ކައި ޕޯ ޗޭ ގެ އިތުރު އެކްޓަރަކު ދަންޖެހިގެން މަރުވެއްޖެ

2013 ވަނަ އަހަރު ނުކުތް ފިލްމު “ކައި ޕޯ ޗޭ!” އިން ބޮލީވުޑަށް ތަޢާރަފްވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު މިދިޔަ ޖޫން މަހު ދަންޖެހިގެން މަރުވެފައި ވަނިކޮށް، އެ ފިލްމުގެ އެހެން އެކްޓަރަކު ވެސް ދަންޖެހިފައި ހުއްޓައި ފެނިއްޖެއެވެ.

ބުރާސްފަތި ދުވަހު ހިމާޗަލް ޕްރަދޭޝްގެ ދަރަމްޝާލާގައި ހުންނަ ޕްރައިވެޓް ގެސްޓް ހައުސެއްގައި ދަންޖެހިފައި ހުއްޓައި ފެނުނީ އެކްޓަރު އާސިފް ބަސްރާއެވެ. އާސިފަކީ ގިނައިން ބައްޕަގެ ރޯލުތަކުން ފެނިފައިވާ އެކްޓަރެކެވެ. “ކައި ޕޯ ޗޭ!” ގައި ވެސް އޭނާ ކުޅެފައިވަނީ ބައްޕައެއްގެ ރޯލެވެ.

53 އަހަރުގެ އާސިފް މަރުވިގޮތް ޔަގީންވެފައި ނުވިޔަސް، ފުލުހުން ޝައްކުކުރަނީ އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމަށް ފޮނުވާފައި ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

އާސިފް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި “ބްލެކް ފްރައިޑޭ” (2004) އަދި “ޖަބް ވީ މެޓް (2007) ފާހަގަކުރެވެއެވެ. އެންމެފަހުން އޭނާ ފެނުނީ މިދިޔަ އަހަރު ނުކުތް “ދަ ޓަޝްކެންޓް ފައިލްސް” އިންނެވެ.

އާސިފްގެ މަރާ ގުޅިގެން ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!