ބަހްރައިންގެ ބޮޑުވަޒީރު ޝައިހު ހަލީފާ ބިން ސަލްމާން އަލް ހަލީފާ އަވަހާރަވެއްޖެއެވެ.
ބަހްރައިންގެ ޝާހީ ގަނޑުވަރުން ވަނީ، ޝައިހު ހަލީފާ އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ. ބަހްރައިންގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ މެދުއިރުމަތީގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ޝައިހު ހަލީފާ އަވަހާރަވީ، އެމެރިކާގެ މާޔޯ ކްލިނިކްގައި، މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހަރަވިއިރު ޝައިހު ހަލީފާ ގެންދެވީ، އާލާސްކަންފުޅަކަށް، އެމެރިކާއިން ފަރުވާ ހޯއްދަވަމުންނެވެ.
ޝައިހު ހަލީފާގެ ހަށިކޮޅު ބަހްރައިންއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ކަމަށާ، ޖަނާޒާގެ ކަންކަން ކުރިއަށް ދާނީ އާއިލާ މެމްބަރުންގެ ތެރެއިން، ކަނޑައެޅޭ ވަކި އަދަދެއްގެ މެމްބަރުންގެ ހާޒިރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ބަހްރައިންގެ ބޮޑުވަޒީރު އަވަހާރަވުމާއެކު ބަހްރައިންގައި ވަނީ ގައުމީ ހިތާމައިގެ ހަފުތާއެއް އިއުލާން ކޮށްފައެވެ.