ފިލިޕީންސަށް ބާރުގަދަ ތޫފާނެއް އަރާ ހަ މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެއްޖެއެވެ.
ވެމްކޯގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން ފިލިޕީންސަށް އެރީ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުގައެވެ. އެ ތޫފާނުގައި މިހާތަނަށް ހަ މީހުން މަރުވެފައި ވާއިރު 10 މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ފިލިޕީންސުގެ ފުލުހުން ބުނީ މަރުވި މީހުންގެ ތެރޭގައި އުމުރުން 68 އަހަރުގެ މީހަކާއި 79 އަހަރުގެ ދެ މީހުން ހިމެނޭކަމަށެވެ.
ތޫފާނުގެ ސަބަބުން މިހާތަނަށް 180،000އަށްވުރެ ގިނަ މީހުންވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. ކެޓަގަރީ 2ގެ ބާރުމިން ހުރި އެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މީގެ ދިހަ ދުވަސްކުރިން ފިލިޕީންސަށް އެރި ސުޕާ ޓައިފޫން ގޯނީގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަޙައްދުތަކަށެވެ.
ފިލިޕީންސް އެތުމޮސްފެރިކް ޖިއޯފިޒިކަލް އެންޑް އެސްޓްރޯނޮމިކަލް ސާވިސަސް އެޑްމިނިސްޓްރޭޝަން (ޕަގަސާ)އިން ބުނީ ތޫފާނުގެ ސަބަބުން މޫދުގެ ލޮނުގަނޑު ދެ ތިން މީޓަރަށް އުފުލިފައިވާކަމަށާއި ރަށު ތެރޭގައި ފެންބޮޑުވެފައިވާކަމަށެވެ. ބޯ ވާރޭގެ ސަބަބުން ޗަކަފޭބުމުގެ ހާދިސާތައް މެދުވެރިވެދާނެކަމުގެ އިންޒާރުވެސް އެ އިދާރާއިންވަނީ ދީފައެވެ.
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކުރެސެންޓު ސޮސައިޓީން ބުނީ ތޫފާނުގެ ސަބަބުން ލުޒޯނަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑުކަމަށެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ 1.6 މިލިއަން މީހުންނަށް ސުޕާ ޓައިފޫން ގޯނިގެ ސަބަބުންވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ތޫފާން ވެމްކޯއަކީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި ޕިލިޕީންސަށް އައި އެފަދަ ފަސްވަނަ ތޫފާނެވެ.