އާޒިމާ ޝުކޫރުގެ މައްސަލަ ބައްލަވާ ފަނޑިޔާރު ތަނާޒުލްވެ ވަޑައިގެންފި


ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާ ގުޅޭ ދެ ދައުވާ, ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދަވާ ގާޒީ ހަސަން ސައީދު އެ މައްސަލަތަކުން ތަނާޒުލް ވެވަޑައިގެންފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ އެ ދެ ދައުވާގެ ޝަރީއަތް ހިންގެވުމަށް ގާޒީ ހަސަން ސައީދު ތަނާޒުލްވެވަޑައިގެންނެވި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލް ކުރި ނަމަވެސް، އެ މައްސަލަތައް ބެލުމަށް ގާޒީ ތަނާޒުލްވެވަޑައިގަންނަވާފައިވާތީ، ހޯމަ ދުވަހުގެ އަޑުއެހުން ވަަނީ ކެންސަލްކޮށްފައެވެ.

އާޒިމާގެ ވަކީލުންގެ ޓީމުގެ ފަރާތުން، މަރިޔަމް ނިހާޔަތާއި އާއިޝަތު ފަޒްނާ އަހުމަދާއި އަލީ ސައީދު ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ، އެ 2 މައްސަލައިން ފަނޑިޔާރު ތަނާޒުލްވެ ވަޑައިގެންފައި ވަނީ މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލް ވުމަށް އޮންނަ ޤާނޫނީ ޖާގައިން ބޭރުން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ ތަނާޒުލްވެ ވަޑައިގަތުން ކްރިމިނަލް ކޯޓުން ބަލައިގެންފައި ވަނީ ވެސް ޤާނޫނީ އުސޫލުން ބޭރުން ކަމަށް ގަބޫލުުރައްވާ ކަމަށެވެ.

އެބޭފުޅުން ބައްލަވާ މައްސަލަތަކުން ވަކި ހަމަތަކަކުން މެނުވީ ތަނާޒުލްވެވަޑައިގެން މައްސަލަ ދޫކޮށްލައި އެހެން ފަނޑިޔާރަކާއި ހަވާލުކުރުމުގެ ބާރު ލިބިފައިވާ ބައެއް ވެސް ނޫނެވެ. 

އެކަމުގެ ބޭނުމަކީ މައްސަލަތަކުގައި ހިމެނޭ ޚަސްމުންގެ ހައްގުތައް ހިމާޔަތްކޮށް މިނިވަންކަމާއި ވަކި ފަރާތަކަށް ބުރަ ނުވެ މައްސަލަތައް ކުރިޔަށް ގެންދިއުން ޔަގީންކުރުމާއި އަދި ފަނޑިޔާރުންގެ މަސައްކަތް ކުރައްވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިކަން ޔަގީން ކުރުމެވެ.“ އާޒިމާގެ ވަކީލުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!