ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


އެގާރަގަޑި ބައިވިތަނާ ކަހަލަ ގޮތަކަށް، މުޅި ގޭތެރެއަށް ފާޑެއްގެ އައްޔެއް އަރައިގެން ހިނގައްޖެއެވެ. “ބޮޑުމަސް ތިލަވަނީކަން” ރަޝްފާއަށް ކަށަވަރު ވެއްޖެއެވެ. ކުއްލިއަކަށް އެނދުކައިރިން ފެނުނީ، ކުރީ ރޭ އޭނާއަށް ފެނުނު ބިރުވެރި ސޫރައެވެ. ރަޝްފާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އެއިރު އޭނާގެ މުޅި ހަށިގަނޑު ވަނީ ދަލުން ފޯވެފައެވެ.

“އަހަންނަށް މި ވަނީ ކޮން އުނދަގޫތަކެއް؟ ހެޔޮނުވާނެ! އަހަންނަށް މި ފަދަ އަނިޔާއެއް ނުދީ! ” ހަށިގަނޑަށް ލިބެމުންދާ އަނިޔާތައް ބަރުދާސްތުނުކުރެވޭ ހާލު، ރޮއިގެންފައި ރަޝްފާ އާދޭސްކުރާން ފެށިއެވެ.

“މާ ބާރު ހުރި ބަޔަކަށްވެގެން އުޅޭއިރު ކަލޭމެންގެ ފެންވަރަކީ ތިޔައީ. އަދި މިކޮށްލީ ކުޑަކަމެއް. މިހާރު ތި އުޅެނީ ކެތްނުކުރެވިގެން. ރޮއި ހޭރެން ތި ފެށީ. ދެން ކޮންބާރެއް ކަލޭމެންނަށް ލިބިފައި އޮތީ.” އެ އެތި ރަޝްފާއަށް ކުރަންފެށީ ފާޑެއްގެ މަލާމާތެވެ.

“އެނގޭތަ؟ މިހާރު ކަލޭ ތިޔަ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ!”

މި ބިރުވެރި ޖުމުލަ ކަންފަތުގައި ޖެހުމާއެކު، ރަޝްފާއަށް ވީގޮތް ވެސް ނޭނގުނެވެ. ދެ ލޯ ބޮޑުވިއެވެ. އިހުނަށްވުރެ ވެސް ބާރަށް ރޮއިގެންފައި ހަޅޭއްލަވައިގަނެވުނެވެ.

“ނޫން! ނޫން! ތިހެނެއްނުވާނެ! އަހަރެން ކަލޭގެ ދަރިއަކަށް ބަލިވެއެއް ނީންނާނެ. އަހަރެންގެ ހަލާލު ފިރިއަކު އެބަހުރި!” ރަޝްފާއަކަށް އެ ކަމެއް ގަބޫލެއް ނުކުރެވުނެވެ.

“ގަބޫލުކުރިއަސް ނުކުރިއަސް، މި ނޫންގޮތެއް ނުވާނެ! ކަލޭގެ ހަށިގަނޑަށް މިހާރު ތި ލިބޭ އުނދަގޫތަކުގެ އަސްލަކީ ވެސް އެއީ. “

ކުއްލިއަކަށް ރަޝްފާ މައިތިރިވެއްޖެއެވެ. އޭނާ އެ އިނީ ވިސްނާށެވެ. އިރުކޮޅަކުން އަނެއްކާވެސް ރޮއިގެންފިއެވެ.

“ހެޔޮނުވާނެ! އަހަރެން މި ކަމުން ސަލާމަތްކޮށްދީ! އަހަރެންގެ ފިރިމީހާއަށް ނޫނީ ދަރިއަކު ވިހާކަށް އަހަރެން ބޭނުމެއްނޫން! އަހަރެން…… އަހަރެން……” ރަޝްފާއަކަށް އިތުރަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.

“ބަލަ! ކަލޭ ހީކުރީ، އަހަރެން މި އުޅެނީ ކަލޭ ބޭނުންހައި ގޮތެއް ހަދައިދޭން ކަމަށްތަ؟ މަގޭ ދަރިފުޅު ކަލޭމަރާލީމާ ވެސް އެކަމުގެ އިނާމު ކަލެއަށް ހެޔޮހިތުންތަ ދޭންވީ؟ ނުވާނެ ތިޔަކަމެއް! އަހަރެންގެ ދަރިފުޅު ކަލޭ މަރާލީމާ، އޭގެބަދަލުގައި އަހަރެން ކުއްޖަކު ބޭނުންވޭ! އެކަމަކު ހަނދާންކުރާތި! މިކަން އެއްވެސް މީހަކަށް އަންގައިގެން ނުވާނެ! ކަލޭގެ ފިރިމީހާއަށް ވެސް މިކަން އޮންނާންވާނީ ސިއްރު ކުރެވިފަ. އޭނާއަށް މިކަން އަންގައިފި ނަމަ، ކަލޭގެ ކުރިމަތީގައި އޭނާގެ ދުވަސް ދުއްވާލާނަން. އަދި ކަލޭ ބަނޑުގައި ތިއޮތް ދަރިފުޅަކީ، ކަލޭގެ ހަޔާތަށް ހުރި ބޮޑު ނުރައްކަލަކަށް ވެސް ހަދައިލާނަން! ދުނިޔޭގައި ހަމަޖެހިލައިގެން އިނދެ، އެންމެ ނޭވާއެއް ވެސް ލިޔަ ނުދޭނަން! މިހާރު ކަލޭ އުފުލަމުން ތި ގެންދާ ވޭނާއި އަނިޔާތައް މި ރެއިން ފެށިގެން ދެން އުފުލާކަށް ނުޖެހޭނެ! މަގޭ ދަރިފުޅު ވިހާންދެން ކަލޭ އިންނާނީ ފުރިހަމަ ސިއްހަތުގައި. އެއްވެސް ކަހަލަ އުނދަގުލެއް އިހްސާސްކުރާކަށް ނުޖެހޭނެ!”

“އެކަމަކު….. އަހަރެންގެ….. ބަނޑު ބޮޑުވާން ފެށުމުން…… ފިރިމީހާ ބުނާނީ ކީކޭކަމެއް ވެސް ނޭނގެ! އަހަރެން އޭނާއަށް……. ދޭނީ ކޮންޖަވާބެއް؟ މުޅި ރަށަށް…… އަހަރެން ފަޟީޙަތްވާނެ!” ރަޝްފާއަށް ވަނީ ގިސްލެވިފައެވެ.

“ތީ މަށާ ބެހޭކަމެއް ނޫން! ރަށުތެރެއަށް ކަލޭ ބޭޒާރުވެ ގިނަވުމަކުން، އަހަރެންނަކަށް އެއްވެސް އަސަރެއް ނުކުރާނެ! އަހަރެންގެ ދަރިފުޅު މަރުވުމުން އަހަރެންނަށް މާ ބޮޑަށް އަސަރުކުރޭ!”

ކުއްލިއަކަށް އޭތި ގެއްލިއްޖެއެވެ. ދިޔަ ނުދިޔަތަނެއް ވެސް ނޭނގުނެވެ. ރަޝްފާއަށް އެނދުމައްޗަށް ވެއްޓިގެންފައި ރޮއިގަނެވުނެވެ. ބާލީހުގައި މޫނުޖަހައިގެން އޮވެ، ރޮމުންގެންދިޔައިރު ހީވަނީ، މި ގޮތަށް ރޮއިރޮއި ނިމިގެން ދިއުމުގެ ގަސްދުގައި، ރޮމުން ގެންދިޔަހެންނެވެ. ގަޑިއެއްހާއިރު ފަހުން، މަޑުމަޑުން ގޮސް އޭނާއަށް ނިދިއްޖެއެވެ.

ރަޝްފާއަށް ހޭލެވުނީ ފަތިހުއެވެ. އެއިރު އޭނާގެ ހަށިގަނޑުގައި އެއްވެސް ކަހަލަ އުނދަގުލެއް، ވޭނެއް ނެތެވެ. ހުރިހައި ކަމަކުން ސަލާމަތްވީކަމުގައި އޭނާއަށް އިހްސާސްކުރެވުނެވެ. އެހެންނަމަވެސް ހަމަ އެ ވަގުތު ވީ ގޮތް ހަނދާނަށް އަތުވެއްޖެއެވެ. އޭނާގެ ހިތް ބާރަށް ތެޅިގެންފިއެވެ. ބަދުނަސީބު އަތަކުން އޭނާގެ ހަޔާތް ޤައިދުކުރިކަމުގެ ބިރުވެރި އިހްސާސްތަކެއް ކުރެވޭން ފަށައިފިއެވެ. އޭނާގެ ބަނޑުގައި ސުންޕާ ފުރާނައެއް އޮންނާނޭކަން ކަށަވަރެވެ.

ނަޒީފު ރަށަށް އައުމުން، އޭނާއަށް އަހަރެން ދައްކާނީ ކޮން މޫނެއްހެއްޔެވެ؟ އޭނާގެ ދަރިއަކަށް އަހަރެން ބަލިވެ ނީންނާނެކަން އޭނާއަށް ޔަގީންވާނެއެވެ. އޭނާ އަދި ދަރިއަކު ބޭނުމެއް ވެސް ނުވެއެވެ. އަހަރެން ބަލިވެއިންކަން އެނގުމުން، އަހަރެންގެ މަތިން އޭނާ ވާނީ ފޫއްސެވެ. ރަށުގެ ރައްޔިތުން ވެސް އަހަރެންނަށް ކުރާނީ މަލާމާތެވެ. ކޮންމެ މީހަކު ވެސް އަހަރެންނާ ދިމާއަށް އުކާނީ ނަފުރަތުގެ ކަޅިތަކެވެ. ވިހަ ތީރުތަކެއް ފަދައިން ރައްދުކުރާނީ، ރުޅިވެރި ބަސްތަކެވެ. އަހަރެން ވަރުގެ ގޮތެއް ފޮތެއްނެތް، ނުލަފާ ބޭވަފާތެރިއަކު ނެތްކަމުގައި، އެންމެން ވެސް ދެކޭނެއެވެ. މާތްކަލާކޯއެވެ! މި ލައިގަތީ ކޮންފަދަ ބޮޑު މުސީބާތަކާ ހެއްޔެވެ؟ މި ފަދަ ކަމެއް މެދުވެރިކުރެއްވުމުގެ ކުރިން، ދުނިޔެއިން ގެންދެވި ނަމަ މާ ރަނގަޅުވީހެވެ.

ރަޝްފާގެ ހިތަށް ވެރިވަމުން ދިޔަ ބިރުވެރި ޚިޔާލުތަކުގެ ސަބަބުން، އޭނާ އިނީ ކުރާނެކަމެއް ނެތިފައެވެ. ކަމުގެ ހަގީގަތް ނަޒީފުގެ ކުރިމަތީގައި ހާމަކުރެވޭކަށް ނެތެވެ. ނަޒީފަށް އަނިޔާއެއް ލިބުމަކީ، އޭނާގެ ހިތަށް ކުޅަދާނަވާވަރުގެ ކަމަކަށް ނުވާނެއެވެ. މިއަދު ނަޒީފު އަންނާނެއެވެ. އޭގެ ކުރީން މަރުވާނެ ނަމައޭ ވެސް ހިތަށް އަރާން ފަށައިފިއެވެ.

އެދުވަހު މެންދުރުފަހުގެ ވަގުތެއްގައި ދަތުރު ނިންމާފައި ނަޒީފު  އެނބުރި ރަށަށް އަތުވެއްޖެއެވެ. ނަޒީފު ގެއަށްއައިއިރު ރަޝްފާ އޮތީ ކޮޓަރީގައެވެ. ނިތްމަތީ އަތް ބާއްވާލައިގެން އޮތްއިރު، އޭނާގެ ނަޒަރު ހުއްޓިފައި ވަނީ ފުރާޅުގައި ހުރި ބާޓިނުތަކާ ދިމާއަށެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ މުޅިން އެހެން ކަމެކެވެ. ނަޒީފު އައިސް ކޮޓަރިދޮރު ހުޅުވާލާފައި ވަންކަން ވެސް އޭނާއަކަށް ނޭނގުނެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!