އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މައްސަލަ ބަލަން ފެށުން ލަސްވުން: ޕީޖީ

ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިމައްސަލަ ބަލަން ފެށުން ލަސްވުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާން” ޕްރޮގްރާމުގައި ޕީޖީ ޝަމީމް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައަކީ ވަރަށް އިސްކަންދީގެން ބަލަމުންދާ މައްސަލައެއް ކަމަށެވެ. މިގޮތުން މިމައްސަލަތަކާއި ގުޅޭގޮތުން އެސެޓް ރިކަވަރީ ކޮމިޝަނާއި، ޕީޖީ އޮފީހާއި، އޭސީސީ އާއި، ފުލުހުން ކޮންމެ ހަފްތާއަކު ވެރިންގެ ލެވެލްގައިވެސް، އަދި ތަހުޤީޤު ޓީމުތަކުންވެސް ބައްދަލުވެ މަޝްވަރާ ކުރެވެމުންދާ ކަމުގައި ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިމައްސަލައިގައި މަންފާ ލިބުނު މީހުންނަކީ، ނިސްބަތުުން ގިނަ ބަޔަކަށްވާއިރު އެމީހުންގެ މައްސަލަތައް މިހާރުވެސް ތަހުގީޤު ކުރަމުންދާކަމަށެވެ. މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިމައްސަލަ ބަލަން ފެށުން ލަސްވުންކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ. އެގޮތުން މިމައްސަލަ ބަލަން ފެށިފައި ވަނީ ވެސް މިކަން ހިނގިތާ ހަތަރު ފަސް އަހަރެއް ފަހުންކަމަށާއި، މިއަދު މިފައިސާގެ ބޭނުންކޮށް އެކިއެކި މަސައްކަތްތައްވެސް ކޮށްފައިވާކަމަށެވެ. ޕީޖީ ވިދާޅުވީ މިމައްސަލައިގައި ޝާމިލުވާ މީހުންގެ ތެރޭގައި މިސަރުކާރުގެ މީހަކު ވިޔަސް ދައުވާ ކުރުމަށް ފަހެއް ނުޖެހޭނެކަމަށެވެ.

“އޭގެ މަންފާލިބުނު ވަރަށް ގިނަ މީހުން އޭގަ އެބަހިމެނޭ. އޭގަ އެބަހިމެނޭ އޭގެ ނުބައި މަޤްސަދެއްގަ ވައްކަން ކޮށްގެން ޚިޔާނާތްތެރިވެން ހޯދާފައިވާ ފައިސާކަން އެގިތިބެ އެފައިސާއިން މަންފާ ހޯދައިފާ މީހުން އެބަތިބި. މިސަރުކާރުގައިވެސް އެބަތިއްބެވި. ކުރީ ސަރުކާރުގައިވެސް އެބަތިއްބެވި. އަދި ސަރުކާރަކަށް ނިސްބަތް ނުވާ މީހުންގެވެސް އޭގެ ތެރޭގައި އެބަހިމެނޭ” ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ޚިޔާނާތުގެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތްކަމަށާއި، އެ މައްސަލާގައި ޝާމިލުވާ ފާރާތްތަކުގެ މައްސަލަތައް ލިބޭހައި އަވަހަށް ދައުވާ ކުރަން ފޮނުވާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!