ދެވަނަ ފަހަރަށް ގްރީސް ފުރަބަންދަށް

ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ގްރީސް އަނެއްކާވެސް ފުރަބަންދުކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ގްރީސްގައި މިހާތަނަށް 49،807 މީހުންނަށް ކޯވިޑް-19 ޖެހި 702 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ގްރީސްގެ ރަސްމީ ފަރާތްތަކުންވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 20 އިންސައްތައިން އިތުރުވެފައިވާކަމަށް ބުނެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 2،917 މީހުންނަށް ބަލިޖެހި 29 މީހުންވަނީ މަރުވެފައެވެ. އެ ދެ ޢަދަދަކީވެސް އެއްދުވަސް ތެރޭގައި ގްރީސްގައި ބަލިޖެހުނު މީހުންނާއި މަރުވި މީހުންގެ ޢަދަދު އެންމެ މަތިވި ޢަދަދެވެ.

ކޯވިޑް-19ގެ ފުރަތަމަ ރާޅު ފެތުރެން ފެށުމުން މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 42 ދުވަހުގެ މުއްދަތަށް ގުރީސްވަނީ ފުރަބަންދުކޮށްފައެވެ. އެއަށްފަހު ޙާލަތު ރަނގަޅުވާން ފެށުމުން މަޑުމަޑުން ފިޔަވަޅުތަކަށް ލުއިދީ ވިޔަފާރި ޙަރަކާތްތައްވަނީ އަލުން ފަށައިފައެވެ. ގްރީސްގެ ބޮޑުވަޒީރު ކިރިޔާކޯސް މިޓްސޮސާކިސް މީގެ ކުރިންވަނީ އިތުރު ގޮތެއް ނެތުމުން ނޫނީ ދެވަނަ ފަހަރަށް ޤައުމު ފުރަބަންދު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ބޮޑުވަޒީރު ކިރިޔާކޯސް ވިދާޅުވީ ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެފައިވާކަމަށެވެ. މި ޙާލަތުގައި ޤައުމު ފުރަބަންދު ނުކޮށްފިނަމަ ޤައުމުގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެ ހިފަހައްޓާނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ފިޔަވަޅު އެޅުން ލަސްކުރުމުގެ ބަދަލުގައި މިހާރުން މިހާރަށް ފިޔަވަޅު އަޅައި، ތިން ހަފުތާގެ މުއްދަތަށް ޤައުމު ފުރަބަންދުކުރުމަށް ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!