ސިދާތު ޝުކްލާއަކީ އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ މަޝްހޫރު އެއް އެކްޓަރެވެ. އަދި މިދިޔަ އަހަރުގެ “ބިގް ބޮސް 13” ގައި ބައިވެރިވިފަހުން އޭނާއަށް ސަޕޯޓުކުރާ މީހުންގެ އަދަދު ވަނީ ގިނަވެފައެވެ. އެގޮތުން އެ ސީޒަންގެ އެއްވަނަ ކާމިޔާބުކުރި ސިދާތަކީ އަންހެން ކުދިންގެ ހިތުން ވެސް ޙާއްސަ ޖާގައެއް ހޯދާފައިވާ ތަރިއެކެވެ.
މިފަހުން ޓްވިޓާގައި ވައިރަލްވެފައިވާ ވީޑިއޯއަކީ، ސިދާތާ ދިމާވެގެން އަންހެން ފޭނަކު އުފަލުން ގޮސް ރޯ މަންޒަރެވެ. އެގޮތުން ޗަންޑީގަޅަށް ލަވައެއްގެ ޝޫޓަކަށް ސިދާތާއި ޝެހެނާޒް ގިލް ގޮސް ތިއްބައި، އެމީހުން ތިބޭ ހޮޓެލް ކައިރިއަށް ފޭނުންތަކެއް އެއްވެ ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި މި އަންހެން ފޭން ސިދާތު ކައިރިއަށް އައިސް ރޯން ފަށައެވެ. އެއާއެކު ސިދާތު ވަނީ އެ އަންހެން ކުއްޖާގެ ގައިގައި ކުޑަކޮށް ބައްދާލައި، ނުރޮއުމަށް އެދިފައެވެ. އަދި އޭނާ އެހެން ބުނެފައިވަނީ ވެސް ނިކަން ލޯބިންނެވެ.
ކޮންމެއަކަސް ސިދާތުގެ އެ އަމަލު ވަނީ ފޭނުންގެ ހިތާ ކުޅެލައިފައެވެ. އަދި އެ ވީޑިއޯ ޓްވިޓާގައި ޝެއާކުރަމުން ގިނަ ބަޔަކު ބުނެފައިވަނީ ސިދާތު ކައިރީގައި ހުރި އަންހެން ކުއްޖާ ވަރަށް ނަސީބުގަދަ ކަމަށެވެ.
“ބިގް ބޮސް 13” އިން ވިދައިލި ޖޯޑު ކަމަށްވާ ސިދާތާއި ޝެހެނާޒްގެ ވީޑިއޯ ލަވައެއް ވަރަށް އަވަހަށް ނުކުންނާނެއެވެ. “ސިޑްނާޒް” ގެ ގޮތުގައި އެމީހުންގެ ފޭނުންގެ މެދުގައި މަޝްހޫރުވެފައިވާ މި ޖޯޑަކީ، ބޮޑު ފޭން ފޮލޮވިންގެއް އޮންނަ ޖޯޑެކެވެ.