ޖީ-20 ލޯނު އަދާ ކުރާ މުހުލަތު ދަންމާލުމަކީ އިޤްތިޞާދު އާރާސްތު ކުރުމަށް ލިބުނު ބޮޑު އެހީއެއް: ޝާހިދު

ޖީ-20 ގައުމުތަކުން ދައްކަންޖެހޭ ދަރަނި ހަލާސް ކުރުން މަޑުޖައްސާލާފައި އޮތް މުހުލަތު، އަންނަ އަހަރުގެ މެދަކާ ހިސާބަށް ފަސް ކުރުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

“ކޮވިޑް 19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑް ގެ ސަބަބުން އެޅިފައިވާ ހުރަސްތައް” މި ޝިއާރުގެ ދަށުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް19 ގެ ބަލިމަޑުގައި ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވެފަ އެވެ. ހަމައެއާއެކު ފަޤީރުކަން އިތުރުވެ، އާމްދަނީގެ ފަރަޤު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން، ކޮވިޑް-19ގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ޖީ-20 ގެ ޤައުމުތަކުން އިސްނަގައިގެން ފެށި “ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝީއޭޓިވް” އަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖ-77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލެއްވި އެވެ.

އެއާއެކު އިއްޔެ، ކުރިއަށް އޮތް 2021 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދަރަނި ދެއްކުން ދަންމާލުމަށް ޖީ-20 އިއްތިހާދުން ވަނީ ނިންމާފައިއެވެ. އަދި ލޯނު ހަލާސް ކުރުމުގައި ލުއި ލިބޭ ގައުމުތަކުގެ ލިސްޓުގައި ދިވެހި ރާއްޖެ ހިމެނޭނެހެން ޖީ-20 ގެ އިއްތިހާދުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

އެކަމާއި ގުޅިގެން މިނިސްޓަރ ޝާހިދް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކުގެ އިޤްތިޞާދު ނަގަހައްޓާ، އާރާސްތު ކުރުމަށް މިފަދަ އޮނިގަނޑެއް އެކުލަވާލުމަކީ ލިބިދޭ ބޮޑު އެހީއެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭނެ ކަމެއް ކަމަށާއި މިފަދަ ކަންކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!