ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %61 މަސައްކަތް ނިމިއްޖެ

ށ. ފީވަކުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ފީވަށް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ %53 އާއި, އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %41 ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 55,163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށާއި 356 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 182 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށާއި 2،320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި އަހަރުގެ އޭޕްރިލް 7 ގައި މޮބިލައިޒްކުރެވުނު އެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 27.3 މިލިއަން ރުފިޔާ އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!