ކުދި ވިޔަފާރިތައް ކުރިއަރުވަން އިކޮނޮމިކް މިނިސްޓްރީ އާއި އެޗްޑީސީއާއެކު އެއްބަސްވެއްޖެ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށް، އެ ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ މަގްސަދަކީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި މިނިސްޓްރީ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ހުޅުމާލޭގައި ހިންގޭ ޕްރޮޖެކްޓް ތަކުގައި، އެޗްޑީސީގެ އެއްބާރުލުމާއި ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

އެގޮތުން އެޗްޑީސީން ހިންގާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވުމަށް މަގުފަހިކޮށް، އެފަދަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށް ދިނުމާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިސްނަގައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށްޓަކައި ހުޅުމާލޭގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގައި، ކޮންސެޝަނަލް ރޭޓް އެއްގައި ޖާގަ ފޯރުކޮށްދިނުމާއި، އެޗްޑީސީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން، ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް އެ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގާ ހަރަކާތްތަކަށް އެޗްޑީސީން ދެވެން އޮތް އެހީތެރިކަމެއް ދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ދުރު ރާސްތާގެ ޕްލޭންތައް ހެދުމާއި މިފަދަ ވިޔަފާރިތަކަށް ފުރުސަތު ހޯދައި ދިނުމަށް، ދެ ކުންފުނިން ގުޅިގެން މަސައްކަތް ކުރުންވެސް މި އެއްބަސްވުމުގެ މަގަސްދުގައި ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފޯރުކޮށްދެވި، މިފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!