ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


“އުނދަގުލެއް ނުކުރަމޭ!” އޭނާގެ ވަރުގަދަ އަޑުން މުޅިގޭތެރެ ގުގުމާލައިފިއެވެ. ރަޝްފާއަށް އަނގައިން ވެސް ބުނަން ނުކެރުނެވެ. “އުނދަގުލަކީ ކޮބައި؟ އަނިޔާއަކީ ކޮބައި؟ އެންމެ ފުރަތަމަ މި ގެއަށް އައިސް ވެރިވެގަތީ. އެއަށްފަހު އަހަރެމެންގެ ދިރިއުޅުމާ ކުޅެގަތީ. އެވަރުންވެސް އަހަރެން އަޅައެއްނުލަން. ކަލޭމެންނަށް ގެދީފައި، ދަރިފުޅު ގޮވައިގެން އަހަރެން އުޅުނީ މި ގޭ ގިފިލީގައި. އެ ކުއްޖާ ނިންދަވާފައި، ގިފިލީ ތަޅުންގަނޑުމަތީގައި ބާއްވާފައި އޮއްވާ، ކުރީ ރޭ ކަލޭ ގިފިއްޔަށް ވަދެ އެ ކުއްޖާގެ ބަނޑުމައްޗަށް އެރިއެރީނުން މަރައިލީ! އަހަރެންގާތަށް އައި ރުޅިން ކަލޭ ކޮއްޕާ ވެސް ލިން. ހަނދާންކޮށްބަލަ! އެ ކުއްޖާއަށް ކަލޭގެ ސަބަބުން ލިބުނު އަނިޔާއިން ސަލާމަތްކުރެވޭތޯ އެކުއްޖާގެ ގަޔަށް އަހަރެން ފެންއަޅައަޅާހުއްޓާ މަރުވެގެން ދިޔައީ. މިއީ އަނިޔާއެއް ނޫންތަ؟” އެ މީހާ ރުޅިއައިސްފައި ހުރިލެއް ބޮޑުކަމުން، ވާހަކަދައްކަމުން ދިޔައިރު ހީވަނީ ހަމަ ދެންމެދެންމެ ރަޝްފާގެ ގަޔަށް ބޮލަށް އަރައިގެންފާނެހެންނެވެ.

އޭނާ އެ ދައްކާ ވާހަކަތައް ރަޝްފާގެ ހަނދާނަށް އަތުވެއްޖެއެވެ. އެއީ އެންމެ ފުރަތަމަ މި ގޭގައި ނިދިރެއެވެ. އެ ރޭ އޭނާ ދަންވަރު ގިފިއްޔަށް ވަނެވެ. ކޮންމެވެސް މީހަކު އޭނާ ކޮއްޕާލިހެން ވެސް ހީވިއެވެ. ގިފިލިވަޅުން ފެންނަގާއަޑު ވެސް އިވުނެވެ.

“އަހަރެން… އަހަރެން ތި އެކުއްޖާއެއް ނުދެކެން. އަހަންނަށް މާފުކުރޭ! ހެޔޮނުވާނެ! އަހަރެން ސަލާމަތްކޮށްދީ!”

“މާފުކުރުމަކީ އަހަރެމެން ކޮށްއުޅޭކަމެއް ނޫން! އަހަރެމެންނަށް މީހަކު އަނިޔާއެއް ދީފިނަމަ، އޭގެ ބަދަލު އަހަރެމެން ހިފާނަން! އުމުރަށް ވެސް އެ މީހަކަށް ބަލާނަން! ދުވަހަކު ވެސް އުފަލުގަ އުޅުނަކަ ނުދޭނަން!”

ރަޝްފާ އިނީ ހަތަރު އުދަރެއް ފެނުޖެހިފައެވެ. އޭނާގެ މުޅިހަށިގަނޑު އެކުގައި ރޫރޫ އަޅަމުންދިޔައިރު، މުޅި މީހާ އިނީ ދާހިއްލާ ފޯވެފައެވެ.

“ކަލޭ ސަލާމަތްކޮށްދެވޭނެ އޮތީ ހަމަ އެންމެ ގޮތެއް! އެ ގޮތާ އެއްބަސް ނުވެއްޖެނަމަ، މޮޔަކޮށްލާނަން! ދުނިޔޭގައި ގަނަތަޅުވައިލާނަން! އަހަރެން ބޭނުންގޮތެއް ކަލެއަށް ހަދަމުން ގެންދާނަން!”

ރަޝްފާގެ ކަންފަތުގައި މި ޖުމުލަތައް ޖެހުމާއެކު، އެވީހައި ގޮތްތަކެއް ނުވެސް އެނގުނެވެ. ކުއްލިއަކަށް އޭނާގެ ކުރިމަތީގައި، ފެންނާން ހުރި ބިރުވެރި މީހާގެ ރަތްދެލޮލަށް ބަލައިލެވުނެވެ. ރަޝްފާ އިނީ އޭނާ އެ ހުށަހަޅާ ޝަރުތުތަކާ އެއްބަސްވާން ތައްޔާރަށެވެ. އެހެންނަމަވެސް އެއްޗެއް ބުނާނޭ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.

ކުއްލިއަކަށް ކޮޓަރިތެރެ ކަނުއަނދިރިކަމަށް ބަދަލުވެއްޖެއެވެ. އެއާއެކު އިވެން ފެށީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ދެން ފެނިގެން ދިޔައީ، ކުރީރޭ ހުވަފެނުން ފެނުނު ކަހަލަ އަލިފާންރޮއްޖެއް ނަންނުގައްޗެއްހެން ވައިގެތެރޭގައި ދުވަމުން، އޭނާއާ ދިމާއަށް އަންނާންފެށި ތަނެވެ. ވަރަށް ދުރުންނެވެ. އެ އަލިފާންރޮދި ކައިރިވަމުން އައިވަރަކަށް، ރުއިމުގެއަޑު ވެސް އައީ ގަދަވަމުންނެވެ. ގަތްބިރެއްގެ ބޮޑުކަމުން ރަޝްފާ އިނީ ހޭކަނޑައިގެން ދާވަރުވެފައެވެ. އެ އަލިފާންރޮދި އައިގޮތަށް އައިސްވަނީ، ރަޝްފާގެ ބަނޑަށެވެ. ހީވީ ބަނޑު ތޮރުފާލާފައި ވަންހެންނެވެ. ހަމައެއާއެކު ރުއިމުގެ އަޑު ވެސް ކެނޑިއްޖެއެވެ.

އެ އަލިފާންރޮދި ރަޝްފާގެ ހަށިގަނޑަށް ވަނުމާއެކު، ހީވީ މުޅި ހަށިގަނޑުގެ އެތެރެ އަންދައިލިހެންނެވެ. މުޅިގައިން ދިލަނަގައިގެންފިއެވެ. ލިބެންފެށި ވޭނެއްގެ ގަދަކަމުން، އެނދުމައްޗަށް ވެއްޓި ފެތުރިގެންފައި އޭނާއަށް ބާރަށް ރޮއި ހަޅޭއްލަވާން ފެށުނެވެ. އިސާހިތަކު ހޭނެތިގެން އެނދުމައްޗަށް ދެމިއްޖެއެވެ.

މިހާރު ކޮޓަރިތެރެއަށް ވެރިވެފައިވަނީ، ބިރުވެރި ހަމަހިމޭންކަމެކެވެ. ގޯތިތެރޭގައި ހެދިފައި ހުރި ބިޔަގަސްތަކުގައި ވައިއެޅުމުން، ގަސްތަކަށް އަންނަ ކުޑަހަރަކާތަކުން އުފައްދާ އަޑު ފިޔަވައި، އިތުރަށް ދެން އިވޭހައި ވެސް އަޑަކީ، ރަޝްފާގެ މަޑުމަޑު ނޭވާގެއަޑާއި، އޭނާގެ ހިތުގެ ތެޅުމުގެ އަޑެވެ. އެކަމަކު ހަމަ ވަރަށް މަޑުންނެވެ.

ރަޝްފާ އެ ގޮތަށް އެނދުމައްޗަށް ދެމިފައިއޮންނަތާ ތިން ހަތަރު ގަޑިއެއްހައިއިރު ވެއްޖެއެވެ. އޭނާގެ ހަށިގަނޑަށް ކުޑަކުޑަ ހަރަކާތެއް ވެސް ނާދެއެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ ހޭވި، މުޅި މޫނުމައްޗާއެކު ތަތްލަވާފައެވެ. ދެ ލޮލުން އޮހުނު ކަރުނަތައް، ލޯކައިރީގައި ހިކިފައި ހުއްޓެވެ. އެނދުމަތީގައި ހުރި ބާލީސްތައް ހުރީ، ތަރުތީބެއް ނެތިފައެވެ. ފަލަނގުފޭލި އޮތީ ގުޅަވެށިފައެވެ.

ފަސްގަޑިބައިވުމާއެކު ރަޝްފާއަށް ހޭވެރިކަން އަތުވެއްޖެއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އެއިރު  އޭނާގެ ދެ ލޯ ހީވަނީ ރަތްކަމުން އެހެންކަމެއް ހެންނެވެ. މޫނުމައްޗަށް ވެސް ވަނީ ފާޑެއްގެ ކަކުޅުލައެއް އަރައިފައެވެ. ހީވަނީ މޫނަށް ދިލައަރާފައި ހުރިހެންނެވެ.

ހޭއެރުމާއެކު އެނދުން ފުންމާލައިގެން ގޮސް، ރަޝްފާ ވަނީ ގިފިއްޔަށެވެ. ގިފިލިން ނުކުތީ ހައެއް ވެސް ޖެހިފަހުންނެވެ. އެއިރު އޭނާގެ މޫނާއި ލޮލަށް އައިސްފައިވާ ބަދަލު ފާހަގަކުރެވޭކަށް ނެތެވެ. ކުރިއެކޭ ވެސް އެއްގޮތެވެ. އެހެންނަމަވެސް އޭނާގެ ތަބީއަތަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ހީވަނީ ބިރުން ހުންނަހެންނެވެ. ފޫހިވެފައި ހުންނަހެން ވެސް ހީވެއެވެ. ކަމަކާ ނުރުހިފައި ހުންނަހެން ވެސް ހީވެއެވެ. ގިފިލިން ނުކުމެގެން މަޑުމަޑުން ކަންނެތް ގޮތަކަށް ހިނގާލައިފައި އައިސް، އެނދުގައި އަނެއްކާ ވެސް އޮށޯވެއްޖެއެވެ.

ހަގީގަތުގައި ވެސް ރަޝްފާއަށް މިއަދު ފާޑެއްގެ ގޮތްތަކެއް އެބަވެއެވެ. މީގެކުރިން ދުވަހަކު ވެސް ނުވާކަހަލަ ގޮތްތަކެކެވެ. ހީވަނީ އެތެރެހަށީގައި ހަނގުރާމައެއް ކުރަމުންދާހެންނެވެ. އެކިފަހަރު އެކިދިމާއަށް އުނދަގޫވަމުންދެއެވެ. ބަނޑަށެވެ. މެޔަށެވެ. ބޮލަށެވެ. ބުރަކައްޓަށެވެ. އިރުކޮޅަކުން މޭނުބައިކުރާން ފަށައިފިއެވެ. އެނދުން ތެދުވެގެން ބާރުބާރަށް ހިނގާފައި ގިފިއްޔާހަމައަށް ދެވުނީ ހަމަކިރިޔާއެވެ. އޯކާދެމިގެންފައި ހޮޑުލެވިއްޖެއެވެ.

ހޮޑުލެވުނުލެއް ގިނަކަމުން އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ދެ ލޮލުން ފެންއައިސްފައެވެ. ވަރުބަލިގޮތަކަށް ހިނގާފައި ގޮސް، ބަދިގެއަށް ވަދެ، ފެންފޮދެއް ބޮއިލައިގެން އައިސް، އަނެއްކާ ވެސް އެނދުގައި އޮށޯވެލީއެވެ.

އެ ދުވަހު އެއްގޮތަކަށް ވެސް ރަޝްފާ ބޭރަކަށް ނުނިކުމެއެވެ. މާ ބޮޑަށް ބަނޑުހައިވުމުން ގޮސް ކިރުތައްޓެއް ހަދާލައިގެން ބޮއިލަނީއެވެ. އެ ރޭ ވެސް ބުއީ ކިރުތައްޓެއް އެކަންޏެވެ. ތެދުވެ ހިނގައިލާނޭ ހިތްވަރެއް ހަށިގަނޑަކު ނެތެވެ.

ޖެހިގެންއައި ރެއެވެ. ކަރަންޓު ކަނޑާލައިފިއެވެ. އެގާރަގަޑި ބައިވާން ދެމިނެޓަށް ވެއްޖެއެވެ. ރަޝްފާ އޮތީ ބިރުންނެވެ. ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަން، އޭނާގެ ހިތަށް އިތުރު ބިރުވެރިކަމެއް ވައްދަމުން ދިޔައެވެ. އެހެން ރޭރެއާ ޚިލާފަށް މި ރޭ އޭނާއަށް ވަރަށްބޮޑަށް ހޫނުވެއެވެ. އޭނާއަކީ އެހެންޏާ ދުވަހަކު ވެސް، ރޭގަނޑު ހޫނުވާތީ އުޅޭ ކުއްޖެއްނޫނެވެ. މާލޭގައި އުޅުނު ދުވަސްވަރު ވެސް، އޭނާއަކީ ފަންކާޖަހައިގެން ނިދާ ކުއްޖެއްނޫނެވެ. އެހެނަސް މި ރޭ ހޫނުވާވަރުން ކެތްކުރެވޭވަރު ވެސް ނުވެއެވެ. އޭގެއިތުރުން ހަށިގަނޑުގައި އަޅައި ވޭން ވެސް ކުޑައެއްނޫނެވެ.

އެގާރަގަޑި ބައިވިތަނާ ކަހަލަ ގޮތަކަށް، މުޅި ގޭތެރެއަށް ފާޑެއްގެ އައްޔެއް އަރައިގެން ހިނގައްޖެއެވެ. “ބޮޑުމަސް ތިލަވަނީކަން” ރަޝްފާއަށް ކަށަވަރު ވެއްޖެއެވެ. ކުއްލިއަކަށް އެނދުކައިރިން ފެނުނީ، ކުރީ ރޭ އޭނާއަށް ފެނުނު ބިރުވެރި ސޫރައެވެ. ރަޝްފާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އެއިރު އޭނާގެ މުޅި ހަށިގަނޑު ވަނީ ދަލުން ފޯވެފައެވެ.

“އަހަންނަށް މި ވަނީ ކޮން އުނދަގޫތަކެއް؟ ހެޔޮނުވާނެ! އަހަންނަށް މި ފަދަ އަނިޔާއެއް ނުދީ! ” ހަށިގަނޑަށް ލިބެމުންދާ އަނިޔާތައް ބަރުދާސްތުނުކުރެވޭ ހާލު، ރޮއިގެންފައި ރަޝްފާ އާދޭސްކުރާން ފެށިއެވެ.

“މާ ބާރު ހުރި ބަޔަކަށްވެގެން އުޅޭއިރު ކަލޭމެންގެ ފެންވަރަކީ ތިޔައީ. އަދި މިކޮށްލީ ކުޑަކަމެއް. މިހާރު ތި އުޅެނީ ކެތްނުކުރެވިގެން. ރޮއި ހޭރެން ތި ފެށީ. ދެން ކޮންބާރެއް ކަލޭމެންނަށް ލިބިފައި އޮތީ.” އެ އެތި ރަޝްފާއަށް ކުރަންފެށީ ފާޑެއްގެ މަލާމާތެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!