ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ރަޝްފާގެ ހިތަށް ވެރިވަމުން ދިޔަ ބިރުވެރި ޚިޔާލުތަކުގެ ސަބަބުން، އޭނާ އިނީ ކުރާނެކަމެއް ނެތިފައެވެ. ކަމުގެ ހަގީގަތް ނަޒީފުގެ ކުރިމަތީގައި ހާމަކުރެވޭކަށް ނެތެވެ. ނަޒީފަށް އަނިޔާއެއް ލިބުމަކީ، އޭނާގެ ހިތަށް ކުޅަދާނަވާވަރުގެ ކަމަކަށް ނުވާނެއެވެ. މިއަދު ނަޒީފު އަންނާނެއެވެ. އޭގެ ކުރީން މަރުވާނެ ނަމައޭ ވެސް ހިތަށް އަރާން ފަށައިފިއެވެ.

އެދުވަހު މެންދުރުފަހުގެ ވަގުތެއްގައި ދަތުރު ނިންމާފައި ނަޒީފު  އެނބުރި ރަށަށް އަތުވެއްޖެއެވެ. ނަޒީފު ގެއަށްއައިއިރު ރަޝްފާ އޮތީ ކޮޓަރީގައެވެ. ނިތްމަތީ އަތް ބާއްވާލައިގެން އޮތްއިރު، އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ފުރާޅުގައި ހުރި ބާޓިނުތަކާ ދިމާއަށެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ މުޅިން އެހެން ކަމެކެވެ. ނަޒީފު އައިސް ކޮޓަރިދޮރު ހުޅުވާލާފައި ވަންކަން ވެސް އޭނާއަކަށް ނޭނގުނެވެ.

“ރަޝްފާ…..!” ނަޒީފު ލޯތްބާއެކު ރަޝްފާއަށް ގޮވައިލިއެވެ. ރަޝްފާއަކަށް އަޑެއް ނީވުނެވެ.

“ރަޝްފާ……!” މޭޒުމަތީގައި ދަބަސް ބަހައްޓާފައި އަނެއްކާ ވެސް ނަޒީފު ގޮވާލިއެވެ. ރަޝްފާ ކަހާތަން ހިރުވާ ވެސް ނުލައެވެ.

“ރަޝްފާ………! އޭނާގެ ގާތަށް ޖެހިލުމަށްފަހު، އަތުގައިހިފައި ތަޅުވައިލަމުން، ނަޒީފު އަނެއްކާވެސް ގޮވައިލިއެވެ. އެ ވަގުތު ސިހިފައި ރަޝްފާއަށް ބަލައިލެވުނެވެ. ނަޒީފުގެ ހިނިތުންވެފައިވާ މޫނު، ރަޝްފާއަށް ފެނުނީ ރުޅިވެރިކަމުން ފުރިފައިވާ މޫނެއްފަދައިންނެވެ. ރަޝްފާގެ މޭ ތެޅިގަތެވެ. ފުންމައިގެން ތެދުވެ އިށީނދެވުނެވެ. ހީވީ ބޮޑު ބިރެއް ފެނުނުހެންނެވެ.

“ކިހިނެއްވީ؟ ހާދަ ބިރެއްތިގަތީ!” ރަޝްފާއަށް ވީގޮތުން ނަޒީފު ހައިރާންވިއެވެ.

ރަޝްފާއަށް ހަމަހޭވެރިކަން ލިބުނީ މިހައިހިސާބުންނެވެ.

“ކަ…… ކަމެއްނުވޭ!” ހަމަޖެހިލެވޭތޯ ރަޝްފާ މަސައްކަތްކުރިއެވެ.

“މާ ވަރަކަށް ސިހުނީމާ އަހަރެން ހީކުރީ ބިރުގަތީކަމަށް. ވަރަށް ބިރުންދޯ ތި އޮންނަނީ” ރަޝްފާއާ ޖެހިގެން ކަހަލަ ގޮތަކަށް ނަޒީފު އިށީނދެއްޖެއެވެ.

“އުހުނ!” ވަރަށް އުނދަގުލުން ރަޝްފާއަށް ބުނެވުނެވެ. “ކޮންއިރަކު އައީ؟”

“އިރުކޮޅެއްވެއްޖެ. ތިން ހަތަރު ފަހަރު ގޮވިއިރު ވެސް އަޑެއް ނީވުނިއްޔަ! ކޮންކަމަކާތަ ތި ވިސްނަނީ! ހިތަށް އެރި ދޯ މިއަދު ވެސް ނާންނާނެޔޭ!” ރަޝްފާއަށް ކުރިމަތިވެގެން އުޅޭ ކަންތައްގަނޑުގެ ހަގީގަތާ ހަމައަށް ނަޒީފަށް ލަފާކޮށްލަން ވެސް ނޭނގޭނެއެވެ.

“އެނގޭ މިއަދު އަންނާނޭކަން” އެނދުން ތެދުވަން ރަޝްފާ އުޅުނެވެ. އެއިރު ވެސް އޭނާ އިނީ ހާސްކަމެއްގެ ތެރެއަށް ގެނބިފައެވެ.

“ވަރަށް އެކަނިވެރިވި ދޯ! ފޫހިވާނެކަން ވެސް އެނގޭ! ދެ ރޭ ވީއިރު އަހަންނަށް ނުވެސް ނިދޭ! ހަމަ ރަޝްފާ މަތިން ހަނދާންވަނީ. ހިތަށް އަރަނީ ރަޝްފާ އެކަންޏޭ އޮންނާނީ. ކޮންމެ ރަށަކުން ވެސް ވަރަށް މީރުކޮށް ކެއުން ތައްޔާރުކޮށްފައި ހުރޭ! އެކަމަކު އެއިން އެކައްޗެއް ވެސް އަހަންނަކަށް ނުކެވުނު. ރަޝްފާއަށް ނުދީ ކާންޖެހޭތީ ހަމަ ކާހިތްނުވީ.”

ނަޒީފުގެ ވާހަކަތައް އިވިފައި، ރަޝްފާ އަދިވަކިން ބޮޑަށް ދެރަވެއްޖެއެވެ. އޭނައަށް ލިބިފައި މި ވަނީ ކިހައި އޯގާވެރި، މާތް ފިރިއެއް ހެއްޔެވެ؟ އެކަމަކު….. އެ އޯގާތެރިކަމުގެ ހިޔަލަކު މާ ގިނަ ދުވަހަކު އޭނާއަކަށް ނޫޅެވޭނެއެވެ. އޭނާއަށް ޖެހޭނީ އަބަދުގެ އަބަދަށް ނަޒީފާ ވަކިވެގެންދާށެވެ.

“އޭތް!” ރަޝްފާ ހުއްޓުން އަރާފައި އިންނާން ފެށުމުން އަނެއްކާވެސް ނަޒީފަށް ޖެހުނީ ގޮވައިލާށެވެ. “ކޮންކަމަކާތަ ތި ވިސްނަނީ؟ ނިކަން ބުނެބަލަ! އަނެއްކާ ކަމެއް ގޯސްވީތަ؟”

މިހައިހިސާބުން ރަޝްފާއަކަށް ކެތެއް ނުކުރެވުނެވެ. ހިފަހައްޓަހިފަހައްޓާ އިންދާ ދެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ރަޝްފާއަށް އެނބުރި، ނަޒީފުގެ ގައިގައި އޮޅުލައިގަނެވުނެވެ. އެއާއެކު ބަޑި ފަޅައިގެން ހިނގައްޖެއެވެ.

“ކިހިނެއްތަވީ؟ ވީގޮތެއް ބުނެބަލަ!” ރަޝްފާ ރޯންފެށުމުން ނަޒީފު ކަންބޮޑުވެއްޖެއެވެ.

ރަޝްފާއަށް ހަމަ ރޮވެނީއެވެ. ގިސްލެވެނީއެވެ. ނަޒީފުގެ ގަމީހުގެ ކޮނޑުމަތި ތެމެމުން ދިޔައެވެ. ރަޝްފާގެ ދެ ލޮލުން އޮހެމުން ދިޔަ ވޭނީ ކަރުނައިންނެވެ.

ރަޝްފާ އެ އުޅެނީ އަނެއްކާ ކީއްކުރަން ބާވައެވެ؟ ހުރިހާ ވާހަކައެއް ނަޒީފަށް ކިޔައިދޭން އޭނާ ގަސްދުކުރަނީ ބާވައެވެ؟ އެ ކަހަލަ ޅައެއްޗެއް އޭނާ އަޅައިފާނޭ ބާވައެވެ؟ ނަޒީފުގެ ދުވަސް ދުއްވައިލާނޭކަން އޭނާ ހަނދާންނެތީ ބާވައެވެ؟ އެކަމަކު އެއީ ހަނދާންނެތޭ ފަދަ އާދައިގެ ކުޑަކަމެއް ވެސް ނޫނެވެ.

ތަކުރާރުކޮށް ރަޝްފާއާ ސުވާލުކުރަމުން ނަޒީފު ގެންދިޔައެވެ. ވެގެންއުޅޭ ގޮތެއް ސާފުކުރުމަށް ޓަކައެވެ. އެހެންނަމަވެސް ރަޝްފާއަކަށް އަނގައިން ބުނާނޭ ހިތްވަރެއް އަދިވެސް ނުލިބެއެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. ގިސްލެވެނީއެވެ. ނަޒީފު ކަންބޮޑުވާން ފަށައިފިއެވެ. ވެގެން މި އުޅެނީ ކީއްކަމެއް ލަފާކޮށްލަން ވެސް އޭނާއަކަށް ނޭނގުނެވެ.

“ހެޔޮނުވާނެ ރަޝްފާ! ނިކަން ހިތްވަރުކޮށްފައި، ވެގެން ތި އުޅޭގޮތެއް ކިޔައިދީބަލަ! ” ނަޒީފުގެ އަޑު ތުރުތުރު އަޅަން ފަށައިފިވެ.

ރަޝްފާ ހިންދިރުވައިލިއެވެ. ކަރުނައިންފޯވެ، ރަތްވެފައިވާ ދެ ލޮލުން ނަޒީފުގެ މޫނަށް ބަލައިލިއެވެ.

“ނަ..ޒީ..ފު!” ރަޝްފާއަށް ވާހަކަދެއްކެނީ ވަރަށް އުނދަގުލުންނެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!