ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ޝަކީބު ކޮށްލީ ސަމާސާއެކެވެ. އެހެނަސް އެ ސަމާސާ  ވެގެން ދިޔައީ ރަޝްފާގެ ހިތަށް ހެރުނު ވިހަގަދަ ތީރަކަށެވެ. ޝަކީބަށް އެ ބުނެވުނީ ތެދެއްކަމަށް ރަޝްފާގެ ހިތް ބުނަން ފަށައިފިއެވެ. ދުވަސްކޮޅަކުން އޭނާ ފޮނުވާލަން ނަޒީފަށް މަޖުބޫރުވާނެ އެވެ.

“ތީ ޝަކީބަށް ހަމަ ހީވާވާގޮތް! އަހަންނަކީ ދެ އިރު ދެ ދަޅައަށް ހެދުން ބަދަލުކުރާހެން އަނބިން ބަދަލުކުރާނޭ މީހެއްނޫން. އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ އަނތްބަކީ ވެސް ރަޝްފާ. މިއަކަށް ނާންނާނެ ބަދަލެއް” ނަޒީފުގެ އަޑުގައި ވަނީ ޔަޤީންކަމެކެވެ.

“އަހަރެން އެބަ ހިތަށް އަރާ ކޮންބައެއް ބާވައޭ އައިސްގެން މި އުޅެނީ.” ބަދިގެއިން ނިކުމެގެން އާޝިޔާ އެ ތަނަށް އައީ އެވަގުތުއެވެ. އޭނާ އައިސް ރަޝްފާގެ ގާތުގައި ހުއްޓެމުން ހިނިތުންވެލިއެވެ.

“މަންމާ! މިއަދު މި އިން މަސްކޮޅެއް ހަނާކޮށްލައްޗޭ!”

“އާނ….! ނަޒީފު ތި އައީ އަތޮޅުތެރޭ އުޅެލައިފައި ދޯ! ރަޝްފާ އެކަނި ބައިންދާފައި ދިޔައިރު އަހަރެމެންގާތު ބުނެވެސް ނުލާވިއްޔާ! އަހަންނަށް އެނގުނީ ވެސް މިއަދު! ” އާޝިޔާގެ އަޑުގައި ހުރީ، ޝަކުވާގެ ރާގެވެ.

“ދިމާވި ގޮތުން ހަމަ އަންގައިލާނެ ފުރުޞަތެއް ވެސް ނުލިބުނީ. ދޯ ރަޝްފާ!”

“އާނ. ވަރަށް ކުއްލި ގޮތަކަށް ފުރަން ޖެހުނީ” ރަޝްފާގެ އަޑު މަޑެވެ.  

“ސައިބޯންވީނު! ތައްޔާރުކުރަންތަ؟” ޢާޝިޔާ  އަހައިލިއެވެ.

“ޝަކީބު މިހާރު ސައިބުއީތަ؟” ނަޒީފު ބަލައިލީ ޝަކީބާ ދިމާއަށެވެ.

“އާނ. އަހަރެން ތިކަން ނިންމާލައިފިން.” އެންމެފަހު މަސް ނަގައި މަސްގޮނޑިމަތީގައި ޝަކީބު ބާއްވައިލިއެވެ.

“އަންނާނަން ސައިހަދާފައި” އާޝިޔާ ހިނގައިގަތެވެ. ފަހަތުން ރަޝްފާ ވެސް ހިނގައިގެންފިއެވެ.

“ތި މަސައްކަތް ނިންމާލާފައި ފެންވަރާލައިގެން އަހަރެމެން ގޭދޮށަށް ޖައްސާލައްޗޭ! ވަރަށް މުހިންމު ވާހަކައެއް ދައްކައިލާންވެފައި އެބަ އޮތް” ޝަކީބުގާތު ނަޒީފު އިށީނދެލިއެވެ.

“އަނެއްކާ ކިހައިވަރެއްގެ ވާހަކައެއް؟”

“ވަރަށް ބޮޑު ކަމަކާ ދިމާވެގެން މި އުޅެނީ!”

“އާނ! މަޣުރިބު ނަމާދު ކޮށްލައިގެން ދާނަން. އެވަރު ލަސްވާނެ؟”

“ރަނގަޅުވާނެ!”

“ހާދަ އެހެން ގޮތަކަށް މިއަދު ރަޝްފާ ތި އިންނަނީ. އަނެއްކާ ބަލީތަ؟ ” ރަޝްފާ ސައިބޯން އިންދާ އާޝިޔާ އަހައިލިއެވެ.

“އުހުނ!” ރަޝްފާ ބޯ ހަލުވައިލިއެވެ. ހިނިތުންވެލަމުންނެވެ.

“ނުބުނާންތަ ތި އުޅެނީ؟ އާޝިޔާދައްތައަށް އެނގޭ ވެގެން ތި އުޅޭގޮތް.” ހިނިތުންވެލަމުން އާޝިޔާ މި ބުނެލި ޖުމުލައިން އެންމެ ބޮޑު އަސަރެއް ކުރީ ރަޝްފާއަށެވެ. ނަޒީފަށް ވެސް އާޝިޔާގެ މޫނަށް ބަލައިލެވުނެވެ. ރަޝްފާގެ މޭ ބާރު ބާރަށް ތެޅިގަތެވެ.

“ކި……ކި……ކިހިނެއްވީ؟” ރަޝްފާ ކޮށިނޭރީ ކިރިޔާއެވެ.

“ތީ ދެން އެވަރުގެ ކަމެއް ނޫނޭ! ފުރަތަމަ ފަހަރު ވީމާ ކޮންމެ ކުއްޖަކު ވެސް އުޅޭނެ ލަދުން ބުނަން ނުކެރިގެން. އެކަމަކު ޙަޤީޤަތުގައި ތީ ލަދުގަންނަވަރުގެ ކަމެއް ވެސް ނޫން!” އާޝިޔާ ހިނިއައިސްފައި ހުރިއިރު ނަޒީފު އިނީ ފާޑަކަށެވެ. ރަޝްފާ އިނީ ކަންބޮޑުވެގެން ގޮސް ކުރާނެކަމެއް ނޭނގިފައެވެ.

އާޝިޔާ އެ ބުނި އެއްޗެއް ނަޒީފަށް ވިސްނިއްޖެއެވެ. ރަޝްފާގެ ދާހިއްލަމުންދާ މޫނަށް ނަޒީފު ބަލައިލިއެވެ. އެއީ ތެދެއްހޭ އަހައިލާ ކަހަލަ ބެލުމަކުންނެވެ. ރަޝްފާއަށް ކުއްލިއަކަށް އިސްއޮބައިލެވުނެވެ. ރަޝްފާއަށް މި އައި ބަދަލުން އޭނާއަށް އަސަރުތަކެއް ކޮށްފިކަން އާޝިޔާ ދެނެގެންފިއެވެ. އެހެންކަމުން އާޝިޔާ ގަސްދުކުރީ ވަގުތުން މައުޟޫޢު ބަދަލުކޮށްލާށެވެ.

“ކޮންކޮން ރަށްރަށަކަށްތަ ނަޒީފު ދިޔައީ؟” ނަޒީފުގެ މޫނަށް ބަލައިލަމުން އާޝިޔާ އަހައިލިއެވެ.

“ދެތިން ހަތަރު ރަށަކަށް ދެވުނު!” އެ މައުޟޫޢަކާ މި ވަގުތު ނަޒީފު މާ ގަޔަކާ ނުވިއެވެ.

“ވަރަށް މަޖާދޯ”

ނަޒީފު ބޯޖަހައިލިއެވެ. އަދި އިތުރުއެއްޗެއް ނުބުނެ، އެއް ނޭވާއިން ސައިތަށި ދަމާލުމަށްފަހު، ފެންތަށި ވެސް ހަމަމިގޮތަށް ބޮއިލައިފިއެވެ.

ސައިބޮއި ނިންމާލައިގެން، މަޑު ވެސް ކޮށްލުމެއް ނެތި، އެ މީހުން ގެއާދިމާއަށް ހިނގައިގެންފިއެވެ. އެއިރު ރަޝްފާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ދަރަޖައަކަށެވެ. ހުރިހައި ކަމެއް ފަޅާއެރީއެވެ. ބޭޒާރުވީއެވެ. މިހައި އަވަހަށެވެ.

“އާޝިޔާދައްތަ އެ ބުނީ ރަނގަޅު ވާހަކައެއްތަ؟” ގެއަށް ވަންގޮތަށް ފުރަތަމަ ވެސް ނަޒީފު ކުރީ އެ ސުވާލެވެ.

“ކޮ……. ކޮން ވާހަކައެއް؟” ރަޝްފާގެ މޭ ބާރުބާރަށް ތެޅެމުން ދެއެވެ.

“ރަޝްފާއަކަށް ނުވިސްނުނު ދޯ؟ ރަޝްފާއަށް އެނގޭނެ، އާޝިޔާ ދައްތައަކީ ތަޖުރިބާކާރު ފޫޅުމައެއްކަން. އޭނާ އެ ބުނީ ރަޝްފާ ބަނޑުބޮޑު ވާހަކަ.”

“ކީކޭ؟! ނޫން! ނޫން! ނުވާނެ! ނުވާނެ ބަނޑު ބޮޑެއް!” ރަޝްފާއަށް ތެޅިގަނެވުނެވެ. ބޭއިޚުތިޔާރުގައި އެ ކަމަށް އިންކާރު ކުރެވުނެވެ.

“ކީއްވެ؟ ކީއްވެ ނުވާންވީ؟ ރަޝްފާ ވެސް ތި އަންހެނެއްނު!” ރަޝްފާއަށް ވީގޮތުން ނަޒީފުގާތަށް އައީ ހިންޏެވެ. “ރަޝްފާ ބޭނުންވެގެން އުޅުނު އެއްކަމެއް އިރާދަކުރެއްވިއްޔާ މިހާރު ތި އުޅެނީ ހަމަޖެހެން. އެކަމަކު ރަޝްފާ އުފާވާހެނެއް ހިއެއްނުވޭ.” ނަޒީފު އައިސް ރަޝްފާގެ އުނަގަނޑުމަތީގައި ހިފަހައްޓާލިއެވެ. ލޯތްބާއެކުގައެވެ.

ނަޒީފުގެ ހަރަކާތާއި ވާހަކަ ހުރިގޮތުން ރަޝްފާއަށް ހުރެވުނީ ހައިރާން ކަމެއްގެ ތެރޭގައި ހުރި ކަހަލަ ގޮތަކަށެވެ. ހުއްޓުން އަރާފައެވެ.

“އެކަމަކު….. އަހަންނަކަށް…… ހިއެއް ނުވޭ!” ރަޝްފާއަށް އަދި ވެސް ހުރެވެނީ ފާޑަކަށެވެ.

“އާޝިޔާ ދައްތަމެންގެ ކިހައި ތަޖުރިބާއެއް ހުންނާނެ. އެ މީހުން ބުނީމާ އަހަރެމެން ޖެހޭނީ ގަބޫލުކުރަން. އަހަންނަށް ވެސް މިހާރު ހަމަ ޔަގީންވެއްޖެ، އަހަރެންގެ ފުރަތަމަ ދަރިފުޅު ރަޝްފާގެ ބަނޑުގައި އެބަ އޮތްކަން.”

ރަޝްފާ ހީކުރިގޮތާ ޚިލާފަށް، މިކަން ހަމަޖެހިގެން ދިޔަނަމަވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކޮންމެ ގޮތަކަށް ނަޒީފު ހީކުރި ނަމަވެސް، އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ކުއްޖެއް ނޫނެވެ. އެއާޚިލާފަށް އެއީ ނާމާންކަމާއި ބރުވެރިކަމުން ފުރިފައިވާ، ބޮޑު ކަންތައްގަނޑެކެވެ.

“ވަރަށް ބިރުންތަ ތި ހުންނަނީ؟ އިރާދަކުރެއްވިއްޔާ ތީ ހަމަ އާދައިގެ ކަމެއް. ދުވަސްކޮޅަކުން ރަޝްފާގެ އުނގުގައި އޮންނާނީ ލޯބިލޯބި ފުށްގަނޑެއް ކަހަލަ ކުއްޖެއް. އުފާކޮށްބަލަ!”

ނަޒީފުގެ މި ޖުމުލަކޮޅު ރަޝްފާގެ ކަންފަތުގައި ޖެހުމާއެކު، އޭނާއަށް ހަށިފުރާ ނޭވާއެއް ލެވުނެވެ. ނަޒީފު ވާހަކަ ދައްކާނީ އެގޮތަށެވެ. ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން ނަޒީފަށް ވަންހަނާވެފައި އޮތުމުންނެވެ.

ނަޒީފުގެ ވާހަކަ ހުރިގޮތުން، ރަޝްފާގެހިތަށް އިތުރު އަނިޔާތަކެއް ލިބެމުންދިޔައެވެ. އެހައި މަތިވެރި ދަރަޖައަކަށް ނަޒީފު އޭނާއަށް އިތުބާރުކުރަމުންދާއިރު، ޅައިގައިޖެހޭ ދުވަހަކުން، އޭނާގެ ހާލަތު ނިކަމެތިވެގެންދާނޭ މިންވަރު ހިތަށް އެރުމާއެކު، ހިތް ކުދިކުދިނުވީ ކިރިޔާއެވެ. މި ކަން ބޭޒާރުވާ ދުވަހު ނަޒީފުގެ ރުޅިގަނޑު ކޮންޓްރޯލު ނުކުރެވޭނެކަން ހަމަގައިމެވެ. އެކަމަކު ދުނިޔޭގައި އިނިއްޔާ އެ ދުވަހަކީ ވެސް ހަޔާތުގައި އަލިފާންރޯކޮށްލާފައި ދާން ނަމަވެސް، ނައިސް ނުދާނެ ދުވަހެއްކަން ކަށަވަރެވެ.

“ދެން ތިޔަހެން މާގިނައިރު ކޮޅަށް ނުހުރޭ! މިހާރު ޖެހޭނީ ވަރަށް ބަލައިގެން އުޅެން! މާ ބުރަކޮށް މަސައްކަތް ނުކުރާތި! ކޮޓަރިއަށް ގޮސް ޖައްސައިލާ! އަހަރެން އަންނާނަން އޮފީހަށް ވަދެލާފައި.”

ނަޒީފު ދިއުމާއެކު ރަޝްފާއަށް ރޮވިއްޖެއެވެ. ހިތުގައި އުފެދިފައިވާ ހިތްދަތި އިހުސާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލުމަށް މިއަށްވުރެ ރަނގަޅުގޮތެއް ނޯންނާނެއެވެ.

އެ ރޭގެ ހަތްގަޑި ބައި އެހައިކަންހައިއިރު، ޝަކީބު އެ ގެއަށް އަތުވެއްޖެއެވެ. އެއިރު ނަޒީފު އިނީ، ޝަކީބުގެ އިންތިޒާރުގައެވެ. ރަޝްފާވީ ކޮޓަރީގައެވެ.

“އާނ! މިހިރީ އާދެވިފަ! ދެން ތިޔަ ދައްކާ ވާހަކައެއް ދައްކަބަލަ!”

“ހިނގާބަލަ ބޭރަށް!” ނަޒީފުގެ ފަހަތުން ޝަކީބު ވެސް ނިކުމެއްޖެއެވެ.

އެ މީހުން ގޮސް މަޑުކޮށްލީ، ގޭ ވަށާފާރު ކައިރީގައެވެ. ދެ މީހުން ވެސް ތިބީ، ފާރުމަތީގައި އަތްއަޅާލައިގެންނެވެ.

“ކޮން ވާހަކައެއް ދައްކަން އަނެއްކާ ތި އުޅެނީ؟

“މި އުޅެނީ، ދައްކާފާނެކަމަށް ހީވެސް ނުކުރެވޭ ކަހަލަ ވާހަކައެއް ދައްކަން. ވެގެން މި އުޅޭގޮތަކީ ކޮންމެ ރެއަކު ރަޝްފާއަށް ފާޑެއްގެ ހުވަފެނެއް ފެންނަނީ. ބިރުވެރި ހުވަފެނެކޯ ފެންނަނީ. މިއަދު އެންމެފަހުން ބުނީ އެހެން ރަށަކަށް ދާން ހިނގާށޯ! ވަރަށް ބިރުގެންފަ ހުންނަނީ ވެސް. ކިހިނެއް ހަދާނީ؟” ނަޒީފުގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.

“ތީ އަހަރެން އެންމެ ފުރަތަމަ ނަޒީފުގާތު ދެއްކި ވާހަކަ. ކަމެއްވާނީ ބުނެފައެއްނޫން. ކުރިޔަށް ފިޔަވަޅު އަޅައިގެން އަބަދު ވެސް ތިބެން ޖެހޭނީ. ރައްކާތެރިވެ ތިބެގެންނޫނީ ދަތުރެއް ނުލިބޭނެ.”

“އާނ! ތި ކަން ވެސް މި އޮތީ ކުރެވިފައި. ދެން ކިހިނެއް ހަދާނީ؟”

“ފަހަރެއްގައި ވާގޮތަކުން ތިޔައީ ހަމަ ވަރަށް އާދައިގެ ކަމަކަށް ވެސް ވެދާނެ. ނޫނީ ވަރަށް ބޮޑު މައްސަލައަކަށް ވެސް ވެދާނެ. ކަމެއް ހަމަ ދިމާވާއިރަށް ރަށްދޫކޮށްލާފައި ދިޔުމަކުން ވެސް ކަމަކުނުދާނެ. އޭރަކުން ދިރިއުޅުމަކަށް ވާހަކަހަލަ ދިރިއުޅުމެއް ނުލިބޭނެ.”

“ދެން އެހެންވިއްޔާ ރަނގަޅުގޮތެއް ބުނެބަލަ! މި ތަނުގައި އުޅެން އިން މީހަކީ ރަޝްފާ. އޭނާ މި ތަނާމެދު ނުރުހޭކަމަށްވަންޏާ އުޅޭނީ ކިހިނެއް؟” ނަޒީފު ހުރީ ވަރަށް ކަންބޮޑުވެފައެވެ.

“ކޮންމެވެސް މީހަކު ލައްވައި ކަމެއްކޮށްލަންވީނު. އަހަންނަށް ހީވަނީ ތި އުޅެނީ ވަސްވާސް ތެރިކަމުގެ ކަމެއްހެން.”

“ކާކުތަ އެ ކަހަލަ ކަމެއް މި ޒަމާނުގައި ކޮށްދޭނީ ވެސް. މި ރަށުގައި ފަންޑިތަ ހަދާއުޅޭ މީހުން އުޅޭތަ؟” ނަޒީފު ހުރީ ނާއުއްމީދުވެފައެވެ.

“އާނ! އެ އުޅޭ ގުލާބީގޭ ދޮންހަސަނަކީ އެ ބާވަތުގެ ކަންކަން ކޮންމެވެސް ވަރަކަށް ކުރާ މީހެއް. އޭނާއާ ވާހަކަދައްކައިލަނިކޮށް ރަނގަޅު ކަމެއްކޮށް ވެސް ދީފާނެ!”

އެ ރޭގެ ފުރަމެންދަމުގެ ހަމަހިމޭން ވަގުތެވެ. މުޅި ރަށް އޮތީ ނިދާފައެވެ. ރަށުގެ ހުރިހައި މަގެއްގައި އަތްފުނާއެޅިޔަސް މީހަކު އަތުޖެހޭނެހެނެއް ހީއެއްނުވެއެވެ. މިއީ އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ އާދައެވެ. ކަރަންޓު ކަނޑައިލީމާ ބޭރަށް ނިކުމެ އުޅޭނީ ވަރަށް މަދު މީހެކެވެ. ކޮންމެހެން ނިކުންނާން ޖެހިއްޖެއްޔާ ނޫނީ އެއްވެސް މީހަކު ބޭރަކަށް ނުނިކުންނާނެއެވެ. ރަށަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއަށް، ކަޅު އަނދިރިކަން ވެރިވެފައިވުމުން، ރަށުތެރެ ފެންނަނީ ނާމާން ސިފައަކަށެވެ.

އެހެން ރޭރެއާ ޚިލާފަށް، މި ރޭ ރަޝްފާއަށް ވަރަށް ފަސޭހައިން ނިދިއްޖެއެވެ. ދެމަފިރިން ތިބީ އަރާމު ނިންޖަކުން ނިދާފައެވެ. ގަޑިން މެންދަމުން އަލިވެ ދެގަޑި ބައިވެއްޖެއެވެ. ކުއްލިއަކަށް ހީވީ ހޮނުގުގުރިއެއް ޖެހިހެންނެވެ. ގޭގެ ހަތަރު ފާރު ފުރާޅާއެކު ކުނޑިކުނޑިވެގެން ފޭބިކަހަލައެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!