ފައިޒާ އިން އުފެއްދި ވެކްސިން ކާމިޔާބުވެއްޖެ

މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް-19އާ ދެކޮޅަށް އެމެރިކާގެ ފައިޒާ ކުންފުނިން ތައްޔާރުކުރި ވެކްސިން ވަރަށް ކާމިޔާބުކަމަށް، ތިން ވަނަ މަރުހަލާގެ އަޖުމަބެލުމުން ދައްކައިފި އެވެ.

ފައިޒާ އާއި އެމެރިކާގެ ބައޮއެންޓެކް ގުޅިގެން އީޖާދުކުރި ވެކްސިންގެ ޓެސްޓްތައް 43،500 މީހުން ބޭނުންކޮށްގެން ކުރިއަށް ގެންދާ އަޖުމަބެލުމުގެ ފުރަތަމަ ދިރާސާއިން ދައްކަނީ، ފައިޒާ އިން ބުނި ގޮތުގައި، ވެކްސިން ދޭ މީހުންގެ 90 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަސްގެ ދިއާފު އުފެދޭ ކަމަށެވެ.

ދެ ކުންފުނިން ސިފަކުރި ގޮތުގައި މިއީ “އިންސާނިއްޔަތާއި ސައިންސަށް ވަރަށް ބޮޑު ދުވަހެކެ”ވެ.

ފައިޒާއިން ނެރުނު ބަޔާނެއްގައި ބުނީ ހަ ގައުމެއްގައި ކުރިއަށް ގެންދިޔަ ވެކްސިނުން ރައްކާތެރިކަމާ މެދު ކަންބޮޑުވާން ޖެހޭ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ.

މި ވެކްސިން ނޫނަސް ދުނިޔޭގެ ބޮޑެތި ބައެއް ކުންފުނިތަކުން އުފެއްދި ވެކްސިންތައް މިހާރު އުޅެނީ ތިން ވަނަ މަރުހަލާގެ ޓެސްޓްތަކުގަ އެވެ. އެކަމަކު މިއީ އޭގެ ފުރަތަމަ ނަތީޖާއެއް ލިބުނު ފުރަތަމަ ވެކްސިނެވެ.

މިހާތަނަށް 50 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި އޭގެ ތެރެއިން 1.2 މިލިއަން މީހުން ވަނީ މަރުވެފަ އެވެ. މިހާރު ވެސް ޔޫރަޕާއި އެމެރިކާ އަދި އިންޑިއާ ފަދަ ގައުމުތަކުގައި ދުވާލަކު އެތައް ހާސް ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އެވެ.

ކޮރޯނާވައިރަސްއިން ސަލާމަތްވެވެން އޮތީ، ސައިންސްވެރިން ބުނާ ގޮތުގައި، ވެކްސިނެއް ނުވަތަ ބޭހެއް ލިބިގެންނެވެ.

މި އަހަރު ނިމުމުގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ވެކްސިންގެ 50 މިލިއަން ވެކްސިން ޑޯޒް ސަޕްލައިކުރެވޭނެ ކަމަށާއި، 2021 ނިމުމުގެ ކުރިން 1.3 ބިލިއަން ވެކްސިން ޑޯޒް ސަޕްލައިކުރެވޭނެ ކަމަށް ފައިޒާ ކުންފުނިން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!