2021 ނިމޭއިރު ރާއްޖޭގެ ދަރަނި 82 ބިލިއަން ރުފިޔާއަށް އަރާނެ

2021 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 124.8 އިންސައްތަ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. މިގޮތުން މި ކަމުގެ އަސަރު ރާއްޖޭގެ ހުރިހާ ސިނާއަތަކަށް ކޮށްފައިވާކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މި އަހަރު 65 އިންސައްތަ ދަށަށް ދާނެ ކަމަށާއި އެއާއެކު ފަތުރުވެރިކަމުގެ ދާއިރާ 68 އިންސައްތަ ދަށަށް ދާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އިމާރާތްކުރުމުގެ ދާއިރާއަށްވެސް ވަނީ 11 އިންސައްތައިގެ ދަށްވުމެއް އައިސްފައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

“މި ވަގުތު އިގްތިސާދުގައި އެންމެ މުހިއްމު ރޯލެއް ކުޅެވޭނީ ސަރުކާރަށް، ފިސްކަލް ޕޮލިސީގެ ތެރެއިން. އިގްތިސާދީ ކުރިއެރުން އަވަސްކޮށް، މި އަޑިގަނޑުން އަރައިގަތުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރާނެ. ނަމަވެސް އިޤްތިސާދު މެނޭޖްކުރުމަށްޓަކައި މި ވަގުތު ދޭން އޮތް ފަރުވާގެ ސައިޑް އިފެކްޓަކީ ދަރަނި މައްޗަށް ދިއުން.” އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، މި ވަގުތު ދަރަނި މައްޗަށް ދިޔަ ނަމަވެސް، މެދުރާސްތާގައި ދަރަނި ކުޑަކުރެވޭނެ ކަމަށާއި މެދުރާސްތާގައި ދަރަނި ‘ސަސްޓެއިނަބަލް’ މަގަށް ގެންނަން، ޖީޑީޕީ އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ޖީޑީޕީ މިހާރު ދަށަށްދާ ދިޔުން ހުއްޓުމަކަށް ގެނެސް، 2021 ވަނައަހަރު ‘ގްރޯތް ޕާތް’ އަކަށް ދާންޖެހޭ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

“2021 ވަނައަހަރު ބަޖެޓުގެ އަމާޒަކީ މިއީ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން.” އަމީރު ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑްއާއި ހެދި އަންދާޒާކުރި ގޮތާއި ޚިލާފަށް ޖީޑީޕީ 29.3 އިންސައްތަ އިން ދަށްވެ، އާމްދަނީ ދަށްވުމާއި ގުޅިގެން އިތުރު ދަރަނި ނަގަންޖެހުމުން، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިވަނީ އިތުރުވެފައިކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!