ޓްރަންޕުގެ ސަޕޯޓަރުން މަގުތަކަށް ނިކުމެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ މީހުން ވޮޝިންޓަނުގެ މަގުތަކަށް ނުކުމެ ނުރުހުން ފައުޅުކޮށްފިއެވެ. ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސްކަމުގެ އިތުރު ދައުރެއް ޔަޤީންކުރެއްވުމުގައި ރައީސް ޓްރަންޕުވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

ރައީސް ޓްރަންޕު ވިދާޅުވަމުންދަނީ އިންތިޚާބުގައި ނާކާމިޔާބުވީ ވޯޓު އޮޅުވާލާފައިވާތީކަމަށެވެ. ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް އެމަނިފާނަށް މިހާތަނަށް ދެއްކިފައެއް ނުވެއެވެ. އިންތިޚާބުގެ ނަތީޖާ ސާފުވިތާ ހަފްތާއެއް ވެފައިވާއިރުވެސް، ނަތީޖާ ޤަބޫލުކުރެއްވުމަށް ރައީސް ޓްރަންޕު އަދިވެސް ދަނީ ދެކޮޅު ހައްދަވަމުންނެވެ.

ރައީސް ޓްރަންޕަށް ތާއީދުކުރާ އެމެރިކާގެ އެތައް ހާސް ރައްޔިތުންނެއްވަނީ ރިޔާސީ ގަނޑުވަރު، ވައިޓްހައުސް ކައިރީގައި ހުންނަ ފްރީޑޮމް ޕްލާޒާއިން ފެށިގެން ކެޕިޓޮލް ހިލްގައި ހުންނަ އެމެރިކާގެ ސުޕްރީމް ކޯޓަށް ހިނގާލުމެއް ބާއްވާފައެވެ. އެ މީހުން ގޮވާލަމުންދިޔައީ ވޯޓު ވަގަށް ނެގުން ހުއްޓުވުމަށެވެ. ހިނގާލުން ކުރިއަށް ދިޔަ ވަގުތުގައި ރައީސް ޓްރަންޕުގެ މޮޓޯކޭޑުވަނީ އެ ސަރަޙައްދުން ދަތުރުކޮށްފައެވެ. ކާރުކޮޅުގައި އިންނަވައިގެން ރައީސް ޓްރަންޕުވަނީ ސަޕޯޓަރުންނަށް އަތުން ހަނައަޅުއްވައި ހިތްވަރުދެއްވާފައެވެ. ރައީސް ޓްރަންޕު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް ތާޢީދުކުރާ ސަތޭކަ ހާހަށްވުރެ ގިނަ މީހުން މަގުތަކުގައި ޙަރަކާތްތެރިވަމުންދާކަމަށާއި ވޯޓު އޮޅުވާލުމަކީ އެމީހުން ބަލައިގަންނާނެކަމެއް ނޫންކަމަށެވެ. ނަމަވެސް މަގުތަކަށް އެއްވި މީހުންގެ ޢަދަދު އެއަށްވުރެ މާ މަދުވާނެކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން އިންތިޚާބުގެ ނަތީޖާއާއި ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ކުރަމުންދާކަމަށާއި ހަޤީޤަތާއި ޚިލާފު އެތައް ވާހަކަތަކެއް ފަތުރަމުންދާކަމަށްބުނެ އިންތިޚާބުގެ ވޯޓުލާ ނިޒާމުތަކާއި ބެހޭ ކަންކަން ބަލަހައްޓާ އިލެކްޝަންސް އިންފްރާސްޓްރަކްޗަރ ގަވަރމަންޓު ކޯޑިނޭޓިން ކައުންސިލުންވަނީ ބަޔާނެއް ނެރެފައެވެ. 

އިންތިހާބުގެ ނަތީޖާއިން ދައްކާ ގޮތުގައި މޮޅުވެފައި ވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ. ނަމަވެސް ޓްރަމްޕް ވަނީ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!