އަހަރެން ހުސްހަށިބަޔަށް ހުރުމުގެ ޒިންމާ ނަގަންޖެހޭނީ އަޖޭ: ތަބޫ

ބޮލީވުޑްގެ ހުނަރުވެރި އެކްޓްރެސް ތަބޫ، ބުދަ ދުވަހުގެ އޭނާގެ 50 ވަނަ އުފަންދުވަސް ފާހަގަކުރި އިރު، ބައެއް މީޑިއާތަކުން ވަނީ އޭނާ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ކިޔައިދީފައިވާ ހަޔާތުގެ ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.

އެގޮތުން އެހާ ދުވަސްވީއިރު ވެސް ކައިވެންޏެއް ނުކޮށް ހުސްހަށިބަޔަށް ހުންނަ ސަބަބާ ބެހޭގޮތުން ވާހަކަދައްކަމުން ތަބޫ މީގެކުރިން ބުނެފައިވާ ގޮތުގައި، އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެކްޓަރު އަޖޭ ދޭވްގަން އެވެ. އަޖޭއާއެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އެކްޓްރެސް ކިޔައިދިން ގޮތުގައި، އެދެމީހުން އުޅެބޮޑުވީ އެއް ހިސާބުގަނޑެއްގައެވެ. އުމުރުން 13-14 އަހަރުން ފެށިގެން އެކަކު އަނެކަކު ދަންނަ ކަމަށް ބުނަމުން ތަބޫ ބުނީ، އަޖޭއަކީ އޭރު އޭނާގެ ބޭބެގެ ވަރަށް ގާތް އެކުވެރިއެކެވެ.

ޖޫހޫގައި ދިރިއުޅެމުން ދިޔައިރު، އަޖޭ އާއި ބޭބެ އޭރު އުޅެނީ އެތާ އޮންނަ ގޭންގަކާ ގުޅިގެން ކަމަށާއި، ތަބޫއާއި އޭނާގެ އެކުވެރިން ވެސް އެ ސަރަހައްދުގައި އެމީހުންގެ ސަމާލުކަން ހޯދަންވެގެން “ތުއި ދެއްކެމުން” އުޅުނު ކަމަށް ތަބޫ ކިޔައިދިނެވެ. އަދި އޭރު ތަބޫގެ ބޭބެއާއި އަޖޭ އުޅެނީ ތަބޫގެ ފަސްފަހަތް ބަލަމުން، އޭނާ އުޅޭނޫޅޭ ގޮތް ބަލަން ވެގެން ކަމަށް ބުންޏެވެ. “އެމީހުން ވަރަށް އޯވާޕްރޮޓެކްޓިވް ވެގެން އުޅޭނީ. ފިރިހެން ކުއްޖަކު އަހަންނާ ވާހަކަ ދައްކައިލިޔަސް ގޮސް އެކުއްޖެއްގެ ގައިގަ ތަޅައިގަންނަ ހިސާބަށްދާނެ. އަދި އަހަންނަށް އިންޒާރުވެސް ދޭނެ ފިރިހެންކުދިން ތިބޭ ތަންތަނަށް ނުދާށޭ ކިޔާފަ”.

އެއާއެކު ސަމާސާއަކަށް ހަދާފައި ތަބޫ ބުނީ، އޭނާ ފިރިހެނުންނާ ވާހަކަ ދައްކަން ޖެހިލުންވީ އަޖޭއާ ހެދި ކަމަށެވެ. އަދި އޭގެ ސަބަބުން އެއްވެސް މީހަކާ ރައްޓެހިނުވެ ހުސްހަށިބަޔަށް ހުންނަން ޖެހުނީ ކަމަށް ބުންޏެވެ.

ތަބޫއަކީ ދެފަހަރު މަތިން ޤައުމީ އެވޯޑު ހާސިލްކޮށްފައިވާ ކުޅަދާނަ އެކްޓްރެސް އެކެވެ. އަދި އޭނާ އަޖޭއާއެކު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި “ވިޖާޔާޕަތު” (1994)، “ހަގީގަތު” (1995) އަދި “ޑްރިޝްޔާމް” (2015) ހިމެނެއެވެ. އަދި މިދިޔަ އަހަރު ކުޅުނު “ދޭ ދޭ ޕިޔާރް ދޭ” އަކީ އެންމެފަހުން އެދެމީހުން އެކުގައި ފެނުނު ފިލްމެވެ. ތަބޫ ހުސްހަށިބަޔަށް ހުއްޓަސް، އަޖޭ އުޅެނީ މަޝްހޫރު ބަތަލާ ކާޖޮލް އާ ކައިވެނިކޮށްގެނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!