ލޮކްޑައުން ތެރޭގައި ބަރުދަން ލުއިވި ގޮތް ކަޝްމީރާ ކިޔައިދީފި

އިންޑިއާގެ އެކްޓްރެސް އަދި މޮޑެލް ކަޝްމީރާ ޝާހް، އޭނާގެ ބަރުދަނަށް އައި ބަދަލާ ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

މަޝްހޫރު ކޮމީޑިއަން ކްރިޝްނާ އަބީޝެކާ ކައިވެނިކޮށްގެން ދެދަރިން ވެސް ލިބިފައިވާ ކަޝްމީރާ ‘ޓައިމްސް އޮފް އިންޑިއާ’ އަށް ކިޔައިދިން ގޮތުގައި، މިދިޔަ އަހަރުތަކުގައި އޭނާގެ ބަރުދަން އިތުރުވީ ކައިވެންޏަށްފަހު ދިރިއުޅުމަށް އައި ބަދަލުތަކުންނެވެ. އެގޮތުން ދަރިއަކު ހޯދަން ކުރި މަސައްކަތުގައި ބަރުދަން އިތުރުވެ، އެންމެފަހުން އައިވީއެފް ކޮށް ދަރިން ހޯދިއިރު ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށް ބުންޏެވެ. އެއީ ދަރިންގެ ކަންތައްތަކުގައި ބިޒީވެ، އޭގެ މައްޗަށް އޭނާ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމުގެ މަސައްކަތުގައި އުޅެން ޖެހުމުން އެވަގުތެއްގައި ލިބެންހުރި އެއްޗެއް ކަނީ ކަމަށް ބުންޏެވެ. އެހެން ގޮސް މިދިޔަ ތިން އަހަރެއްހާ ދުވަސްތެރޭގައި ވަރަށް ބޮޑަށް ފަލަވި ކަމަށް ބުންޏެވެ.

އަބަދުވެސް އަމިއްލަ ހަށިގަނޑުދެކެ ލޯބިވާ ކަޝްމީރާ، ބަރުދަން ލުއިކުރަން އަޒުމް ކަނޑައެޅީ މި އަހަރުގެ ޖެނުއަރީގައި ކަމަށް ކިޔައިދިނެވެ. އެއީ އެއްފަހަރުގައި ގޭގައި އިނދެފައި ކަށްޓާއަށް އަރައިލި އިރު 12 ކިލޯ އިތުރުވެފައި ވާތަން ފެނިގެން ކަމަށް ބުންޏެވެ. އެއާއެކު، އައިވީއެފް ޑޮކްޓަރަށް ގުޅައިގެން މަޝްވަރާއަށް އެހުމުން ދިން ލަފައަކީ، ވަކި ޑައިޓެއް ގެންގުޅުމަށެވެ. އެ ޑައިޓުގެ ކާއެއްޗެހި ގެންނަނީ ވަކި ހާއްސަ ތަނަކުން ކަމަށާއި، ނަމަވެސް މާޗު މަހު އިންޑިއާ ލޮކްޑައުން ކުރުމުން އެކަމަށް ހުރަސް އެޅިގެން ދިޔަ ކަމަށް ބުންޏެވެ.

“ލޮކްޑައުންއާއެކު އަހަރެން ދިޔައީ ޑިޕްރެޝަނަށް. ޑައިޓް ފޮލޯ ނުކުރެވި އަނެއްކާވެސް ބަރުދަން އިތުރުވެދާނެ ކަމަށް ބިރުން ވަރަށް މަދުން ކާން ފެށީ. ދެން ޖޫން-ޖުލައި ގަ އެތަނުން އަނެއްކާވެސް އެއްޗެހި ސަޕްލައި ކޮށްދޭން ފެށުމުން ޑައިޓު ފެށީ. އެކަމަކު ލޮކްޑައުންތެރޭގަ މަދުން ކައިކައި ގޮސް މަދުން ކާން އާދަވެފަ ހުރީ”، އެހާ ފަސޭހައިން ބަރުދަން ލުއިވި ގޮތް ކަޝްމީރާ ކިޔައިދިނެވެ. އޭގެ އިތުރަށް އޭނާ ދިޔައީ ކަސްރަތުވެސް ކުރަމުންނެވެ.

އެންމެފަހުން މިދިޔަ އޮކްޓޯބަރުގައި ކަޝްމީރާ އޭނާގެ ބަރުދަން ބެލިއިރު 11 ކިލޯ ލުއިވެފައިވާ ކަމަށް ބުންޏެވެ. އަދި ލޮކްޑައުން ތެރޭގައި ދަސްވި އަނެއް ކަމަކީ، ފައިދާހުރި އެއްޗެހި ގޭގައި ކައްކައިގެން ކެއުމެވެ. އޭގެ ސަބަބުން ފިރިމީހާ ކްރިޝްނާގެ ވެސް ބަރުދަން ލުއިވި ކަން ކަޝްމީރާ ފާހަގަކުރިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!