކަޕިލް ޝަރްމާ ޝޯ” ގެ އެޕިސޯޑަކަށް އައި އިރު ކްރިޝްނާ އެ އެޕިސޯޑުން ފެންނާކަށް ނެތެވެ. ފަހުން އެނގުނު ގޮތުގައި، އެއީ ކްރިޝްނާ ހުރި ތަނަކަށް އަންނަން ސުނީތާ ބޭނުންނުވާތީ އޭނާގެ އެދުމުގެ މަތިން ޝޯގެ ޕްރޮޑިއުސަރުން ނިންމި ނިންމުމެކެވެ.

ހަމަ އެފަދައިން، ފަހުގެ އެޕިސޯޑަކަށް ގޯވިންދާ އަންނަން އުޅުމުން އެ އެޕިސޯޑުގައި ބައިވެރިނުވާން ނިންމީ ޚުދު ކްރިޝްނާ ކަމަށް އޭނާ ބުނެފައިވެއެވެ. އެކަމާ ބެހޭގޮތުން މީޑިއާއަކާ ވާހަކަ ދައްކަމުން 37 އަހަރުގެ ކޮމީޑިއަން ބުނީ ބޮޑުބޭބެއާ އޭނާގެ ގުޅުން އަދިވެސް ރަނގަޅު ނުވާ ކަމަށެވެ. “ގޯވިންދާ މާމާ ޝޯއަށް އަންނަން އުޅޭކަން އަހަންނަށް އެނގުނީ 10 ދުވަސް ކުރިން. އޭނާއާއެކު ސުނީތާ ނާންނާތީ ޝޯގެ ޕްރޮޑިއުސަރުން ހީކުރީ އަހަރެން މިފަހަރު އެ އެޕިސޯޑުގަ ބައިވެރިވާނެ ކަމަށް، އެކަމަކު މިދިޔަ އަހަރު ހިނގައިދިޔަ ކަންތަކުން އަހަންނަށް އަދިވެސް އަރައެއް ނުގަނެވޭ. އެހެންވެ މިފަހަރު ބައިވެރިނުވާން ނިންމީ އަހަރެން އަމިއްލައަށް”، ކްރިޝްނާ ކިޔައިދިނެވެ.

ކްރިޝްނާ ބުނީ ބޮޑުބޭބެއާ ކުރިން އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، ނަމަވެސް ކޫސަނި ކަމަކާހެދި ގުޅުމަށް ބުރޫއަރާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރަން މިދިޔަ ލޮކްޑައުން ތެރޭގައި ދެފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާނެ ކަމަށާއި އެހެނަސް އޭނާ ގުޅުމުން ގޯވިންދާ ފޯނު ނުނަގާ ކަމަށް ބުންޏެވެ. ހަމައެހެންމެ، ކްރިޝްނާއަށް އެއްމާބަނޑު ދެބެއިން ލިބުމުން ހޮސްޕިޓަލަށް ޒިޔާރާތް ކުރަންވެސް ގޯވިންދާ ނާންނަކަމަށް ބުނަމުން ބުނީ، އޭގެތެރެއިން އެއްކުއްޖެއްގެ ހާލު ސީރިއަސް ވެގެން ފުރާނައާ ހަނގުރާމަކުރި އިރުވެސް ހަބަރެއް ނުވާ ކަމަށެވެ. “ވަރަށް ދެރަވޭ މިހެން ވީމަ. އެކަމަކު އޭނަ އަހަންނާ ބައްދަލުކުރަން ބޭނުން ނުވަންޏާ އަހަރެން ވެސް ބޭނުމެއް ނޫން ކޮންމެހެން”.

ކްރިޝްނާ އިތުރަށް ބުނީ އޭނާއާއި ގޯވިންދާގެ ގުޅުން ދެން ހަމައަކަށް އެޅުވޭނީ ކަޕިލް އަށް ކަމަށެވެ. އެގޮތުން ގޯވިންދާ ކަޕިލްގެ ޝޯއަށް އަންނަ ފަހަރަކުން ކްރިޝްނާއަށް ގޮވައި ސްޓޭޖު މައްޗަށް ގެނެސްގެން މައްސަލަ ފިނިކުރަން މަސައްކަތް ކުރެވިދާނެ ކަމަށް ބުންޏެވެ. “އެކަމަކު އަހަރެމެންގެ ޝޯގަ އެއް ސެލެބްރިޓީއެއް ތަކުރާރު ވުމަކީ ވަރަށް ނުވާ ކަމެއް. އެހެންވީމަ ދެން މި މައްސަލަ ހައްލުވުމުގެ ފުރުސަތު އޮތީ ވެސް 2021 ގަ”، ކްރިޝްނާ ހާމަކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!