ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ރަޝްފާގެ ލޯމަތިން ނަޒީފު ގެއްލިއްޖެއެވެ. ރަޝްފާ ދެ ލޯ ފުހެލިއެވެ. އެއަށްފަހު ގެއަށް ވަދެ ދޮރުލައްޕާ ތަޅުލައިފިއެވެ. އެއްޗެހި ބަދަލުކޮށްލައިގެން ނިދުމަށް ޓަކައި އެނދުގައި ބުރަކަށި ޖައްސާލުމާއެކު، ރަޝްފާގެ ސިކުނޑީގައި ކޮށައިލީ، ކުރީ ރޭ އިވުނު އަޑާއި ފެނުނު ހުވަފެނެވެ. އެ ވަގުތު އާދަޔާ ޚިލާފުގޮތަކަށް އޭނާގެ މޭ ތެޅިގަތެވެ. ބިރުވެރި ތެޅުމަކުންނެވެ. ބިރުވެރި ވަސްވާސްތަކާއި ޚިޔާލުތައް ހިތުންނެރެ ބޭރުކޮށްލުމަށް މަސައްކަތް ކުރަމުން، އެނދުގެ ބިއްދޮށަށް އެނބުރި ކުރުގެޅިލައިގެން އޮވެ، ނިދޭތޯ ރަޝްފާ މަސައްކަތް ފެށިއެވެ. އޭނާ އޮތީ ދެލޯ މަރާލައިގެންނެވެ. އެހެންނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ތެޅިތެޅި އޮތް ހިތަކާއެކު، ނިދޭނީ ކާކަށް ހެއްޔެވެ؟ އޭނާ މާތްﷲ އާ ވަކީލުކޮށްލައިގެން އޮވެ، ނިދޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

ކަރަންޓު ކަނޑާލިފަހުން ބައިގަޑިއެއްހައި އިރު ވެއްޖެއެވެ. އަދިވެސް ރަޝްފާ އޮތީ ނުނިދިފައެވެ. އެހެން އޮއްވާ ކުއްލިއަކަށް ގޭތެރެއިން އިވުނީ، އެއްފަހަރާ ފަޓާސްތަކެއްގައި ރޯކޮށްލުމުން އިވޭފަދަ އަޑުފަށްގަނޑެކެވެ. ސިހުނުލެއް ބޮޑުކަމުން، ރަޝްފާގެ ހަތަރެސްފައި ކޮޅަށްޖެހުނެވެ. އެވަގުތު ގަތް ބިރެއްގެ ބޮޑުކަމުން، އޭނާއަށް  ހަޅޭއްލަވައިގެންފައި، ފުންމައިގެން ތެދުވެވުނެވެ. ދެ ލޯ ހުރީ ބޮޑުވެފައެވެ. ގޭގެ އެކި ދިމާއަށް ކަޅި ހިންގަމުން ދިޔައިރު، އެއިންކޮންމެ ނަޒަރަކުން ވެސް ފެންނަނީ، ސިހުމާއި ހާސްކަމުގެ އަސަރެވެ.

ގޭތެރެއިން އާދަޔާޚިލާފު އެއްވެސް ކަމެއް ރަޝްފާއަކަށް ނުފެނެއެވެ. އެހެންނަމަވެސް އެ އިވުނު އަޑުފަށްގަނޑަކީ، އާދަޔާޚިލާފު އަޑުފަށްގަނޑެއްކަމުން، އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. އެ އިވުނު އަޑަކީ ހީވިހީވުމަކަށް ހެދޭތޯ، އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެއީ ހީއެއްނޫނެވެ. މިހާރުވެސް އެ އަޑު ގުގުމާފައި އެބަހުއްޓެވެ.

ހާސްވެ ކަންބޮޑުވަމުން ދިޔަ ރަޝްފާއަށް، ކުއްލިއަކަށް އެނދުމަތީގައި ހުރި ބާލީސްތައް ގަޔާލައި ބޮނޑިކޮށްލެވިއްޖެއެވެ. އޭނާއަށް މަތިނޭވާ ލެވެން ފަށައިފިއެވެ. ހިތަށް ވެރިވެގެން ދިޔަ ބިރުވެރި ވަސްވާސްތަކެއްގެ ސަބަބުން، މާބޮޑަށް ބިރުގަތީކަންނޭނގެއެވެ.

ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި އުކައުކާ އިންދާ، ކުއްލިއަކަށް އޭނާގެ ބޮލާ ދިމާއިން މަތިން ކޮންމެވެސް އެއްޗެއް ހަރަކާތްކުރާ ކަހަލަ އަޑެއް އިވޭން ފަށައިފިއެވެ. އެހައިހިސާބުން ރަޝްފާގެ ހަރަކާތަށް  ހުއްޓުން އަރައިފިއެވެ. މީހާ ގަނޑުވެއްޖެއެވެ.

މިހާރު ރަޝްފާއަށް އިވެމުންދަނީ، ސިމެންތިއެއް އުވަދެއް ނުޖަހައި ހުރި ތެޅިގަލުގެ ފާރުން، އެއެއްޗެއް ތިރިއަށް ފައިބާއަޑެވެ. ހީވަނީ ތޫނު ވަކިތަކެއް ފާރުގައި އަޅުވަމުން ފައިބާހެންނެވެ. ރަޝްފާ އިނީ ފާރުގައި ލެނގިލައިގެންކަމުން، އެ އެއްޗެއް ފައިބަނީ ރަޝްފާގެ ބޮލާ ދިމާއިންނެވެ. އޭނާގެ ހިތް ތެޅެމުންދާއަޑު، އޭނާގެ ކަންފަތާ ހަމައަށް ފޯރައެވެ. މި ފައިބަނީ އަނެއްކާ ކޮން ފަދަ އެއްޗެއްބާވައެވެ؟ ރަޝްފާއަށް ދެ ލޯ މަރައި ފިއްތާލެވުނެވެ. ނޭވާ ހިފަހައްޓާލެވުނެވެ. އެ އެއްޗެއް ވަރަށް ތިރިއަށް ފައިބައިފިއެވެ.

ރަޝްފާއަކަށް ނީނދެވުނެވެ. ކުއްލިއަކަށް މައްޗަށް ބަލައިލެވިއްޖެއެވެ. ބޭއިޚްތިޔާރުގައެވެ. ހަމަ އެ ވަގުތު އެ އެތި ފުންމާލައިފިއެވެ. ރަޝްފާގެ އުނގަށެވެ. މާތްކަލާކޯއެވެ! ރަޝްފާއަށް ހަޅޭއްލަވައިގެންފައި އުޅެވުނު ނޫޅެވުނު ގޮތެއް ވެސް ނޭނގުނެވެ. ގަތް ބިރެއްގެ ބޮޑުކަމުން ރޮއިގަނެވުނީ ބާރަށެވެ. އެ ވަގުތު އޭނާގެ އުނގު ތެރެއިން ފުންމާލައިގެން ގޮސް އެނދު ތަންދޮށަށް ވަނީ ބޮޑު މީދަލެކެވެ.

މީދަލެއްކަން އެނގުމުން ރަޝްފާގެ ހިތަށް ލިބިފައިވާ ބިރުވެރި ވަހުމުތަކަށް، ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އެހެނަސް އިސާހިތަކު އޭނާގެހިތް ބިރުވެރި ނާމާން ކަމެއްގެ ތެރެއަށް އަނެއްކާވެސް ޣަރަޤު ކޮށްލައިފިއެވެ. އެނދުދަށުން އެރި ގަދަފަދަ ފެހިކުލައިގެ އައްޔެއްގެ ސަބަބުންނެވެ. ހީވަނީ ފެހިކުލައިގެ ތިންހަތަރު ހޮޅިބުރި އެނދުދަށުގައި ދިއްލައިލިހެންނެވެ. މި މަންޒަރު ފެނުމުން ރަޝްފާއަށް ވީގޮތް ވެސް ނޭނގުނެވެ. އެނދުން ފުންމާލައިގެން ދާން ވެސް އުޅުނެވެ. އެހެންނަމަވެސް ހަށިގަނޑަކަށް ހަރަކާތެއްނައެވެ. އެސްފިޔަ ވެސް ޖަހައިނުލެވި، ފާޑަކަށް ހުއްޓުން އަރާފައި އިންއިރު، އޭނާގެ މުޅިހަށިގަނޑު އެކުގައި ރޫރޫއަޅައެވެ. ދާހިއްލާ ފޯވަމުންދެއެވެ.

މި ފަދަ ހާލެއްގައި ރަޝްފާ އިންދާ، ކުއްލިއަކަށް އެނދު ދަށުން ތެދުވީ ހުތުރު ސިފައަކަށްހުރި،  ބިރުވެރި އެއްޗެކެވެ. ބޮލުގެ އިސްތަށިގަނޑު ދިގުވެގެން ގޮސް ކަނދުރާއަށްވުރެ ތިރިއަށް ފައިބައިފައި އޮތްއިރު، އިސްތަށިގަނޑު އޮތީ އެގޮތްމިގޮތަށް ހާވާލެވިފައެވެ. ކަޅުކަމުން ހީވަނީ އެންދެރިގަނޑެއް ހެންނެވެ. މޫނުމަތީގައި ހުރީ ފާޑެއްގެ މުލިހިތަކެއް ކަހަލަ އެއްޗެހިތަކެއް ނަގާފައެވެ. ދެ ތުންފަތުންކުރެ އެއް ތުންފަތް ވެސް ފާޅުވާކަށް ނެތެވެ. ދިގު ތޫނު ދަތްތައް ހުރީ، ހާމައަށް ފެންނާށެވެ. ނޭފަތުގެ ބަދަލުގައި ހުރީ ދެ ހޮޑެވެ. ދެ ލޯހީވަނީ ދިއްލާފައި ހުރި ފެހިކުލައިގެ ދެ ބޮކިހެންނެވެ. އަތުގެ ނިޔަފަތިތައް ދިގެވެ. މުޅިގައިން ފާޑެއްގެ ކެހެރިތަކެއް ފަޅާފައި ހުންނަހެން ވެސް ހީވެއެވެ.

މި ސިފަހުތުރު ބިރުވެރިއެތި ފެނުމުން، ރަޝްފާއަށް ތެޅިގެންފައި ހަޅޭއްލަވައިގަނެވުނީ، އަޑުގައި ނެތްތަނަށެވެ. އޭނާ އަށް ރޮއިގަނެވުނެވެ.

“ކޮންހަޅޭކެއް ތި ލަވަނީ؟ ކިތަންމެ ވަރަކަށް ހަޅޭއްލަވައި އަޑުގަދަކުރިޔަސް މި ގޭ ހަތަރު ފާރުން ބޭރަކަށް ތި އަޑެއް ނުނިކުންނާނެ!” އެ އެތީގެ އަނގަ ހަރަކާތްކުރާތަނެއް ރަޝްފާއަކަށް ނުފެނުނެވެ. އެކަމަކު ކަންފަތަށް، ވަރުގަދަ ބިރުވެރި އަޑުފަށްގަނޑެއް ވަންނަމުންދިޔައެވެ.

“ކަލޭމެން މި ތަނަކަށް އައިސް، ކީއްވެގެންތަ މަށަށް ތި  އުނދަގޫކުރަން ފެށީ؟ މީ އަހަރެން ދިރިއުޅޭ ގެއޭ! އަހަރެންގެ އާއިލާ މީގެ ތިން އަހަރު ކުރިން ފެށިގެން، އުޅެނީ މި ތަނުގައި. މިގޭގައި. އަހަރެންގެ ހުރިހައި އެއްޗެއް ހަލާކުކޮށް ސުންނާފަތިކޮށްފައި، އެވަރުން ނުވެގެން އަހަރެންގެ ދަރިފުޅު ވެސް ކަލޭ ތި އިނީ މަރާލައިފައި. މި ރޭ ކަލޭގެ ދުވަސްދުއްވައިލައިފައި ނުނީ، މި ތަނަކުން މަށެއް ނުދާނަން! އަދި ކަލޭގެ ފިރިމީހާގެ ދުވަސް ވެސް ދުއްވައިލާނަން.”

“ނޫން!” ރަޝްފާއަށް ރޮއިގަނެވުނެވެ.

“އަހަރެން މިއައީ ކަލޭ ކުރާ އާދޭހުގެ އަޑު އަހާކަށް ނޫނޭ!” އެ އަޑުގައި ބިރުވެރިކަމުގެ އިތުރަށް ހަރުކަށިކަމާއި، ރުޅިވެރިކަން ވެސް އިންތިހާއަށް އެކުލެވިފައި ހުއްޓެވެ.

“ހެޔޮނުވާނެ! ހަދާގޮތެއް….މަށަށް ހަދާ! ނަޒީފަށް…. ގެއްލުމެއް…… ނުދޭތި!” ރަޝްފާއަށް ރޮމުން އާދޭސްކުރަން ފެށުނެވެ. އޭނާ ކަންބޮޑުވީ ނަޒީފަށް ކަމެއްކޮށްފާނެތީ ހެންހީވެއެވެ.

ކުއްލިއަކަށް އެ އެތީގެ ހުތުރު ބިރުވެރި ސިފަ، އާދައިގެ އިންސާނެއްގެ ސިފައަށް ބަދަލުވާން ފަށައިފިއެވެ. ރަޝްފާ އިނދެވުނީ ބަލާށެވެ. ނޭވާ ހިފަހައްޓާލައިގެންނެވެ. ބަލަބަލާ އިންދާ، އެ ސިފަ އެހެރަ އަންނަނީ ބަދަލުވަމުންނެވެ. މިހާރު އޭނާގެ ކުރިމަތީގައި އެ ހުރީ ކަޅު ބިޔަ ފިރިހެނެކެވެ. 

“ނަޒީފެއް އެހެންމީހެއް މަށަކަށް ނޯންނާނެ! ފުރަތަމަ އަހަންނާ ދިމާކުރީ ކަލޭމެން.” އެ މީހާގެ ދެ ލޯ ރަތް އަނގުރުކޮޅެއްހެން ވެއްޖެއެވެ.

“އަހަރެމެން އެއްވެސް މީހަކަށް އުނދަގުލެއް ނުކުރަން.” ރަޝްފާއަށް ވާހަކަދެއްކޭވަރު ވަނީ ވެސް ހަމަކިރިޔާއެވެ. އޭނާ އިނީ ބިރުން ފިތްކަނޑައިގެންދާ ވަރުވެފައެވެ.

“އުނދަގުލެއް ނުކުރަމޭ!” އޭނާގެ ވަރުގަދަ އަޑުން މުޅިގޭތެރެ ގުގުމާލައިފިއެވެ. ރަޝްފާއަށް އަނގައިން ވެސް ބުނަން ނުކެރުނެވެ. “އުނދަގުލަކީ ކޮބައި؟ އަނިޔާއަކީ ކޮބައި؟ އެންމެ ފުރަތަމަ މި ގެއަށް އައިސް ވެރިވެގަތީ. އެއަށްފަހު އަހަރެމެންގެ ދިރިއުޅުމާ ކުޅެގަތީ. އެވަރުންވެސް އަހަރެން އަޅައެއްނުލަން. ކަލޭމެންނަށް ގެދީފައި، ދަރިފުޅު ގޮވައިގެން އަހަރެން އުޅުނީ މި ގޭ ގިފިލީގައި. އެ ކުއްޖާ ނިންދަވާފައި، ގިފިލީ ތަޅުންގަނޑުމަތީގައި ބާއްވާފައި އޮއްވާ، ކުރީ ރޭ ކަލޭ ގިފިއްޔަށް ވަދެ އެ ކުއްޖާގެ ބަނޑުމައްޗަށް އެރިއެރީނުން މަރައިލީ! އަހަރެންގާތަށް އައި ރުޅިން ކަލޭ ކޮއްޕާ ވެސް ލިން. ހަނދާންކޮށްބަލަ! އެ ކުއްޖާއަށް ކަލޭގެ ސަބަބުން ލިބުނު އަނިޔާއިން ސަލާމަތްކުރެވޭތޯ އެކުއްޖާގެ ގަޔަށް އަހަރެން ފެންއަޅައަޅާހުއްޓާ މަރުވެގެން ދިޔައީ. މިއީ އަނިޔާއެއް ނޫންތަ؟” އެ މީހާ ރުޅިއައިސްފައި ހުރިލެއް ބޮޑުކަމުން، ވާހަކަދައްކަމުން ދިޔައިރު ހީވަނީ ހަމަ ދެންމެދެންމެ ރަޝްފާގެ ގަޔަށް ބޮލަށް އަރައިގެންފާނެހެންނެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!