ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ތަކުރާރުކޮށް ރަޝްފާއާ ސުވާލުކުރަމުން ނަޒީފު ގެންދިޔައެވެ. ވެގެންއުޅޭ ގޮތެއް ސާފުކުރުމަށް ޓަކައެވެ. އެހެންނަމަވެސް ރަޝްފާއަކަށް އަނގައިން ބުނާނޭ ހިތްވަރެއް އަދިވެސް ނުލިބެއެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. ގިސްލެވެނީއެވެ. ނަޒީފު ކަންބޮޑުވާން ފަށައިފިއެވެ. ވެގެން މި އުޅެނީ ކީއްކަމެއް ލަފާކޮށްލަން ވެސް އޭނާއަކަށް ނޭނގުނެވެ.

“ހެޔޮނުވާނެ ރަޝްފާ! ނިކަން ހިތްވަރުކޮށްފައި، ވެގެން ތި އުޅޭގޮތެއް ކިޔައިދީބަލަ! ” ނަޒީފުގެ އަޑު ތުރުތުރު އަޅަން ފަށައިފިވެ.

ރަޝްފާ ހިންދިރުވައިލިއެވެ. ކަރުނައިންފޯވެ، ރަތްވެފައިވާ ދެ ލޮލުން ނަޒީފުގެ މޫނަށް ބަލައިލިއެވެ.

“ނަ…ޒީ….ފު!” ރަޝްފާއަށް ވާހަކަދެއްކެނީ ވަރަށް އުނދަގުލުންނެވެ.

“ބުނޭ! ކިހިނެއްވީ؟” ނަޒީފުގެ މޭ ތެޅެމުން ދަނީ އޮބިއޮންނަ ވަރަށްވުރެ ބޮޑަށެވެ.

“އަހަރެން…….އަހަރެން…..” އިތުރުއެއްޗެއް ރަޝްފާއަކަށް ނުބުނެވުނެވެ. ކަރު ބެދެނީއެވެ. ރަޝްފާ އަނެއްކާވެސް ހިންދިރުވާލިއެވެ.

“ކީކޭ؟ ކިހިނެއްވިއްޔޭ!” ނަޒީފު އިނީ ރަޝްފާ ކިތަންމެ މަޑުން އެއްޗެއް ބުންޏަސް އަޑުއިވޭހައި ގާތުގައެވެ.

“އަހަރެން…. ބިރުގަންނަނީ” ވަރަށް ހިތްވަރުން، ކެތްތެރިކަމާއެކު ވެސް ރަޝްފާއަށް ބުނެވުނީ މިހެންނެވެ.

“ކޮންކަމަކާ!؟ ކީއްވެގެން!؟”

“ނޭނގެ! ކޮންމެ…… ރެއަކު…. ބިރުވެރި ހުވަފެން…….. ފެންނަނީ!” ކަމުގެ ހަޤީޤަތާ ހަމައަށް ދެވެން ނެތުމުން، ރަޝްފާ ހެދީ ދޮގެކެވެ. ފުރަތަމަ ފަހަރަށް ފިރިމީހާއަށް ދޮގެއް ހެދުނީއެވެ. “އަހަންނަކަށް ނުކެރޭނެ ދެން މިގެއަކު އުޅޭކަށް!” ރަޝްފާގެ ތުރުތުރު އަޅަމުން ދިޔަ އަޑު ނަޒީފުގެ ކަންފަތަށް ވަންނަމުން ދިޔައިރު، އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ، ކުރީ ދުވަހަކު ޝަކީބު ބުނި ވާހަކައެވެ.

“އަހަންނަކަށް ނުފެނޭ ތިހާ އަވަސް އަރުވާލައިގެން، މި ގެއަށް އަންނާކަށް. ކޮންމެވެސް މީހަކުލައްވާ ކަމެއްކޮށްލުން ރަނގަޅުވާނެ!”

“ކުރިންވެސް އެކަހަލަ ހުވަފެން ފެނޭ ދޯ!” އެއީ މިގެއަށް އައުމުން ވާކަމެއްކަމަށް ހަދާކަށް، ނަޒީފު ބޭނުމެއް ނުވެއެވެ.

“ނޫން! ދުވަހަކުވެސް ނުފެނޭ!” ރަޝްފާއަށް އަދިވެސް ގިސްލެވެނީއެވެ.

އަހަންނަށް ހީވަނީ ތީ ރަޝްފާ މާބިރުން އުޅޭތީ ވާގޮތެއްހެން.” އެއްވެސް މީހަކު އެ މީހެއްގެ އަމިއްލަ ގެއަކީ ނާމާން، ބިރުވެރި ތަނަކަށް ވާކަށް ނޭދޭނެއެވެ.

“އަހަރެން ކުރިއަކުން އެއްވެސް ވަރަކަށް ބިރެއް ނުގަނޭ. އެކަމަކު މިހާރު…….” ރަޝްފާގެ އަޑު ކުއްލިއަކަށް މާ ބޮޑަށް ތުރުތުރުއަޅައިގެންފިއެވެ.

“ކޮންކަހަލަ ހުވަފެނެއްތަ ފެންނަނީ؟” ނަޒީފަށް އަހައިލެވުނެވެ.

“ނުކެރޭނެ….. ކިޔައިދޭކަށް! ހިނގާ އެހެން ރަށަކަށް….ދާން!”

“އަވަސް އަވަހަށް ރަށްރަށަށް ބަދަލުވުމަކީ ފަސޭހަކަމެއް ނޫން! އެހެންނޫނަސް ދެން ކޮން އެހެން ރަށަކަށް ދާނީ ވެސް؟ ދަންޏާ ދާންއޮތީ މާލެ. ގޮސް އުޅެންޖެހޭނީ ކުއްޔަށް. އެހައި ޚަރަދުބޮޑުވާނެ. އަބަދާއި އަބަދު އުޅެންޖެހޭނީ ލިބޭ ލާރިކޮޅުން ދެކޮޅު ނުޖެހިގެން.” ނަޒީފު ވާހަކަދައްކަމުން ގެންދިޔައިރު، އޭނާގެ ސިކުނޑިއޮތީ ހާސްކަމެއްގެ ތެރޭގައެވެ.

“ތި ހުރިހާކަމެއް ވެސް އަހަންނަށް ވިސްނޭ! އެކަމަކު މި ތަނަކު އަހަރެމެންނަކަށް ހަމަޖެހޭ ދިރިއުޅުމެއް ބިނައެއް ނުކުރެވޭނެ!” ކުރަމުން އައި ފޮނި އުއްމީދުތައް ވަޔަށް އޮޔަށް ގޮސް، ވިއްސިވިހާލިވެފައިވާ އާވާރާއެއް ފަދައިން ރަޝްފާ ވާހަކަދެއްކިއެވެ.

“އެންމެ ރަނގަޅު! އަހަރެން ތިކަމާ ވިސްނާނަން. އިރާދަކުރެއްވިއްޔާ އަހަރެން ސަލާމަތުންހުއްޓާ ރަޝްފާއަކަށް ކަމެއްވިޔަކަ ނުދޭނަން! މީގެ ފަހުން ނިދުމުގެ ކުރީން، ދަންނަހައި ހެޔޮއެއްޗެއްވިއްޔާ ކިޔާތި! އޭރުން އިރާދަކުރެއްވިއްޔާ ތިކަހަލަ ފާޑުފާޑުގެ ހުވަފެނެއް ނުފެންނާނެ!”

ރަޝްފާގެ ހިތްހަމަޖައްސައިދެވޭތޯ ނަޒީފު މަސައްކަތްކުރިއެވެ. އެކަމަކު އެކަހަލަ ވާހަކައަކުން އޭނާގެ ހިތްހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެ އުޅެނީ ބިރުވެރި ހުވަފެން ފެންނާތީއެއް ނޫނެވެ. ހޭލައި ހުއްޓާ ބިރުވެރި ކަންތައްތަކާ ދިމާވާތީއެވެ. އެއަށްވުރެ ނުރައްކާތެރިކަން ބޮޑީ، އޭނާގެ ބަނޑުގައި ގަރުބަގެންފައިވާ ދަރިފުޅެވެ. “ޝައިތާނީލެއިން” އުފެދި ބޮޑުވަމުން އަންނަ ދަރިއަކު ބަނޑުގައި އޮތްކަމީ، ކޮން ފަދަ ބޮޑު ބިރެއް ހެއްޔެވެ؟ އަނެއްކާ އަނެއް ރޭ ކުރިމަތިވަނީއެވެ. ލައިގަންނާނީ ކޮން ފަދަ ކަންތައްގަނޑަކާ ކަމެއް ވެސް ނޭނގެއެވެ.

އެ ދުވަހު ހަވީރު ފެންވަރާލައިގެން ނަޒީފާއި ރަޝްފާ ދިޔައީ ޝަކީބުމެން ގެއަށެވެ. އެއިރު ޝަކީބު އިނީ، މަހުން ލަފައިގެން އައިސް މަސްކަނޑާށެވެ. ތެލީ ތެރޭގައި އާދައިގެވަރެއްގެ ހަތަރު މަސް އޮތެވެ. އާޝިޔާ އުޅެނީ ބަދިގޭގައެވެ.

“އަހަނ! ނަޒީފު! ކޮންއިރަކު އައީ؟” ނަޒީފުގޮސް ހުއްޓުމުން ޝަކީބު އަހައިލިއެވެ. “ފުރައިގެން ދިޔައިރު އަންގައި ވެސް ނުލަމެއްނު!”

“ވަރަށް ކުއްލި ގޮތަކަށް ފުރަން ޖެހުނީ. އެހެންވެގެން އަންގައިނުލެވުނީ”

“މަހެއް ގެންދަންވީނު! މިއަދު ވަރަށް ކަމެއްނުވިޔޭ! މީހަކަށް ލިބުނީ ހަތަރެތި.” މަސްލާފައި އޮތް ތެލީގައި އަތްޖައްސައިލަމުން، ނަޒީފުގެ މޫނަށް ޝަކީބު ބަލައިލިއެވެ. ޝަކީބު ވާހަކަދައްކަމުން ގެންދިޔައިރު ނަޒީފުގެ ސިކުނޑީގައި ހަލަބޮލިކަމެއް އުފައްދާފައި ވަނީ މުޅިން އެހެން ކަންތައްގަނޑެކެވެ.

“ކީއްވެ އެއްޗެއް ނުބުނެ މާ ފާޑަކަށް ތި ހުންނަނީ؟ ތެދެއް ރަޝްފާ! އަނެއްކާ ގޭގައި މަސް މާ ތިޔާގެ ދުވަހަކީތަ؟” ރަޝްފާއާ ދިމާއަށް ޝަކީބު ބަލައިލިއެވެ.

“އޭނ! ކީކޭ؟” ނަޒީފު ސިހުނެވެ.

“އަހަރެން ބުނި އެއްޗެއް ނުވެސް އިވުނު ދޯ! ދަތުރުގެ މަޖާކުޅިގަނޑުގެ ހެކިތައް މި ފެންނަނީ! ތިޔަވަރުން ދަންޏާ މަށަށް ހީވަނީ ދުވަސްކޮޅަކުން ރަޝްފާއަށް ޖެހޭނީ ދެ އަތް ފޮޅާލާފައި ދުރަށްދާންހެން!”

ޝަކީބު ކޮށްލީ ސަމާސާއެކެވެ. އެހެނަސް އެ ސަމާސާ  ވެގެން ދިޔައީ ރަޝްފާގެ ހިތަށް ހެރުނު ވިހަގަދަ ތީރަކަށެވެ. ޝަކީބަށް އެ ބުނެވުނީ ތެދެއްކަމަށް ރަޝްފާގެ ހިތް ބުނަން ފަށައިފިއެވެ. ދުވަސްކޮޅަކުން އޭނާ ފޮނުވާލަން ނަޒީފަށް މަޖުބޫރުވާނެ އެވެ.

“ތީ ޝަކީބަށް ހަމަ ހީވާވާގޮތް! އަހަންނަކީ ދެ އިރު ދެ ދަޅައަށް ހެދުން ބަދަލުކުރާހެން އަނބިން ބަދަލުކުރާނޭ މީހެއްނޫން. އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ އަނތްބަކީ ވެސް ރަޝްފާ. މިއަކަށް ނާންނާނެ ބަދަލެއް” ނަޒީފުގެ އަޑުގައި ވަނީ ޔަޤީންކަމެކެވެ.

“އަހަރެން އެބަ ހިތަށް އަރާ ކޮންބައެއް ބާވައޭ އައިސްގެން މި އުޅެނީ.” ބަދިގެއިން ނިކުމެގެން އާޝިޔާ އެ ތަނަށް އައީ އެވަގުތުއެވެ. އޭނާ އައިސް ރަޝްފާގެ ގާތުގައި ހުއްޓެމުން ހިނިތުންވެލިއެވެ.

“މަންމާ! މިއަދު މި އިން މަސްކޮޅެއް ހަނާކޮށްލައްޗޭ!”

“އާނ….! ނަޒީފު ތި އައީ އަތޮޅުތެރޭ އުޅެލައިފައި ދޯ! ރަޝްފާ އެކަނި ބައިންދާފައި ދިޔައިރު އަހަރެމެންގާތު ބުނެވެސް ނުލާވިއްޔާ! އަހަންނަށް އެނގުނީ ވެސް މިއަދު! ” އާޝިޔާގެ އަޑުގައި ހުރީ، ޝަކުވާގެ ރާގެވެ.

“ދިމާވި ގޮތުން ހަމަ އަންގައިލާނެ ފުރުޞަތެއް ވެސް ނުލިބުނީ. ދޯ ރަޝްފާ!”

“އާނ. ވަރަށް ކުއްލި ގޮތަކަށް ފުރަން ޖެހުނީ” ރަޝްފާގެ އަޑު މަޑެވެ.  

“ސައިބޯންވީނު! ތައްޔާރުކުރަންތަ؟” ޢާޝިޔާ  އަހައިލިއެވެ.

“ޝަކީބު މިހާރު ސައިބުއީތަ؟” ނަޒީފު ބަލައިލީ ޝަކީބާ ދިމާއަށެވެ.

“އާނ. އަހަރެން ތިކަން ނިންމާލައިފިން.” އެންމެފަހު މަސް ނަގައި މަސްގޮނޑިމަތީގައި ޝަކީބު ބާއްވައިލިއެވެ.

“އަންނާނަން ސައިހަދާފައި” އާޝިޔާ ހިނގައިގަތެވެ. ފަހަތުން ރަޝްފާ ވެސް ހިނގައިގެންފިއެވެ.

“ތި މަސައްކަތް ނިންމާލާފައި ފެންވަރާލައިގެން އަހަރެމެން ގޭދޮށަށް ޖައްސާލައްޗޭ! ވަރަށް މުހިންމު ވާހަކައެއް ދައްކައިލާންވެފައި އެބަ އޮތް” ޝަކީބުގާތު ނަޒީފު އިށީނދެލިއެވެ.

“އަނެއްކާ ކިހައިވަރެއްގެ ވާހަކައެއް؟”

“ވަރަށް ބޮޑު ކަމަކާ ދިމާވެގެން މި އުޅެނީ!”

“އާނ! މަޣުރިބު ނަމާދު ކޮށްލައިގެން ދާނަން. އެވަރު ލަސްވާނެ؟”

“ރަނގަޅުވާނެ!”

“ހާދަ އެހެން ގޮތަކަށް މިއަދު ރަޝްފާ ތި އިންނަނީ. އަނެއްކާ ބަލީތަ؟ ” ރަޝްފާ ސައިބޯން އިންދާ އާޝިޔާ އަހައިލިއެވެ.

“އުހުނ!” ރަޝްފާ ބޯ ހަލުވައިލިއެވެ. ހިނިތުންވެލަމުންނެވެ.

“ނުބުނާންތަ ތި އުޅެނީ؟ އާޝިޔާދައްތައަށް އެނގޭ ވެގެން ތި އުޅޭގޮތް.” ހިނިތުންވެލަމުން އާޝިޔާ މި ބުނެލި ޖުމުލައިން އެންމެ ބޮޑު އަސަރެއް ކުރީ ރަޝްފާއަށެވެ. ނަޒީފަށް ވެސް އާޝިޔާގެ މޫނަށް ބަލައިލެވުނެވެ. ރަޝްފާގެ މޭ ބާރު ބާރަށް ތެޅިގަތެވެ.

“ކި…ކި..ކިހިނެއްވީ؟” ރަޝްފާ ކޮށިނޭރީ ކިރިޔާއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!