ޝިލްޕާ ބުނަނީ 14 އަހަރުގެ ކުއްޖެއްގެ ހެދުން ވެސް އޭނާއަށް ހެޔޮވަރުވާނެ ކަމަށް!

1990 ގެ އަހަރުތަކުން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް ބޮލީވުޑްގައި ގަދަޔަށް ވިދައިލި ބަތަލާ ޝިލްޕާ ޝެޓީގެ ވިދުން ފިލްމީ ދާއިރާގައި މިހާރު ފަނޑުވެފައި އޮތަސް، މީސްމީޑިއާގައި އަދިވެސް ގިނަ ބަޔަކު އޭނާއަށް ފާރަލަމުން އާދެއެވެ. އޭގެ އެއް ސަބަބަކީ، ޝިލްޕާ ފިޓްނެސް އަށް ގެންގުޅޭ ލޯތްބެވެ. އުމުރުން 45 އަހަރު ވެފައިވާއިރުވެސް، ޝިލްޕާގެ ހަށިގަނޑަށް ބަލާފައި ހީވަނީ އަދިވެސް 20 އަހަރުގެ ޒުވާނެއް ހެނެވެ.

އެއާއެކު މިފަހަރު މި ގެނެސްދެނީ ޝިލްޕާގެ ފޭނަކު ހިއްސާކޮށްފައިވާ މަޖާ ވާހަކައެކެވެ. މީޑިއާއަކާ ވާހަކަ ދައްކަމުން އެ މީހާ ބުނިގޮތުގައި، ޖޫހޫގައި ހުރި ހެދުން ވިއްކާ ފިހާރަކައަށް ބާޒާރުކުރަން ޝިލްޕާ ދިޔައިރު، އޭނާއަށް ވެސް އިއްތިފާގުން ހުރެވުނީ އެ ފިހާރައިގައެވެ. އަދި ޝިލްޕާ އެތަނަށް ވަނީންސުރެ ގިނަބައެއްގެ ލޯތައް އަމާޒުވެފައި ހުރިއިރު، އެ މީހާ ވެސް ހުރީ ސިއްރުން ޝިލްޕާގެ ހަރަކާތްތަކަށް ބަލަން ކަމަށް ބުންޏެވެ.

އެހެން ހުއްޓައި ޝިލްޕާ ހެދުންތަކަށް ބަލަބަލާފައި ބައެއް ހެދުން ގަންނަން ނަގައި، ކައުންޓަރާ ހަމައަށް ދިޔައިރު އެ މީހާ ހުރީ ކައުންޓަރު ކައިރީގައެވެ. އެވަގުތު ޝިލްޕާގެ ލޮލުގައި އަޅައިގަތީ ކައުންޓަރުގެ ފަހަތުގައި ހުރި ނޫކުލައިގެ ވަރަށް ރީތި ހެދުމެއް ކަމަށް އެ ފޭން ކިޔައިދިނެވެ. އެއާއެކު އޭނާ އެ ހެދުން ބޭނުންވެގެން ބަލަމުން ދަނިކޮށް ފިހާރައިގެ ސްޓާފެއް އައިސްފައި ބުނި އެއްޗަކުން ޝިލްޕާއަށް ލިބުނީ ހައިރާންކަމެވެ. “ތިއީ 14-15 އަހަރު ކުދިންގެ ހެދުމެއް” ސްޓާފް ބުނި ކަމަށްވެއެވެ. އެ އަޑު އިވިފައި ޝިލްޕާ އޭގެ ރައްދުގައި މަޑުމަޑުން ބުނެލީ އޭނާއަށް އެ ހެދުން ހެޔޮވަރު ވާނެ ކަމަށެވެ.

ނަމަވެސް ޝިލްޕާ އެ ފިހާރައިން ނުކުމެގެން ދިޔައީ އެ ނޫ ހެދުން ނުގަނެ ކަމަށް ފޭން ބުންޏެވެ. ކޮންމެއަކަސް އެ މީހާ ވެސް ބުނަނީ، ޝިލްޕާގެ ލޫޅާފަތި ހަށިގަނޑަށް ބަލާފައި އެ ހެދުން ހަގީގަތުގައިވެސް އޭނާއަށް ހެޔޮވަރު ވެދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!