250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީނަށް ވިސާ ލިބޭގޮތަށް ގާނޫނު އިސްލާހުކޮށްފި

ރާއްޖޭގެ ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވީޒާ ދޭގޮތަށް އިސްލާހު ގެނެސް އިމިގްރޭޝަންގެ ބިލު ފާސްކޮށްފި އެވެ.

މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނުއުމުގެ ބިލު މަޖިލީހުން މިއަދު ފާސް ކުރީ 53 ވޯޓުންނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރުން ތިއްބެވި އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލު ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކޮށްފައިވާއިރު، ކޮމިޓީން ވަނީ އިމިގްރޭޝަންގެ ގާނޫނަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ނިންމާފަ އެވެ.

އެގޮތުން މީޓިންގ ވީޒާ އަދި ކޯޕަރޭޓް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މީޓިންގް ވީޒާ އަކީ ކުރިން ރާއްޖޭގައި ދޫކުރެވެމުން އައި ވީޒާއެއް ނޫނެވެ. އެހެންކަމުން މިފަދަ ވީޒާއެއް ތައާރަފްކުރުމަށް ކޮމިޓީގައި ފުޅާ ދާއިރާއެއްގަ މަޝްވަރާކުރެވުނެވެ. މީޓިންގް ވީޒާގެ ދަށުން އާދެވޭނީ ކޮންފަރެންސްތަކާ މީޓިންތަކުގެ އިތުރުން ސަރުކާރުން ހުއްދަދީގެން އަންނަ އިވެންޓުތަކަށެވެ.

މީގެއިތުރުން ކޯޕަރޭޓް ރެޒިޑެންޓް ވީޒާގެ ދެބާވަތެއް ދޫކުރުމަށް ކޮމިޓީގެ ރިޕޯޓުގައިވެ އެވެ. ކޮމިޓީ ރިޕޯޓުގައިވަނީ ރާއްޖޭގެ ބޭންކެއްގައި 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަތަކަށް ބަހައްޓާފައިވާ ފަރާތްތަކަށް އެ ބަހައްޓާފައިވާ މުއްދަތަށް ވީޒާ ދޫކުރުމަށް ހުށައަޅާފަ އެވެ. އަދި ރާއްޖޭގެ ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ފަސް އަހަރުން ފަސް އަހަރުން އެ އިންވެސްޓްމެންޓްގެ މުއްދަތުގައި ވީޒާ ދޫކުރުމަށް ވަނީ އިސްލާހު ހުށައެޅިފަ އެވެ.

އިންވެސްޓް ކުރަންވާނީ، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށް ކަމަށްވެސް ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކުގައި ބުނެފަ އެވެ.

މީގެއިތުރުން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންގެ ތެރެއިން، ކައިވެނީގެ މުއްދަތުގައި ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނާއި، އެ ކައިވެނިން ދަރިއެއް ލިބިފައިވާ ބިދޭސީންގެ ތެރެއިން، ވަރިވެފައިވާ ޙާލަތުގައި ނުވަތަ އޭނާ ކައިވެނިކޮށްގެން އުޅުނު މީހާ ނިޔާވެފައިވާ ޙާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީންނަށް ރެޒިޑެންޓް ވީޒާ ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މި ހާލަތްތައް ނިމުމަކަށް އައުމުން ވީޒާ ބާތިލުވެގެންދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އޭގެ އިތުރުން އެ ހާލަތްތައް ދެމިއޮތްނަމަ، އެފަރާތަކަށް ދޫކުރާ ކޯޕަރޭޓް ރެސިޑެޓް ވިސާ ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭނެ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ފުރަތަމަ ހުށަހަޅާއިރު، ލިބޭނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!